ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 12:27
ރެޑްބުލް ހާފް ކޯޓު ވޯލްޑް ފައިނަލްގައި ވާދަކުރާ ރާއްޖޭގެ އަންރޭންކްޑް ބާސްކެޓުބޯޅަ ޓީމު
ރެޑްބުލް ހާފް ކޯޓު ވޯލްޑް ފައިނަލްގައި ވާދަކުރާ ރާއްޖޭގެ އަންރޭންކްޑް ބާސްކެޓުބޯޅަ ޓީމު
ސިޑިބަރި
ރެޑްބުލް ހާފް ކޯޓު ވޯލްޑް ފައިނަލް
ރެޑްބުލް ހާފް ކޯޓު ވޯލްޑް ފައިނަލްގައި ވާދަކުރުމަށް ރާއްޖޭގެ ބާސްކެޓު ޓީމެއް
އެމެރިކާ ގައި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

ރެޑްބުލް ހާފް ކޯޓު ވޯލްޑް ފައިނަލްގައި ވާދަކުރުމަށް ރާއްޖޭގެ އަންރޭންކްޑް ބާސްކެޓުބޯޅަ ޓީމު އެމެރިކާ އަށް ގޮސްފި އެވެ.

އެމެރިކާ ގައި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖެ އިން މި މުބާރާތަށް ދިޔަ އަންރޭންކްޑް ބާސްކެޓުބޯޅަ ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިންނެވެ. އެއީ މަފާޒު މުޙައްމަދު، އިސްމާއީލް ފަރުހާން، އިބްރާހީމް ނަސީމް އަދި މުޙައްމަދު ޞަބީހު ތައުފީޤު އެވެ.

މުބާރާތަށް ފުރުމުގެ ކުރިން މީޑިއާ ތަކަށް ދިން އިންޓަވިޔުއެއްގައި މަފާޒު ބުނީ، މުބާރާތުގައި ވާދަކުރުމަށް ދެވޭތީ ވަރަށް އުފާވާ ކަމަށެވެ. އެމެރިކާ އަކީ ބާސްކެޓުގެ ގަދަ ބާރަކަށް ވާއިރު، އެ ޤައުމުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ވެސް އުފާވާ ކަމެއް ކަމުގައި މަފާޒު ބުންޏެވެ. މިއަހަރުގެ މުބާރާތުގައި ވެސް އަންރޭންކްޑް ޓީމުގެ ޓާގެޓަކީ އެއް މެޗުން މޮޅުވުން ކަމަށް ވެސް މަފާޒު ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ރެޑްބުލް މުބާރާތުގެ ގުރު ނެގުން އޮންނަނީ މުބާރާތް ބާއްވާ ޤައުމަށްދާ ފަހުން ކަމަށްވާތީ، ކުޅެން ޖެހޭނެ ޓީމެއް ކުރީ ބައިގައި ނޭނގޭތީ ތައްޔާރުވާން އުނދަގޫ ކަމަށެވެ. މިދިޔަ އަހަރުގެ މުބާރާތަށް ބަލާއިރު، އެންމެ މަތީ ފަންތީގެ ފަސް ޤައުމުގެ ތެރެއިން ތިން ޤައުމާ އެއް ގުރޫޕެއްގައި އެ ޓީމު އޮތުމުން ވަރަށް އުނދަގޫވިކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

އަނެއްކޮޅުން އިންޑިވިޖުއަލް ޓާގެޓެއް ވެސް ކަނޑައަޅާފައިވާ ކަމަށް މަފާޒު ބުންޏެވެ. އެގޮތުން ތްރީ ޕޮއިންޓު ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އަށް ލިބޭނެ ކަމަށާއި، އޭގައި ވާދަކޮށްގެން ވަނައެއް ހޯދިއްޖެ ނަމަ، އެކަން ވާނީ ބައިނަލްއަޤުވާމީ ޕްލެޓްފޯމެއްގައި ބާސްކެޓުން ލިބޭނެ އެންމެ ބޮޑު ކާމިޔާބަށް ވާނެ ކަމަށް މަފާޒު ވަނީ ބުނެފަ އެވެ. އެހެންކަމުން އަމާޒަކީ ކޮންމެ ވެސް އެއް ޓާގެޓެއް ޙާސިލުކޮށްގެން އަނބުރާ މާލެ އައުން ކަމަށް މަފާޒު ބުންޏެވެ.

މީގެ އިތުރުން މުބާރާތް ނިންމުމަށްފަހު، ރާއްޖެ އައުމުގެ ކުރިން އަންރޭންކްޑް ޓީމުން އެމެރިކާގައި 10 ވަރަކަށް ދުވަހުގެ ތަމުރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ޓީމުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި އެ ދަތުރާ ގުޅިގެން އެ ޓީމަށް ވަރަށް ބޮޑު ބަދަލެއް ނުވަތަ ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް މަފާޒު ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް