ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންނަށް މަޖުބޫރުކޮށްގެން ނަމަވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓު އާއްމު ނުކުރެވުމުން އެކަމާއި ރިގްރެޓް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވެރިކަމުގެ ފަސްއަހަރުގެ ތެރޭގައި ކުރެއްވުނު ކަންކަމުގެ ތެރެއިން އެއްކަމެއް ރިގްރެޓް ކުރައްވަންޏާ އެއީ ކޮންކަމެއްތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ ރާއްޖެއަށް ގެނެސްފައިވާ ތަރައްގީއަށް ބަލާއިރު، ރިގްރެޓް ކުރާވަރުގެ ކަމެއް ނެތް ކަމަށެވެ.
ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ ރާއްޖެ ތަރައްގީކޮށް، ރައްޔިތުންނަށް ހުރި ތަކުލީފުތަކާއި، ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ގެނެސްފައިވާ ތަރައްގީގެ ތެރެއިން ރައްޔިތުން ބަލައިނުގަންނަނީ ކޮންކަމެއްތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
އަޅުގަނޑު ނުކުތީ ފުރަތަމަ ވެސް ރާއްޖޭގައި ހުރި ބޮޑެތި ގޮންޖެހުންތައް ވަރަށް ބޮޑެތި މައްސަލަތައް ރައްޔިތުންނަށް ތަކުލީފަށް ވާ ކަންތައްތައް ހުރެގެން ތެދެއްތޯ. މިހާރު ކުދިކުދި ކަންތައްތައް ހިޔާލަށް ގެންނަވާ އެނގޭތޯ. މިހާރު އެއޮތީ އާސަހަރާ ފުރިފައި. ކުރީގައި ތިޔަ ވިދާޅުވާ ގޮތަށް އެތައް ވަޒީރުންނެއް އެތައް ރައީސުންނެއް ހަމަ ގޮސްފި އިނގޭތޯ. އެކަމަކު ސަހަރާ ރީ ލޮކޭޓް ކުރުން. ހުޅުމާލޭގައި ސަހަރާއެއްނަގާ. މިއީ ގާތްގަނޑަކަށް ހުޅުމާލެއާއި މާލެއާ ދެތަން އެއްކޮށްލީމަ މިދައްކަނީ ގާތްގަނޑަކަށް އެއްލައްކަވިހިހާސް މީހުންގެ ވާހަކަ އިނގޭތޯ. ސަހަރާ ފުރިގެން ދިޔައަސް އަޅުގަނޑުމެން ކަމެއްކުރާކަށް ބޭނުމެއް ނުވޭ. އެއޮތީ ސަހަރާ ހަދާފައި. ދެން މިހާރު ކުނި އެންދުމާއި، މެހިއައުމާ މިކަންކަން ސްކޫލު ކުދިން ތަހައްމަލް ކުރާކަށް ނުޖެހޭ. އެކަން ހަނދާން ނެތި މާލެއިން ކުނިގޮނޑު ނައްތާލެވިއްޖެ. އަޅުގަނޑަށް ހަމައެކަނި ފެންނަނީ ބޮޑެތި ޓަވަރުތަކާއި ބޮޑު ފާލަމާ އެއްޗިއްސެއް ނޫން ތެދެއްތޯ. ދެން އަޅުގަނޑު ހިތަށް އަރާ ކީއްވެބައޭ ރައްޔިތުން ފާޑު ނުކިޔަނީ. މިހާރު މާލޭގެ ބޮޑު ފާލަން އެނގޭތޯ އިއްޒުއްދީން ފާލަން. މީގައި އޮންނަނީ އިނގިރޭސި ބަހުރުވައިގެ މުހާވަރާ ބަހެއް. އައިފަލް ޓަވަރ ބިނާ ކުރަން ނަގާފާނެ އަހަރުތަކެއް. އެކަމަކު ތަޅާ ތިރިކޮށްލަން މިނެޓެއް ވެސް ނުނަގާނެ. އެއޮތީ ބޮޑު ފާލަން. އެފާލަން ހެދިއްޖެތޯ. އެފާލަން ހަދާކަށް ނުވެސް އުޅޭ. މާލޭގެ މޫނުމަތި ތެދެއްތޯ. މިއެކަނި ވެސް މުއިއްޒު އެކައުންޓަބަލް ކުރަން ޖެހޭ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރިގްރެޓް ކުރާ އަދި އުދަނގޫވި ކަންތައްތަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ފުލުހުންނަށް މަޖުބޫރުކޮށްގެން އެމްއެމްޕީއާރްސީން ވައްކަން ކުރި މީހުންގެ ލިސްޓް އާއްމު ނުކުރެވުމަކީ ރިގްރެޓްކުރަށްވާ ކަމެއް ކަމަށެވެ. މިހާރު ވެސް ސައްހަ ލިސްޓް އާއްމުވެގެން ދިއުމަކީ ބޭނުންވާ ގޮތް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ދައުރުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބުގެ އަތުން ފައިސާ ނެގި މީހުންނަކީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ.
