ކ. މާލެ
|
20 އޮކްޓޯބަރ 2024 | އާދީއްތަ 15:15
 މިފްކޯއިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
މިފްކޯއިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
ވަގުތު.އެމްވީ
ގެއްލުމުގެ ބަދަލު
ގެއްލުމުގެ ބަދަލުގައި މިފްކޯއިން އަމިއްލަ ކުންފުންޏަކަށް ދައްކަން ޖެހޭ 20 މިލިއަން ރުފިޔާގެ ހުކުމް ބާތިލު ނުކުރި
މިއީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 10 ވަަނަ ބާބުގެ ދަށުން ޣައިރު ހާޒިރުގައި ކުރި ހުކުމް ބާތިލްކުރަން ނުވަތަ ބަދަލުކުރަން މިފްކޯގެ ފަރާތުން ހުށަހެޅި މައްސަލައެއް
2023 ނޮވެމްބަރު 8 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މި ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް މިފްކޯގެ މައްޗަށް ޣައިރު ހާޒިރުގައި ވަނީ ހުކުމްކޮށްފަ

ގެއްލުމުގެ ބަދަލުގައި މިފްކޯއިން އަމިއްލަ ކުންފުންޏަކަށް ދައްކަން ޖެހޭ 20.5 މިލިއަން ރުފިޔާގެ ހުކުމް ބާތިލު ނުކުރެވޭނެކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ މިފްކޯގެ މައްޗަށް އެމްޕްލޯއިމަންޓް ބިއުރޯ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލައިގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 10 ވަަނަ ބާބުގެ ދަށުން ޣައިރު ހާޒިރުގައި ކުރި ހުކުމް ބާތިލްކުރަން ނުވަތަ ބަދަލުކުރަން މިފްކޯގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ބުނެފައިވަނީ މިފްކޯއިން އަގުދާއި ހިލާފުވެފައިވާތީ ޝަރީއަތް މެދުވެރިކޮށް އިންސާފު ހޯދުމަށް އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް އިން ސިވިލް ކޯޓު އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ގާނޫނީ މަސައްކަތަށް ހަރަދުކުރި ފައިސާގެ ތެރެއިން ބައެއް ކަމުގައިވާ 500،000 ރުފިޔާއާއި 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރގެ ނިޔަލަށް އުޅަނދުން މަންފާ ހާސިލްކުރުމުގެ ހައްގު ގެއްލިފައިވާތީ، އެ މުއްދަތުގައި އެމްޕްލޯއިމަންޓް ބިއުރޯއަށް ލިބޭނެކަމަށް ލަފާކުރާ ގެއްލުމުގެ ބަދަލުގެ ފައިސާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްގައި ތަފްސީލުކޮށްދީފައިވާ ގެއްލުމުގެ ބަދަލުގެ ތެރެއިން ބައެއް ކަމުގައިވާ 20 މިލިއަން ރުފިޔާއާއެކު ޖުމްލަ 20.5 މިލިއަން ރުފިޔާއަކީ މިފްކޯއިން އެމްޕްލޯއިމަންޓް ބިއުރޯއަށް ދައްކަންޖެހޭ ފައިސާކަމަށެވެ.

އަދި 2023 ނޮވެމްބަރު 8 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މި ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް މިފްކޯގެ މައްޗަށް ޣައިރު ހާޒިރުގައި ވަނީ ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 124 ވަނަ މާއްދާގައިވާ ކަންކަމަށް ރިއާޔަތްކުރާ އިރު، ސިވިލް ކޯޓުގެ ގަޒިއްޔާއިން މިފްކޯގެ މައްޗަށް ކޮށްފައިވާ ހުކުމުގައިވާ ކަންކަން ބަދަލުކުރަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭ ސަަބަބެއް މި މައްސަލައިގައި ދައުވާކުރާ މިފްކޯއަށް ޝަރީއަތަށް ދެއްކިފައިނުވާތީ، މިފްކޯއިން އެދިފައިވާގޮތުގެ މަތިން ބަދަލުކުރަންޖެހޭ ފަދަ ހާލަތެއް އޮތްކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ސިވިލް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ މިފްކޯގެ މައްޗަށް އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލައިގައި މަދަނީ އިޖްރާއަތުގެ ގާނޫނުގެ ދިހަވަނަ ބާބުގެ ދަށުން ޣައިރު ހާޒިރުގައި ކުރި ހުކުމް ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާކަމަށެވެ.


Advertisement
- ކޮމެންޓް