ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 00:42
މިނިސްޓަރ ޒެނިޝާ އާއި މެޑަމް ފާތުން
މިނިސްޓަރ ޒެނިޝާ އާއި މެޑަމް ފާތުން
ގޫގުލް
ޖެންޑަރ މިނިސްޓްރީ
އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙް ކޮށްފި
މި އެކްޝަން ޕްލޭންއަކީ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ފުރަތަމަ ފަހަރަށް އެކުލަވާލި އެކްޝަން ޕްލޭނެއް

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން ކަމާބެހޭ ދާއިރާތަކާއެކު، އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙް ކޮށްފިއެވެ. ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ "އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި މިފަދަ ޕްލޭނެއް އެކުލަވާލުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ޕްލޭންގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ކޯޑިނޭޝަން ވަރުގަދަވެ، ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ލަސްނުވެ ލިބިގެންދިއުން" ކަމަށެވެ. އަދި، އަނިޔާގެ ސަބަބުން ކުދިންނަށް އަންނަ ބަދަލުތައް ނުވަތަ ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަމުގެ ނިޝާންތައް ދެނެގަނެ އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ލަސްނުކޮށް ގެނެސްދެއްވުމަށް ވެސް މިނިސްޓަރ ޒެނީޝާ އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. އެލިސް އަކުންގާގެ ވާހަކަފުޅުގައި، އ.ދ.ގެ ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި، އެބޭފުޅާގެ 3 އަހަރު ދުވަހުގެ  މުއްދަތުގައި މިދާއިރާއިން ހޯދަމުންދާ ކާމިޔާބުތައް ފާހަގަކުރައްވައި، މިފަދަ މަސައްކަތްތައް ކުރިއަށް އޮތްތަނުގައިވެސް ހަލުވި ދުވެއްޔެއްގައި ކުރިޔަށްގެންދެވުމަށް ހިތްވަރު ދެއްވަމުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖޭގެ ކަމާބެހޭ ދާއިރާތަކާއެކު ޔުނިސެފުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމުގައި ވިދާޅުވިއެވެ.

ޤައުމީ މަހާސިންތާގެ ބައިވެރިންގެ ފަރާތުން ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ މުޝްރިފް ވާއިޟް އައްޝައިޚް ޢިއްޒުއްދީން އަދުނާން ވިދާޅުވީ ކުޑަކުދިން އިސްލާޙުކުރުމުގެ ގޮތުން އެކުދިންނަށް އަދަބު ދިނުމުގައި ނުވަތަ އެނޫންވެސް ގޮތެއްގައި، ކުޑަކުދިންނަށް އަނިޔާކުރުމަކީ އެއްވެސް ހާލަތެއްގައި އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫންކަމަށާއި، މިކަމާގުޅޭގޮތުން މުޖުތަމަޢުގައި އުފެދިފައިވާ ކުށްހީތައް ނައްތާލަން ޖެހޭކަމަށެވެ.

އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި މި އެކްޝަން ޕްލޭނަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭގޮތަށް 59 ބައިވެރިންނާއެކު، މިމަހު 15 އިން 17 އަށް ބޭއްވި ޤައުމީ މަހާސިންތާގައި މަޝްވަރާކުރުމަށް ފަހު ކުރިއަށް އޮތް 2 އަހަރު ދުވަހަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް