ކ. މާލެ
|
21 އޮކްޓޯބަރ 2024 | ހޯމަ 13:43
ފްލެޓާއި ގޯތީގެ މައްސަލާގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ފްލެޓާއި ގޯތީގެ މައްސަލާގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
އެމްޑީޕީ
ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުން
މި ސަރުކާރުގައި ރައްޔިތުންނަށް ހައްގުތައް ލިބެން އޮތީ 100 ފޫޓު ދުރުން: މެމްބަރު މީކާއީލް
ކުރީ ސަރުކާރުގައި މަޖިލިސް އިދާރާގެ ވަރަށް ކައިރީގައި މުޒާހަރާ ކުރުމުގެ ފުރުސަތު ދީފައިވޭ
ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތަށް އަންނަ ބަދަލާއި ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކަށް ވެސް އަންނަ ބަދަލު އެނގޭނެ
މައިނޯރިޓީގެ އަޑު ކަނޑުވާލަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައްޔިތުންނަށް ހައްގުތައް ލިބެން އޮތީ 100 ފޫޓު ދުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މެމްބަރު މީކާއީލް މިހެން ވިދާޅުވީ ގޯއްޗާއި، ފްލެޓު މައްސަލާގައި ރައްޔިތުން މަޖިލިސް ކުރާ ސަރަހައްދަށް އެއްވި އާއްމު ރައްޔިތުން ދުރަށް ޖެއްސުމާއި ގުޅިގެންނެވެ. މަޖިލިސް އިދާރާއާއި ގާތްގަނޑަކަށް 100 ފޫޓު ދަރަށް ޖައްސާފައިވާތީ އެކަމާއި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިމައްސަލައާ ގުޅިގެން ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިސް ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މެމްބަރު މީކާއީލް ވިދާޅުވީ މިސަރުކާރުގައި ރައްޔިތުން ހައްގުތައް ހޯދުމަށް މުޒާހަރާ ކުރާއިރު، ހައްގު ލިބެން އޮތީ ވެސް 100 ފޫޓު ދުރުން ކަމަށެވެ.

މެމްބަރު މީކާއީލް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މަޖިލިސް އިދާރާގެ ވަރަށް ކައިރީގައި މުޒާހަރާ ކުރި ކަމަށާއި، އެދުވަހު ރައްޔިތުންނަށް ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. މިހާރު ރައްޔިތުންނަށް ތަފާތު ފާހަގަކުރެވޭނެ ކަމަށާއި، ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތަށް އަންނަ ބަދަލާއި ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކަށް ވެސް އަންނަ ބަދަލު އެނގޭނެ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތަށް އަންނަ ބަދަލާއި ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކަށް ވެސް އަންނަ ބަދަލު. މިހާރު 100 ފޫޓު ދުރުން އަޅުގަނޑުމެންނަށް ހައްގު ލިބެން އޮތީ. މިހާރު އެ ތަފާތު ކުރުން އެހައި ފާޅުގައި އެފެންނަނީ. ރައްޔިތުންގެ މަޖިލީހަށް އެމައްސަލަތައް ވެސް ބަލައިގަނެވޭ ކަމަކަށް ނުވޭ. މައްސަލައެއް ވެސް ބަލައިގަނެވޭ ކަމަކަށް ނުވޭ. މައިނޯރިޓީގެ އަޑު އެއްކޮށް ކަނޑުވާލަން ޕީއެންސީން މަސައްކަތް ކުރާ މަންޒަރު ފެންނަނީ. އެހެންނަމަވެސް އަޅުގަނޑުގެ އުންމީދަކީ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ހޭލާ މީޑިއާގެ ފަރާތުން އިތުރާ އެބޭފުޅުންނާ ސުވާލުކޮށް އެމައްސަލަ އިތުރަށް ލަސްވަނީ ކީއްވެތޯ
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުން މަޖިލީހުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މެމްބަރު މީކާއީލް ވިދާޅުވީ ކުއްލި މައްސަލަތައް ވެސް ހުށަޅަން ފުރުސަތު ނުދީ މައިނޯރިޓީގެ އަޑު ކަނޑުވާލަން މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާޢި، އެ މަންޒަފު ފާޅުގައި ފެންނަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ.


Advertisement
- ކޮމެންޓް