ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 10:38
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރާއްޖެއެމްވީ
ޑޮލަރުގެ އަގު މަތިވުން
"އާ ބަދަލާއެކު ކުންފުނިތަކުގެ ޑޮލަރުގެ ޑިމާންޑް އިތުރުވެ، ސަރުކާރުން ހުރިހާ ޑޮލަރެއް ބޭނުންކުރާނީ ޑެބްޓް ސަރވިސްކުރުމަށް"
އެ ބަދަލުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ކަމަށް އަމީރު ވިދާޅުވި
ޑޮލަރ މާރުކުރުމާއި މެދު ފަތުރުވެރިކަމުގެ ސިނާއަތާއި މަޝްވަރާކުރުން މުހިންމު ކަމަށް އަމީރު ވިދާޅުވި
މި ބަދަލުގެ ސަބަބުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް އަމީރު ވިދާޅުވި

ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލާއި އެކު ސަރުކާރުގެ ކުންފުނިތަކުގެ ޑޮލަރުގެ ޑިމާންޑް އިތުރުވާނެ ކަމަށާއި، ސަރުކާރު ޑެބްޓް ސަރވިސްކުރުމަށް ލިބޭ ހުރިހާ ޑޮލަރެއް ބޭނުންކުރާނީ ޑެބްޓް ސަރވިސްކުރުމަށް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެފަދައިން ވިދާޅުވި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

2024 ވަނަ އަހަރު ހުރިހާ މަހެއްގައި ވެސް ޑޮލަރގެ އަގު ހުރީ ވޭތުވެދިޔަ އަހަރަށް ވުރެ މަތީގައި ކަމަށާއި، ޑޮލަރ ރޭޓް ދަށް ވާނެ ކަމަށް މާކެޓް ވެސް ޤަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލަށް ވެސް އަމީރު ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން އެ ބަދަލުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެ ބަދަލުގެ ސަބަބުން ފަތުރުވެރިކަމުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ދަށްވުން އެކަށީގެންވާ ކަމަށް ބެލެވޭ ކަމަށާއި ގްރޮސް އޮޕަރޭޓް އެންޑް ޕްރޮފިޓް ދަށް ވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ބަދަލުގެ ސަބަބުން މިހާރަށް ވުރެ އިންވެސްޓްމެންޓް ޕޭބެކް ޕީރިއަޑް އިތުރުވާނެ ކަމަށެވެ. އެހެންކަމުން ބެންކް އިންޓަރވެންޝަން ޕޮލިސީ ރަނގަޅުކުރުމަށް އަމީރު ވަނީ އެމްއެމްއޭ އަށް ގޮވާލާފައެވެ. ލިބޭ ހުރިހާ ޑޮލަރެއް ބޭންކުގެ އިންޓަރވެންޝަނަށް ބޭނުންކުރުމަށް އޭނާ ވަނީ ލަފާދެއްވާފައެވެ. މީގެ އިތުރުން މި ބަދަލުގެ ސަބަބުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތާއި ގައުމީ އުފެއްދުންތެރިކަމާއި ވަނީ ގުޅިފަ. ސިޔާސަތަށް ގެނައި ބަދަލާއި އެކު ޑޮަލަރުގެ އަގު މައްޗަށް ދޭ ކަޅު ބާޒާރުގައި. ބަދަލު ގެނައީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކް ހޯލްޑަރުންނާއި ވާހަކަ ނުދައްކާ. ފަތުރުވެރިކަމަކީ އެންމެ މުހިންމު އެއް ސިނާއެއް. ރާއްޖެ އަށް ވަންނަ ބޭރުގެ ފައިސާ އާއި ވަޒީފާގެ ބާޒާރު އަދި ފޮރިން އިންވެސްޓްމެންޓްގެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަން. އެހެންވީމަ އެ ސިނާއަތާއި މަޝްވަރާކުރުން މުހިންމު ކަމަށް އަޅުގަނޑު ދެކެން.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ ނޫސްވެރިންނަށް މީގެ ކުރިން ޑޮލަރާއި މެދު ރައީސް ޑރ.މުހައްމަދު މުއިއްޒު ދައްކަވާފައިވާ ބައެއް ވާހަކަތައް ދައްކަވާލައްވާފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަަމަށާއި، ދޮލަރުގެ ކަޅު ބާޒާރު ނައްތާލައްވާނެ ކަމަށް ފާހަގަކުރައްވާ ކްލިޕެއް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކާލާފައިވެއެވެ. ރައީސް ކެމްޕެއިން ޖަލްސާއެއްގައި މީގެ ކުރިން ދައްކަވާފައިވާ ވާހަކައިގައި މި ސަރުކާރުގައި ޑޮލަރުގެ އަގު ހުންނާނީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ އެ ވާހަކަތަކަށް އިޝާރާތްކުރައްވާ އަމީރު ވިދާޅުވީ މިހާރުވެސް ފެންނަނީ ޑޮލަރުގެ ކަޅު ބާޒާރު ބޮޑުވެ، ޑޮލަރުގެ ރޭޓް އިންތިހާއަށް މައްޗަށް ދާތަން ކަމަށެވެ. 2022 ވަނަ އަހަރު ޔުކްރެއިންގެ ހަނގުރާމަ އާއި އެކު ތެލުގެ އަގު މަތީގައި ހުރި ކަމަށާއި، 2023 ވަނަ އަހަރުވެސް ތެލުގެ އަގު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. އެ އަގުތައް މިހާރު ތިރިއަށް ދިޔަ ނަމަވެސް ޑޮލަރުގެ އަގަށް ބަލާ އިރު މިހާރު ޑޮލަރުގެ އަގު ކުރިއަށް ވުރެ އިތުރުކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ. 2024 ވަނަ އަހަރު ކުރިން އަހަރުތަކަށް ވުރެ ފަތުރުވެރިކަން ވެސް ރަނގަޅުކަމަށް އަމީރު ވިދާޅުވިއެވެ.

ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50000 ޑޮލަރު ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓައިގެން ކަމަށް މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވާއިދުގައި ވަނީ ބުނެފައެވެ. މި ގަވާއިދުގެ މަގްސަދަކީ މަނީ ޗޭންޖިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި އެ ވިޔަފާރި ރެގިއުލޭޓްކޮށް، ސުޕަވައިޒްކުރުމާއި އެ ވިޔަފާރިއާއިގުޅޭ އެހެނިހެން ކަންތައްތައް ކަނޑައެޅުމެވެ. މި ގަވާއިދުގެ ދަށުން ދެ ބާވަތެއްގެ ލައިސަންސް ދޫކުރާނެއެވެ. އެއީ ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް (ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އަދި ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް (ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އެވެ.


Advertisement
- ކޮމެންޓް