ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 12:59
ޕީއެންސީގެ މަޖިލިސް މެންބަރުން
ޕީއެންސީގެ މަޖިލިސް މެންބަރުން
ރައްޔިތުންގެ މަޖިލިސް
ސިޔާސީ މުވައްޒަފުންގެ އަދަދު
ޕީއެންސީގެ އަގުލަބިއްޔަތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާނެކަމަށް ބުނެފި
ޕީއެންސީގެ މެންބަރުން ހިމެނޭގޮތަށް 59 މެންބަރުންގެ ވޯޓުދީފައިވަނީ މައްސަލަ ބޭރުކޮށްލުމަށް
ސިޔާސީ މަގާމްތަކުގެ އަދަދާއި މައުލޫމާތު ހާމަނުކޮށް މި ސަރުކާރުން އެކަން ބާއްވާފައިވަނީ ސިއްރެއްގެ ގޮތުގައި

ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަގުލަބިއްޔަތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާނެކަމަށް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވާ ކަމަށެވެ.

އަދި މިއަދާ ހަމައަށްވެސް ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސް އައްޔަންކުރައްވާފައިވާ ފަރާތްތަކުގެ އަދަދު ހާމަކޮށްފައި ނުވާތީ. އެ ފަރާތްތަކުގެ މުސާރަތައް ކުޑަކުރަން ހުށަހަޅާފައިވާ މި ދަނޑިވަޅުގައި، ސިޔާސީ މަގާމްތަކަށް ރައީސް އައްޔަންކުރައްވާފައިވާ ފަރަތްތަކުގެ އަދަދާއި، އެފަރާތްތަކުގެ މަގާމުގެ މަސްއޫލިއްޔަތު ހާމަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ގޮވާލާއި ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.

ނަމަވެސް ވެރިކަންކުރާ ޕީއެންސީ އަދި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ މެންބަރުން ވަނީ އެ އަދަދު ހާމަކުރަން ނުޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުއްލި މައްސަލައަށް ބަހުސްކުރުމަށް މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ޕީއެންސީގެ މެންބަރުން ހިމެނޭގޮތަށް 59 މެންބަރުންގެ ވޯޓުދީފައިވަނީ މައްސަލަ ބޭރުކޮށްލުމަށެވެ. ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އިދިކޮޅު އެމްޑީޕީގެ 8 މެންބަރުންނެވެ.

މި ސަރުކާރު ވެރިކަމަށް އައީ 700ށް ވުރެ ސިޔާސީ މަގާމް އިތުރުނުކުރާނެކަމުގެ ވައުދާއެކުއެވެ. ނަމަވެސް ކުންފުނިތަކާއި އެކު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 5000 އާއި ގާތްކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ސަރުކާރުން މި އަދަދު ހާމަނުކުރަން ނިންމި ނަމަވެސް 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ.


Advertisement
- ކޮމެންޓް