ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 10:18
މަޖިލީހުގެ ކޮމިއުކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު
މަޖިލީހުގެ ކޮމިއުކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު
ރައްޔިތުންގެ މަޖިލިސް
ޒިޔާއު މަގާމުން ވަކިކުރުން
ޒިޔާއު މަގާމުން ވަކިކުރުމުގައި ގަވާއިދާ ހިލާފުވިކަމުގެ ތުހުމަތު
ވަޒީފާއިން ކަނޑާލީ ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ
ޒާތީ ހަސަދަވެރިކަން ފިލުވުމަށް ކުރިކަމެއް

މަޖިލީހުގެ ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަގާމުން ހަސަން ޒިޔާއު ވަކިކުރުމުގައި ގަވާއިދާ ހިލާފުވިކަމުގެ ތުހުމަތު އޭނާ ކުރައްވައިފިއެވެ.

މަޖިލީހުގެ މީޑިއާ ގްރޫޕަށް ހޯމަ ދުވަހުގެރޭ ޒިޔާއު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިރެކްޓަރ, ކޮމިއުނިކޭޝަންސްގެ މަޤާމުން އޭނާ ވަކިކޮށްފައި ކަމަށެވެ. އަދި ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަޤާމަކީ ސިޔާސީ މަޤާމަކަށް ނުވާއިރު އޭނާ ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސްގެ ޤާވާއިދާ ޚިލާފަށް ކަމަށެވެ.

ޒިޔާއު ވިދާޅުވީ ޕާލަމެންޓަރީ ސަރވިސް ޤަވާއިދާ ޚިލާފަށް އެ ޤާވާއިދުގައި ބަޔާންކުރާ އިޖުރާޢަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަޤްސަދުގައި ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ޚީލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން, ޚާއްސަކޮށް މަޖިލީހުގެ ޢަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އޭނާ ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކޭ ކަމަށެވެ. އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ދެކޭކަމަށް މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޕަލަމެންޓަރީ ސަރވިސް ޤަވާއިދާ ޚިލާފަށް ރާވައިގެން އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ޒިޔާއުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.


Advertisement
- ކޮމެންޓް