ނިމިދިޔަ ސަރުކާރުން ދޭން ނިންމި 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި ޢާންމުކުރާނެ ކަމަށް އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ ސަރުކާރު މީޑިއާ ޕީއެސްއެމް ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ ހަފްތާގައި އެ ލިސްޓު އާއްމުކޮށް ޝަކުވާއަށް ހުޅުވާލާނެކަމަށެވެ. މީގެ އިތުރުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް އިވެލުއޭޝަން މަރުހަލާގެ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ. މިނިސްޓަރ ވިދާޅުވީ ފްލެޓަށް އެދި ހުށަހެޅި ހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން ކުރިއަށް އޮތް ހަފުތާ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާން ކުރާނެ ކަމަށެވެ. އަދި ޝަކުވާ އަށް ފުރުސަތު ހުޅުވާލުމަށް ފަހު އެ މަރުހަލާގެ މަސައްކަތް އެއްކޮށް ނިންމާފައި މި އަހަރު ނިމުމުގެ ކުރިން ފުލެޓްތައް ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ސަރުކާރުން ހެދި ފުލެޓު ލިސްޓު ވެސް އެންމެ ފަހުން ރަނގަޅު ނޫން ކަމަށް ކަނޑައަޅާ، 'ގެދޮރުވެރިޔާ" ސްކީމަށް ހުށަހެޅި ހުރިހާ ފޯމެއް އަލުން އިވެލުއޭޓު ކޮށް ފްލެޓް ލިސްޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސުލް ޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އުފެއްދި 'ހައުސިންގ އެޑްވައިޒަރީ ކޮމިޓީ' އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި 'ހައުސިންގ ކޮންސަލްޓޭޓިވް ކޮމިޓީ' އިން އެކުލަވާލި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުވެސް ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ.
މިކަމަށް އެކުލަވާލި ކޮމިޓީތަކުގެ މަސައްކަތް ގޯސްވުމުގެ ސަބަބުން ލިސްޓު އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ގެންދަނީ ސީދާ ހައުސިންގ މިނިސްޓްރީން ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ. "ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލެވުނު 'ހައުސިން އެޑްވައިޒަރީ ކޮމިޓީ' އާއި މާލެ ސިޓީ ކައުންސިލުން އެކުލަވައިލި 'ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ' އިން ވެސް 'ގެދޮރުވެރިޔާ' ސްކީމުގެ ދާއިމީ ލިސްޓު އެކުލަވައިލާފައިވާ ގޮތް ރަނގަޅު ކަމަށް ނުފެންނާތީ، މި ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ-އިވެލުއޭޓް ކުރުމުގެ މަސައްކަތް މި މިނިސްޓަރީން ވަނީ ފަށައިފަ އެވެ." ހައުސިންގ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ހައުސިންގ މިނިސްޓްރީން މިހާރު ބުނަނީ، މިމަސައްކަތް "ފުރިހަމަ އަށް ނިންމާލުމަށް" އިތުރު ވަގުތު ބޭނުން ވާތީ ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާނު ކުރުން ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ލަސްކޮށްފައިވާ ކަމަށެވެ.
"މި އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު އާންމު ކުރުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުން ގެންދާނެ،" ކަމަށް ހައުސިންގ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓު ނެރުން ސަރުކާރުން ފަސްކުރަން ނިންމިއިރު މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެފައި އޮތީ، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފްލެޓް ލިސްޓު އާންމު ކުރާނެ ކަމަށެވެ.
މި ސްކީމްގެ ދަށުން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އޭރު އެމްޑީޕީގެ ސަރުކާރުން ނިންމީ ފްލެޓަށް އެދި ހުށަހެޅި އެންމެންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށެވެ. އޭގެ ތެރެއިން 4000 ފުލެޓުގެ މަސައްކަތް ކޮންޓްރެކްޓްކޮށް އޭރު މަސައްކަތް ވަނީ ފަށާފައެވެ. އަދި މި ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމައި އިންޑިއާ ސަރުކާރުން ވަނީ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހު އެ ތަންތަން ވަނީ ސަރުކާރާ ހަވާލުކޮށްފައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓް ލިބޭ ދާއިމީ ލިސްޓު އިއުލާން ކުރީ 15 ނޮވެމްބަރު 2023 ގައެވެ.