އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.
ވުލްވްސްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ވުލްވްސް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ވުލްވްސް އިން ވަނީ ސިޓީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ވުލްވްސް އަށް ޖަހައިދިނީ ސްޓްރޭންޑް ލާސެން އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ނެލްސަން ސެމޭޑޯ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޮސްކޯ ގްވާޑިއޯލް އެވެ. މެޗުގައި އިތުރު ލަނޑެއް ޖެހުމަށް ސިޓީން ވަނީ ވަރަށް މަސައްކަތް ކޮށްފަ އެވެ. އެ ޓީމަށް އެކަން ކާމިޔާބު ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ސިޓީ އަށް ޖަހައިދިނީ ޖޯން ސްޓޯންސް އެވެ. އެ ލަނޑު ބަލައި ގަންނަން ރެފްރީ ނިންމީ ވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު އެވެ.
މޮޅާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު އަށް މެޗުން 20 ޕޮއިންޓު ހޯދައިގެންނެވެ. ހަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.