ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭ ނަމަ މަޖިލީހުން ރުހުން ހޯދަން ޖެހޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ ބުދަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ރުހުން ލިބިގެން މެނުވީ ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ. ޝާހިދު ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އިސްލާހު ކުރުމަށެވެ.
ޤާނޫނު އަސާސީގެ އެ މާއްދާގައި މިހާރު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫން ގޮތަކަސް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަށް ނުދެވޭނެއެވެ. އަދި އެ މާއްދާއަށް މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫން ގޮތަކަށް އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުން އަސްކަރީ ބޭނުމަށް ބޭނުންކުރުމަށް ނުދެވޭނެ ކަމަށެވެ.
މީގެއިތުރުން އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި މަޖިލީހުން ފާސްނުކޮށް އަސްކަރީ ބޭނުމަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ނުދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ސަރުކާރަށް އައުމަށް މި ސަރުކާރުން އެންމެ ބޮޑަށް ދެއްކީ އިންޑިއާ އިން ހަދިޔާކުރި ޑޯނިއާ ދުއްވަން ސިފައިން ތިބުމެވެ. އަދި ޑޯނިއާ ދުއްވަން ދިވެހި ސިފައިން ތަމްރީނުކުރިނަމަވެސް، އެ ދުއްވާފައިވަނީ އިންޑިއާ ސިފައިންނެވެ. އަދި ފަހުން އިންޑިއާ ސިފައިން ފޮނުވާލަން ނިންމާ އުޅަނދު ނުދުވާ އެތައް ދުވަހެއް ވަންދެން ބާއްވާފައި އޮތުމަށްފަހު، އިންޑިއާގެ އަސްކަރިއްޔާގެ މަދަނީ މުވައްޒަފުން އަނބުރާ ރާއްޖެ ގެނެސް ބޯޓު ދަނީ އޮޕަރޭޓް ކުރަމުންނެވެ.