"ސްކީލާން" ޑޮކިއުމަންޓްރީއަށް އެވޯޑް ލިބުނު މައްސަލައިގައި މީޑިއާ ކައުންސިލް ހާޒިރުކުރި ދެވަނަ ކޮމިޓީ ވެސް ސިއްރުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްދެއްވުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ނަމަވެސް ކޮމިޓީ ސިއްރުކުރަން ޖެހޭ އެއްވެސް ސަބަބެއް ވިދާޅެއް ނުވެއެވެ. ކެލާ ދާއިރާގެ މެންބަރުގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިންއެވެ. ކޮމިޓީގައި ހިމެނޭ ސަރުކާރުގެ މެންބަރުން ވަނީ ބައްދަލުވުން ސިއްރުކުރުމަށް ވޯޓުދެއްވާފައެވެ. ކޮމިޓީ ސިއްރުކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ ކޮމިޓީގައި އިންނަވާ ހަމައެކަނި އެމްޑީޕީގެ މެންބަރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ބުދަ ދުވަހުގެ ހެނދުނު 11:30 ގައި ވެސް ހާޒިރުކޮށް، އެ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފައެވެ.
މީޑިއާ ކައުންސިލް ހާޒިރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެންނެވެ. މީގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ޖީ ސްކީލާން ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތަހުގީގީ އުފެއްދުން "ސްކީލާން" އަށް އެވޯޑް ލިބުނު މައްސަލަ ހިމެނެއެވެ.
"އަދަދު" ނޫހުގެ ތަހުގީގީ ޑޮކިއުމެންޓްރީ "ސްކީލާން" އަށް އެވޯޑް ލިބުނު މައްސަލައިގައި ސަރުކާރުން އަންގައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މީޑިއާ ކައުންސިލަށް ވަދެފައިވެއެވެ.