ކ. މާލެ
|
29 އޮކްޓޯބަރ 2024 | އަންގާރަ 15:19
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ
މަޖިލިސް
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް
ޝަކުވާތަކަށް ބެލުމެއް ނެތި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފި
ބަޖެޓް ފާސް ކުރުމާއި ދެކޮޅަށް 11 މެމްބަރުން ވޯޓު ދެއްވާފަވޭ
މަޖިލީހުގައި ނެގި ވޯޓުގައި ބަޖެޓް ފާސްކުރުމަށް 75 މެމްބަރުން ވޯޓު ދެއްވި

އާއްމުންގެ ޝަކުވާތަކަށް ބެލުމެއް ނެތި މި އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމަށް އަންގާރަ ދުވަހުގެ މަޖިލީހުގައި ނެގި ވޯޓުގައި ބަޖެޓް ފާސްކުރުމަށް 75 މެމްބަރުން ވޯޓު ދެއްވިވެއެވެ. އަދި ބަޖެޓް ފާސް ކުރުމާއި ދެކޮޅަށް 11 މެމްބަރުން ވޯޓު ދެއްވާފައެވެ.

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކުރީ ހޯމަ ދުވަހުއެވެ. 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓު މިހާތަނަށް ޚަރަދު ކުރި ގޮތް ރައްޔިތުންނަށް ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ހިމެނޭ ސަރުކާރު މެމްބަރުން ވޯޓު ދީގެން ފާސްކުރުމުން އާއްމުންނާއި އިދިކޮޅު ފަރާތްތަކުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މާލީ ދާއިރާގެ މާހިރުންނާއި މަޖިލީހުގެ ކުރީގެ މެމްބަރުން ވެސް ވަނީ ބަޖެޓް ހޭދަ ކުރި ގޮތް ހާމަ ނުކޮށް، ސަޕްލިމެންޓްރީ ބަޖެޓް ހުށަނޭޅޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއިން އެއްވެސް ޝަކުވާއަކަށް ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް، މި މަޖިލީހުން އިޖާބައެއް ނުދެއެވެ.

ކޮމިޓީން ބަޖެޓް ފާސްކުރުމުން އަނެއްކާވެސް ބަޖެޓް ތަޅުމަށް ފޮނުވި ނަމަވެސް ކޮމިޓީން ނިންމި ގޮތަށް އެއްވެސް އިސްލާހެއް ތަޅުމުގައި ހުށަހަޅާފައެއް ނުވެއެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލައަކީ 5،119،508،129(ފަސް ބިލިޔަން އެއް ސަތޭކަ ނަވާރަ މިލިޔަން ފަސްލައްކަ އަށްހާސް އެއް ސަތޭކަ ނަވާވީސް) ރުފިޔާއެވެ. ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި 5.1 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިއާއެކު ޖުމުލަ މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ. މިއަހަރަށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ބަޖެޓުން ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އެ ހަރަދުތަކަކީ މުސާރައާއި، މެޑިކަލް ސަޕްލައި، ބޭސްފަރުވާގެ އެހީ އަދި ސަބްސިޑީއެވެ. ސަޕްލިމެންޓްރީ ބަޖެޓުގެ އިތުރު ތަފްސީލަށް ބަލާއިރު:

  • މުސާރައަށް 24.4 މިލިއަން ރުފިޔާ
  • މެޑިކަލް ސަޕްލައިއަށް 200 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ
  • ބޭސް ފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
  • ބަޖެޓުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ.
  • ބިން ހިއްކުން އިމާރާތްކުރުން އަދި އިންފްރާސްޓްރަކްޗާ - 2 ބިލިއަން ރުފިޔާ
  • ކެޕިޓަލް ކޮންޓްރިބިއުޝަން - 441 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ - 650 މިލިއަން ރުފިޔާ
  • ސްޓޫޑެންޓް ލޯނު - 458.4 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ޑެފިސިޓަކީ 4 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓު ޑެފިސިޓަކީ 18 ބިލިޔަން ރުފިޔާއެވެ.


Advertisement
- ކޮމެންޓް