ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި 2016 ވަނަ އަހަރު އދ ގެ އާންމު މަޖިލީހުގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވަކާލާތު ކޮށްފައި ނުވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުން ޗާގޯސް މައްސަލައިގައި ގަސްދުގައި ދޮގު ހަދަމުންދާ ކަމަށެވެ.
ޗާގޯސް މައްސަލައާއި ގުޅުންހުރި ބައެއް ކަންކަން ހާމަ ކުރައްވަމުން ޝާހިދު ވިދާޅުވީ 2010 ގައި އދގެ މަޖިލީހަށް ލިޔުންތަކާއި، ޗާޓުތައް ކުރަހާފައި ހުށަހެޅުއްވި އިރު އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް، އޭރުގެ ސަރުކާރަށް، ޗާގޯސް ހިމެނޭ ގޮތަށް ކުރަހާފައި ފޮނުވަން ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ހުށަހެޅުއްވި ކުރެހުމުގައި ވަނީ އައްޑުއަތޮޅުން ފެށިގެން 200 މޭލު ކަމަށާއި، ޗާގޯސް އޭގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.
އަދި އދ އަށް ކުރެހުންތައް ހުށަހެޅުމުން، މޮރިޝަސް އަދި އިނގިރޭސި ވިލާތުންވެސް ބުނެފައިވަނީ 200 މޭލު ރާއްޖެއަށް ލިވޭނެކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ. ޝާހިދު ވިދާޅުވީ އެއިރުވެސް މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރާއި މެދު ދައުވާކުރާ ކަމަށެވެ.
މޮރިޝަސް އިން މި ބުނަނީ ތިމަންނަމެން ގަބޫލެއް ނުކުރަމޭ އަދި އިނގިރޭސި ވެސް ބުނީ ތިމަންނައަށް ބޫލު ނުކުރުމޭ 200 މޭލު ކަލޭ މެންނަށް ފުލްކޮށް ލިބޭ ކަމަށް އިނގޭތޯ. ދެން އެ މައްސަލަ ޖެހިފައި އޮތީ. 2016 ވަނަ އަހަރު އދ ގެ އާންމު މަޖިލީހުގެ އަލުން މި މައްސަލަ ނެގި، ޗާގޯސްގެ މައްސަލަ ނެގިއިރު ރައީސަކަށް ހުންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިނގޭތޯ. އދ މަޖިލީހުގައި އެ ބަހުސް ކުރެވުނު އިރު ރާއްޖެއަށް އެއް ފަހަރު ވެސް އަތް ނަގާފައި އދގެ ޕޯޑިއަމްގައި ވާހަކަ ދައްކާފައެއް ނެތް ޗާގޯސްއަކީ އަޅުގަނޑުމެންގެ ތަނަކޭ. އދ މަޖިލީހުން ފާސްކުރީ މި މައްސަލަ ފޮނުވަންވީ އޭ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް. ކޯޓަށް ފޮނުވާނީ އެ ކޯޓުން ގޮތެއް ނިންމަން. އދގެ ޤައުމުތަކުގެ ތެރެއިން ހަތަރު ފަސް ޤައުމެއް ނޫން އެހެން އެންމެނަށް ފެނިގެން ފޮނުވި ފޮނުވީމަ އެބަ ލިބޭ ދިވެހިރާއްޖެއަށް، ރައީސް ޔާއީސް ޔާމީންގެ ސަރުކާރަށް ފުރުޞަތު އެބަ ލިބޭ އދ ގެ މަޖިލީހުގަ މި މައްސަލަ އޮތް އިރު އެތަނަށް ތަދައްޚުލް ވެގެން މި ވާހަކަ ދައްކަން. ދިވެހި ސަރުކާރަކުން އެ ކަމުގެ ބައިވެރިއެއް ނުވޭ. އެ މައްސަލަ ދާނެ ގޮތަކަށް ދާން ދޫކޮށްލެއްވި، އެއީ އެންމެ ފަހުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބުނު މިކަމުގައި.ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ ރާއްޖެއިން ފުރުސަތުގެ ބޭނުން ނުހިފުމުން، ބައިލްއަޤާމީ ޤާނޫނުގެ ދަށުން ކަނޑައެޅީ، ޗާގޯސްއަކީ އަދި އޭގައި ދެކުނުން ހުރި ރަށްތަކަކީ މޮރިޝޮސްގެ ޙައްގެއް ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރާ ހަމައަށް އައިއިރު އޮތީ އިންޓަނޭޝަނަލް ކޯޓު ޖަސްޓިސުން ނިންމާ، އދ ގެ އާންމު މަޖިލީހުން ނިންމާފައި ކަމަށެވެ. ސަރުކާރަށް އައީ ޗިޓް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެއީ އެނގިވަޑައިގަންނަވާނެ މިހާރު ދެ ގޯއްޗެއްގެ އިން ފުށުއަރައިފިއްޔާ އެ މައްސަލައިގައި އެއްގޯތީގެ ވެރިމީހާ ކޯޓަށް ދިޔައިމަ ކޯޓުން އަނެއް ގޯތީގެ ވެރިމީހާއަށް ޗިޓް ފޮނުވާ ނޫންތޯ. އަޅުގަނޑުމެން މޮރިޝަސްއާއި ދިވެހިރާއްޖެއާ ދެ ބައި މީހުންނަކީ ވެސް އިންޓަނޭޝަނަލް ލޯ އޮފް ދަ ސީ ކޮންވެންޝަން ގެ ބައިވެރި ތިބި މީހުންނަށް ވާތީ އަޅުގަނޑުމެންނަށް އެ ކޮންވެންޝަން ގެ ދަށުން އެ މުޢާހަދާގެ ދަށުން އަޅުގަނޑުމެން ބަނދެވިފައި ތިބެނީ. އެހެންވީމާ މައްސަލަތައް ގެންދަން އަންނަނީ އިޓްލޮސްއަށް. އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ލޯއަށް. އިޓްލޮސްއަށް މައްސަލަ ހުށަހެޅީމާ، އިޓްލޮސްއިން ދިވެހި ސަރުކާރަށް އައީ ޗިޓް. މޮރިޝަސް އިން އިމާ ބެހޭ ގޮތުން މައްސަލަ ޖައްސައިފިއޭ ކަލޭމެން ކޯޓަށް އަންނާށޭ.ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ ސަރުކާރަށް ލިބުނު ޗިޓާއެކު ދިވެހި ސަރުކާރަށް އޮތީ ދެ ޗޮއިސް ކަމަށެވެ. އެއީ ކޯޓަށް ގޮސް ރާއްޖޭގެ ޕޮޒިޝަން ދިފާޢުކުރުން ކަމަށާއި، އަނެއް ޕޮޒިޝަނަކީ އަޅާނުލާ ތިބުން ކަމަށެވެ. އަދި އެތަނަށް ގޮސް ވަކީލުން ބަންޑާރަނައިބު ހިމެނޭ ގޮތަށް ދުނިޔޭގައި ތިއްބެ އެންމެ މޮޅު ލޯޔަރން ހިމެނިގެން ވަކާލާތުކުރީ ކޯޓަކަށް އެކަން ބަލާކަށް ހައްގެއް ނެތް ކަމަށާއި، ނަމަވެސް ކޯޓުން ނިންމީ އެ މައްސަލަ ބަލަން ކޯޓަށް ޙައްޤު ލިބިގެންވާ ކަމަށާއި، އެކަން އޮތީ ބަލަން ނިންމާފައި ކަމަށެވެ.
އެމްޑީޕީގެ ސަރުކާރަށް ދެން ޖެހުނީ ރާއްޖޭގެ ޕޮޒިޝަން ދިފާއުކުރަން. ނަމަވެސް މޮރިޝަސްއިން ބުނަމުން ގެންދިޔައީ އެ ފުށުއަރާ ބައިގެ ބޮޑުބައި ލިބެނީ މޮރިޝަސް ކަމަށް. ނަމަވެސް ސަރުކާރުން އެކަމާއި އިއުތިރާޒުކޮށް، އެ ބުނާ ޕޮއިންޓް ކަމުގައިވާ ބްލެން ހަމް ރީފް ފަރުން މޭލު ބަލަން ޖެހޭނީ ރާއްޖެއާވީ ފަޅިއަށް ނޫން ކަމަށާއި، ސަބަބަކީ އެއީ ހިކިދިޔާގައި އަޑީ އޮންނަ ފަރެއް ކަމަށްވުމުން ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެ މީހުންނަށް އެ ފުރުޞަތެއް ނުލިބޭނެ ކަމަށް.ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ ރާއްޖެއިން ވަކާލާތުކުރީ އެންމެ ބޮޑެތި ލޯޔަރުންނާއެކީ ކަމަށާއި، ރާއްޖެއަށް ބޮޑުބައި ލިބި ކާމިޔާބުވި ކަމަށެވެ. ނަމަވެސް އެހިސާބަށް ކަންތައް ދިޔާމަވެސް މި ސަރުކާރުން ބުނަނީ ކަނޑު ދޫކޮށްލީ ކަމަށާއި ވިއްކާލި ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން ދައްކާ ވާހަކައެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.