ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 14:56
ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި
ކްރައިމް ސީނެއް ކަން އަންގައިދޭ ޓޭޕް ދަމާފައި
ރާއްޖެއެމްވީ
ވިފާގު މަރުގެ މައްސަލަ
ވިފާގު މަރު މައްސަލާގައި ދައުރުވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން: ފުލުހުން
ދައުރުވަމުންދާ ރިޕޯޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން
ވިފާގު މަރުވީ 14 އޯގަސްޓް 2024 ވަނަ ދުވަހު
އާއިލާއަށް ކުރެވޭ ތުހުމަތުތައް ފުލުހުން ވަނީ ދޮގުކޮށްފައި

މާލޭގެ އިމާރާތެއްގެ 10 ވަނަ ފްލޯއިން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާނުގެ މައްސަލާގައި ދައުރުވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ވިފާގު މަރުވި ހާދިސާގެ ރިޕޯޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ރިޕޯޓެއް ދައުރު ކުރަމުންނެވެ. މި ރިޕޯޓު އާއްމުކޮށްފައިވަނީ ފުލުހުންގެ ތަހުގީގު ޓީމުން ކަމަށް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

މިތުހުމަތުތަކާއި ގުޅިގެން ފުލުހުން ބުނީ ވިފާގް އިމާރާތެއްގެ މަތިން ވެއްޓި މަރުވި މައްސަލައިގެ ހާދިސާ ރިޕޯޓު ކަމަށް ބުނެ ސޯޝަލް މީޑީއާގެ އެކި މަންސަތަކުގައި ދައުރު ކުރަމުންދަނީ ސައްހަ ލިޔުމެއް ނޫން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ، އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. އަދި ދައުރުވަމުންދާ ރިޕޯޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، އެއީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ފުލުހުން ބުނެއެވެ.

14 އޯގަސްޓް 2024 ވަނަ ދުވަހުގެ ހަވީރު 17:37 ގައި 25 އަހަރުގެ ވިފާގު ވަނީ ދިރިއުޅެމުން ދިޔަ މާފަންނު ހަސޯވާ ގޭގެ 10 ވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި މަރުވެފައެވެ. ވިފާގު މަރުވެފައިވާކަން ރިޕޯޓުކޮށްފައިވަނީ އެދުވަހުގެ 18:19 ގައެވެ. މި ހާދިސާއާ ގުޅިގެން ޗެނަލް13 އިން ވަނީ އިންވެސްޓިގޭޝަން ވީޑީއޯ ރިޕޯޓެއް އާއްމުކޮށްފައެވެ. މި ރިޕޯޓުގައި ވިފާގަށް އޭނާގެ ދޮން ބައްޕަ، ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި މި ރިޕޯޓުގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

މި ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، 13 އޮކްޓޯބަރ 2024 ވީ އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު ވަނީ ވިފާގު މަރުގެ ހާދިސާ ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ. އަދި ވިފާގުގެ މަރާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގު ހިއްސާކޮށް، އާއިލާއަށް ކުރެވޭ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް