ހޮނިހިރު ދުވަހު ހެދުނު އިޒްރޭލުން އީރާނުގެ އަސްކަރީ ޓާގެޓްތަކަށް ދިން ހަމަލާ އަރަބި އަދި އިސްލާމީ ގައުމުތަކުން ކުށްވެރި ކުރަމުން ދާއިރު އެމެރިކާ އާއި އިނގިރޭސިވިލާތުން އިޒްރޭލުގެ އެ އަމަލު ދިފާއުކޮށްފިއެވެ.
ޕާކިސްތާނާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިޒްރޭލުން އީރާނަށް ދިން ހަމަލާ ކުށްވެރިކޮށް، އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައިވެއެވެ.
ޤަތަރުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ ޤައުމުން މި ހަމަލާ ކުށްވެރިކުރާ ކަމަށާއި، ހުރިހާ ފަރާތްތަކަކުންވެސް "ކެތްތެރިކަން ދަމަހައްޓައި"، "ޚިލާފުތައް ޙައްލުކުރުމަށް މަޝްވަރާ އާއި ސުލްޙަވެރި ގޮތްތަކަށް" އިސްކަންދިނުމަށް ގޮވާލާ ކަމަށެވެ.
އަނެއްކޮޅުން އިނގިރޭސި ބޮޑުވަޒީރު ވިދާޅުވެފައިވަނީ އިޒްރޭލުގެ އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށާއި، އިޒްރޭލުން ދިން ހަމަލާތަކަށް އީރާނުން ރައްދު ދިނުމުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ.
އެމެރިކާއިން ބުނެފައިވަނީ "ހަނގުރާމަ އިތުރަށް ގޯސްވިޔަ ނުދީ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން އިޒްރޭލަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ،" ކަމަށެވެ.
އޮމާނާއި ސައޫދީ އަރަބިއްޔާއިންވެސް އިޒްރޭލުގެ މި ހަމަލާ ކުށްވެރިކޮށް، އެއީ އީރާނުގެ "އިސްތިގްލާލަށް" "އަރައިގަތުން" ކަމަށް ބުނެފައިވެއެވެ.
އިރާޤުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ "އިޒްރޭލުގެ އުދުވާނީ ސިޔާސަތު ތަކުގެ ތެރެއިން ސަރަޙައްދުގައި ހަނގުރާމަ ފެތުރުން ކުރިއަށް ގެންދަމުންދާ" ކަމަށާއި، އިޒްރޭލުން "އެއްވެސް ހުރަހެއްނެތި ސީދާ އުދުވާނީ ޢަމަލުތައް،" ހިންގަމުންދާ ކަމަށެވެ.
މެލޭޝިޔާއިން މި ހަމަލާތައް ސިފަކޮށްފައިވަނީ "ބައިނަލްއަޤްވާމީ ޤާނޫނުތަކާ ސާފުކޮށް ޚިލާފު" އަދި "ސަރަޙައްދުގެ ސަލާމަތަށް ބޮޑު ނުރައްކަލަކަށް ވާފަދަ" ކަމެއްގެ ގޮތުގައެވެ.