އަޅުގަނޑު ރިގްރެޓް ހުރި ކަމެއްވެއްޖެއްޔާ އަޅުގަނޑު ރިގްރެޓް ކުރާ އެއްކަމަކީ ފުލުހުންނަށް ހަމަ މަޖުބޫރުކޮށްގެން އެމްއެމްޕީއާރްސީގެ ވައްކަން ކުރި މީހުންގެ ލިސްޓް ނުނެރެވުނުކަން. އެކަމަކު އަޅުގަނޑަކީ ފުލުހުންގެ ޑޭޓުޑޭ މަސައްކަތްތަކަށް ފާޑު ކިޔާ މީހެއް ނޫން. އޭގެ ތެރެއަށް ނުވަންނަން. ސިފައިން ކުރާ މަސައްކަތްތަކަށް ވެސް އަޅުގަނޑު ނުވަންނަން. އަޅުގަނޑަކީ އެއް ގޮތަކަށް ވެސް އެމީހުންގެ މަސައްކަތްތަކަށް ވަދެގެން ޗީފް އޮފް ޑިފެންސް ފޯސްއަށް، ނޫނީ ޕޮލިސް ކޮމިޝަނަރއަށް ދަތި ކުރާ މީހެއް ނޫން އިނގޭތޯ. އެބޭފުޅުން އާއްމުކޮށް އަޅުގަނޑާ ހަމައަށް ވަޑައިގަންނަވާ ރިސޯސް ފެސިލިޓޭޓް ކުރަން އިނގޭތޯ. ރައީސް އާއި ހަމައަށް އަންނާނީ. އެހެންނޫނިއްޔާ އެތަނުގައި ދުވަހުން ދުވަހަށް ހިނގާ ކަންކަން އަޅުގަނޑާ މަޝްވަރާއެއް ނުކުރައްވާނެ. އެހެންވީމަ އަޅުގަނޑު އަޅެއް ނުލަން. އަޅުގަނޑު ގަބޫލުކުރީ އޭގެ ޒާތުގައި އޭސީސީއާއި ޕޮލިސް ތަހުގީގުތަކާ އެއްޗެހި ނިމުނީމަ ކުރަން.އެކަމަކު އެލިސްޓް އާއްމު ނުކުރި މައްސަލަ އަޅުގަނޑު ރިގްރެޓް ކުރަން އެނގޭތޯ. އަޅުގަނޑު މިހާރު ވެސް ބޭނުންވޭ އެލިސްޓުގައި އަދީބު އަތުން ފައިސާ ނަގާ ފަައިސާ ނަގާފައި ހުރީ ކޮންބައެއްކަން ރައްޔިތުންނަށް އެބަ އެނގެންޖެހޭ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
މި ޚިޔާނާތާ ގުޅިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް 12 މެއި 2021 ގައި މަޖިލީހުން ފާސްކުރިއެވެ. މަޖިލީހުން އާންމުކުރި ލިސްޓުގައި މީހާގެ ނަމާއި މަގާމުތަކުގެ އިތުރުން ތަފުސީލެއް ނެތް ނަމަވެސް ނަމާއި ފޮޓޯ އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެ މީހުންނަށް ލިބުނު އަދަދު ހިމެނޭ ލިސްޓެއް ލީކުކޮށްލިއެވެ.
އެ ލިސްޓުގައި 18 އަދި 19 ވަނަ މަޖިލީހުގެ ގިނަ މެންބަރުން ހިމެނެ އެވެ. މިއަދު އެލިސްޓުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ މިސަރުކާރުގެ އިސްބޭފުޅުންނެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް އިތުރަށް ތަހުގީގު ކުރާނެ ކަމަށެވެ. ނަމަވެސް މި ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމާމެދު މީގެ ކުރިން ޔާމީން ވަނީ ސުވާލު ވެސް އުފައްދަވާފައެވެ.