ސިޔާސީ މަޤާމުތަކުން ވަކި ކުރާ މީހުން ލަނީ އެސްއޯއީތަކަށް ކަމަށާއި މިއީ ލިޔެކިޔުމުން ސިޔާސީ މީހުން މަދުކުރަން ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަވަރުބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުގެ މާލީ ސިޔާސަތުގެ ހަރުދަނާކަމެއް ނެތުމާއި ސިޔާސީ މުވައްޒަފުން އިންތިހާ އަށް ގިނަ ވުމާއި މެދު ދީދީ ވަނީ ވާހަކަދައްކަވާފައެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މަޤާމު އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް އެ މަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ރައީސް މުޢިއްޒުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ 15 އޮކްޓޯބަރ އިން ފެށިގެން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުން މަޤާމުތަކެއް އުވާލެވޭނެ ކަމަށެވެ. އެގޮތުން އުވާލެވޭ މަޤާމުތަކުގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނަރުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ދީދީ ވަނީ 700 އަށް ވުރެ ގިނަ ސިޔާސީ ވަޒީފާ ނު އުފައްދާނެ ކަމަށް ބުނެ އައި ސަރުކާރެއްގައި ސިޔާސީ މަޤާމުތައް 2000 އަށް ވުރެ އިތުރުވުމަކީ ފުރަތަމަވެސް ވައުދާއި ޚިލާފުވެފައިވާ ކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. ފާއިތުވި ހުރިހާ ސަރުކާރަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވީ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ދީދީ ވިދާޅުވިއެވެ. މިއީ އަހަރަކު 68.568 މިލިއަން ރުފިޔާއެވެ. ސަރުކާރުގެ ޚަރަދު ކުޑަ ނުވާ ކަމަށާއި ވަކި ކުރާ މީހުންނަށް ހަމަ އެ ފެންވަރުގެ ވަޒީފާތައް ދެމުންދާ ކަމަށް ދީދި ވިދާޅުވިއެވެ. އަދި މިކަމުން ވެސް އެނގެނީ ސަރުކާރުގެ ސިޔާސަތެއް ނެތުމާއި، ހިންގުމުގެ ވިސްނުން ކުޑަ މިންވަރު ކަމަށް ދީދީ ވަނީ ވިދާޅުވެފައެވެ.
އެ ހުރިހާ މީހުންނަކީ ވެސް ރައްޔިތުންގެ ނަމުގަ ސަރުކާރުގެ ބޭނުމަށް ލާފައިވާ މީހުން. ބަލާނުލާ މީހުން ނެގިކަން މި އިނގެނީ. އެހެންވީމަތާ މި މީހުން މި ވަކިކުރަނީ. ސިޔާސީ މަޤާމްތައް ދަށްކަމަށް ޕޭޕަރުގަ ދައްކަން ކުރާ ކަމެއް މިއީ. މިއީ އޮޅުވާލުން. ހީލަތްތެރިކަން.މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
އެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އެސްއެމްއީ ކޮމިޓީގެ މުޤައްރިރު ރިޔާޒް މަންސޫރު ވިދާޅުވީ ސަރުކާރަށް ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ސާފު ނުވާ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް މާލީ ނިޒާމާއި މެދު ސަރުކާރުން ޢަމަލުކުރާ ގޮތުން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ޚަރަދު ބަލަހައްޓާ ގޮތް ސާފު ނުވުމާއި، ބީއެމްއެލް އަށް މާލީ ބަޤާވާތެއްގެ ތުހުމަތު ކުރުމަކީ ސަރުކާރުގެ ނާޤާބިލްކަން ހާމަވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުގައި ގެންގުޅުނީ މާލީ ގޮތުން ވަރަށް ހާމަކަން ބޮޑު ސިޔާސަތެއް ކަމަށާއި އެކަން މިއަދު އެއްކޮށް ބަދަލުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މާލީ ގޮތުން މި ސަރުކާރު ޖަވާބުދާރީކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ އިރު މި އަހަރުގެ ބަޖެޓް ހޭދަ ކުރި ގޮތް ސާފު ނުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ދަނީ މާލީ ގޮތުން ސަރުކާރުތައް ހިންގާ އުސޫލު އޮޅުވާލާ ތާފާތު އެކި ބަހަނާތައް ދައްކަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ މާލީ ސިޔާސަތެއް ނެތް ކަމަށާއި އެއްވެސް ރޭވުންތެރިކަމެއް ސަރުކާރުގެ ކިބައިން ނުފެންނަ ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. ރިޔާޒް ވަނީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާ އިރު ބަޖެޓް ހުސްވި ގޮތް ހުށަހަޅަން ޖެހޭ ކަމަށާއި އެއީ ޤާނޫނީ ގޮތުން ވެސް ސަރުކާރަށް އޮތް އިޚުތިޔާރެއް ނޫންކަން ފާހަގަކުރައްވާފައެވެ. ސަރުކާރުން އުޅެނީ ޒިންމާ ނުނަގާ ކަންކަމުން ބޯ ދަމައިގަންނަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރޭވުންތެރިކަމެއް ނެތީ ހަމަ، ފެހި ސިގްނަލް އޭ ކިޔާފަ އައީ. ޒިންމާ ނުނެގި އެ ހިސާބުން މި ކިޔަނީ ކުރީ ސަރުކާރު، ކުރީ ސަރުކާރު.އެމްޑީޕީގެ އެސްއެމްއީ ކޮމިޓީގެ މުޤައްރިރު ރިޔާޒް މަންސޫރު
މިހާތަނަށް ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ޖުމްލަ އަދަދު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތަކުގެ ތެރޭގައި ސިޔާސީ މުވަައްޒަފުންގެ އަދަދު 700ށްވުރެ ގިނަ ނުކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުން ބަޔަކު ވަކިކުރާކަން ރައީސް މުއިއްޒު ހާމަކުރެއްވި ނަމަވެސް އެއީ ކޮން ބައެއްކަން އެނގޭނެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ސަރުކާރުން ޚަރަދު ކުރާ ގޮތް މިއަދު އެއްވެސް ގޮތަކަށް ސާފު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މާލީ ގޮތުން ދަތިވުމަކީ ސަރުކާރުތަކުގެ މާލީ ހިސާބުތައް އާއްމު ނުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.