އިންތިހާއަށް ބޭކާރު ޚަރަދު ކުރުމަކީ މިސަރުކާރުގެ އެންމެ ކަމުނުދާ އެއްސިފަ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ރާއްޖެޓީވީ ފަށާއިރު ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ މި ސަރުކާރުގައި އެންމެ ކަމުނުދާ ސިފައަކީ އިންތިހާއަށް ބޭކާރު ޚަރަދު ކުރުން ކަމަށާއި، އިސްރާފު ވަރަށް ބޮޑު ކަމަށެވެ.
މިސަރުކާރުގެ އަމަލުތަކަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ ވާހަކަތައް ދައްކައި އަމަލު ކުރަންޖެހޭނީ އެއް އުސޫލުކުން ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުހިނގާ ކަމަށް ފައިސަލް ވިދާޅުވިއެވެ. މިސަރުކާރުގައި އެއްކަހަލަ ކަންތައްތަކެއް ކުރާއިރު، އެއްކަން ގޯސްވެފަ ހަމަ އެޒާތުގެ މާ ގޯސް އެހެންކަހަލަ ކަންތައްތަކެއް ކުރާއިރު އެކަންކަން މިސަރުކާރަށް ނުފެންނަ ކަމަށާއި، އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ފައިސަލް ވިދާޅުވިއެވެ.
ދެފުށް ދެގޮތޭ ކިޔާ ވައްތަރު. އެއީ ވާހަކަ ދައްކަންޖެހޭނީ އެއް އުސޫލަކުން އެއްވައްތަރެއްގެ ކަންތައް ގޯސް ކަމަށްވަންޏާ ދެން ވެސް ހަމަ އޮންނަން ވާނީ ގޯސްކޮށް. ވެރިކަން ހިފެހެއްޓުމަށްޓަކައި އެ ހައިބަތު ލިބިގަތުމަށްޓަކައި އެޝަރަފު ލިބިގަތުމަށްޓަކައި ހަމަ މަގާމާ އިއްޒަތަށްޓަކައި އެއްގޮތަކަށް ވެސް ތިމާއަށް މޮޅުވާ ގޮތްތަކަށް ވާހަކަ ދައްކާގެން ނުވާނެ އެނގޭތޯ. މިއީ އެކަހަލަ ކަންތައްތައް ކުރާ ޒާތުގެ މަގާމުތަކެއް ނޫން. ރައީސުލްޖުމްހޫރިއްޔާ، ނޫނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ކަނޑައެޅޭ ފަރާތްތައް އެއްވެސް ގޮތަކަށް އެގޮތަށް އަމަލުކޮށްގެން ނުވާނެ.ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
މީގެ އިތުރުން ފައިސަލް ވަނީ ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ފައިސަލް ވިދާޅުވީ މި ނިޒާމުގެ ތެރޭގައި ދައުލަތަށް ނުގުޑާ ވަރަށް ބޭފުޅުން އެބަތިބި ކަމަށާއި، ހަރުދަނާ އުސޫލެއްގެ ތެރެއިން އެކަން ރަނގަޅުކުރަންޖެހޭ ކަމަށެވެ. ވަކި ދިމާލަކުން އެކަނި ބޭފުޅުން މަދުކުރި ނަމަވެސް ހައްލު ނުލިބޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިސާލަކަށް ކައުންސިލަރުން މަދުކުރާ ވާހަކަ. ކޮބައިތޯ ރައްޔިތުންގެ މަޖިލިސް ވެސް. ހަމަ ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުން. މިހާރު މަޖިލިސް ކުރާ ގެ ވެސް ކުޑަވާނެއްނުންތޯ. މިހާރު ވެސް ކުޑަ ވެއްޖެ ކަންނެނގެ. އަނެއްކާ ވުޒާރާތައް އޮންނަންވާނެ ނޫންތޯ. ކޮންމެވެސް ކަހަލަ މިނެއް އޮންނަންވާނެއްނުންތޯ. މިގައުމުގައި މީހުން ތިބި އަދަދާއި މިރަށްތަކަށާއި، މިހުރި 216 ވަރަކަށް ސްކޫލާއި މިހުރި ހެލްތް ސެންޓަރަށް ބަލާފި ކަމަށްވަންޏާ 180 ވަރަކަށް ހެލްތް ސެންޓަރާއި ނޫނީ މިހުރި ހޮސްޕިޓަލްތަކާއި މިހުރި ކަންތައްތައް ކުރުމަށްޓަކައި ބޭނުންވާނެ އަދަދެއް އޮންނާނެއްނުންތޯ. ހަމަ ވެރިއަކަށް ހުންނަވާ ބޭފުޅަކު މިވެނި އަދަދެއް ކަނޑައެޅުން. ބަހާލުން. އެއް މިނިސްޓްރީއެއްގެ ދަށުގައި ހުރި ކަންތައްތައް ތިން މިނިސްޓްރީއަށް ބަހާލުން. އެއީ އަޅުގަނޑަށް އުދަނގޫ އެކަހަލަަ ކަންތައްތައް. ދެން ހަމައެއާއެކު ހާމަކަން އަނެއްކާ ވެސް އެނގޭތޯ. އަޅުގަނޑަށް މިއަދު މިފެނުނީ ހުރިހާ ކަމެއް ހާމަކުރުން ނުވަތަ ކުރީ ސަރުކާރުން ސިއްރުކުރި ވާހަކަ ދައްކާފައި މިއަދު މުޅިން މިދަނީ އެހެން ގޮތަކަށް. ސީދާ ތެދުބަހުން ވާހަކަ ދެއްކުން އެނގޭތޯ. އަޅުގަނޑު ހަމަ ކަންބޮޑުވޭ. ބައެއް ބޭފުޅުން މަގާމުތަކުގައި ތިއްބަވާގެން ސީދާ އޮޅޭގޮތަށް އެބަ ވާހަކަ ދައްކަވާ.ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
މި ސަރުކާރުގެ ހާމަކަމުގެ ސިޔާސަތަަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ ކުރީ ސަރުކާރުގެ ކަންކަން ސިއްރު ކުރި ކަމަށް މިސަރުކާރުގެ ބޭފުޅުން ވާހަކަ ދެއްކެވި ނަމަވެސް މިސަރުކާރުގެ ސިއްރުކަން މާ ބޮޑު ކަމަށެވެ. މުޅި މަންޒަރު ފެނިގެންދަނީ ތަފާތުކޮށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ގައުމުގެ ކަންކަމުގައި މިސަރުކާރުގެ ބޭފުޅުން ސީދާ އޮޅޭގޮތަށް ވާހަކަތައް ދައްކަވާ ކަމަށާއި، އެއީ ވަރަށް ގޯސް ކަމެއް ކަމަށެވެ. އަދި ސީދާ ތެދުބަހުން ވާހަކަތައް ދައްކައި، އަންނަން އޮތް ޖީލުތަކަށް މިސާލު ދައްކަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.