ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 18:53
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ
ރާއްޖެއެމްވީ
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުން
ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް އިސްލާހު ހުށަހެޅީ ޕާޓީތަކާއެކު މަޝްވަރާކުރުމަށްފަހު، އެއީ ރަނގަޅު ނިންމުމެއް: އީސީ
ހުރިހާ ސިޔާސީ ޕާޓީއަކަށް ފައިސާ ލިބެންޖެހޭ ކަމަށް ސިޔާސީ ޕާޓީތަކުން ވެސް ގަބޫލުކުރޭ
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި 4 ބަޔަކަށް ވަނީ ބަހާފައި
ދައުލަތުން ފައިސާ ދެނީ އެޕާޓީތައް ކުރިއެރުވުމާއި މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި ރާއްޖެ ކުރިއަށް ދިއުމަށް

ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށާއި، އެއީ ޕާޓީތައް ހިންގުމަށް ރަނގަޅު ނިންމުމެއް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މުޅި ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަމަށާއި، އިސްލާހު ކުރަންޖެހޭ ގިނަ ބައިތައް ފާހަގަކޮށްފައިވާ ކަމަށެވެ. ހުރިހާ މާއްދާތައް އިސްލާހު ނުވި ނަމަވެސް މުހިންމުކޮށް ބަދަލު ގެންނަންޖެހޭ މާއްދާތައް އިސްލާހު ވެގެން ދިއުމަކީ އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާކަން ފާހަގަކުރައްވައި ޒަކަރިއްޔާ ވިދާޅުވީ މީގެ ދެ އަހަރެއް ކުރިން ހުރިހާ ސިޔާސީ ޕާޓީތަކާއި ބައްދަލުކޮށް، މަޝްވަރާކޮށްފައިވާ ކަމަށާއި، މިފަހުން ވެސް ޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ހުރިހާ ސިޔާސީ ޕާޓީއަކަށް ފައިސާ ލިބެންޖެހޭ ކަމަށް ސިޔާސީ ޕާޓީތަކުން ވެސް ގަބޫލުކުރާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާގެ ތެރެއިން ޕާޓީ އިދާރީ ގޮތުން ހިންގުމަށް 25 ޕަސެންޓަށް ފައިސާ ލިބޭ ގޮތަށް ހުށަހަޅާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަނެއް 25 ޕަސެންޓްގެ ފައިސާ ލިބޭނީ ޕާޓީގައި ތިބޭ މެންބަރުންގެ އަދަދަށް ބެލުމަށްފަހު ކަމަށެވެ.

ޕާޓީގެ މެންބަރ ޝިޕް ހަމަވާ 3000 ހަމަވާ ކޮންމެ ޕާޓީއަކަށް ވެސް. އޭރުގައި ދެމުން އައި ގޮތް ކަމުނުގޮސްގެން ގާނޫނަށް ބަދަލު ގެނެސްފައި 10،000 މަތީގެ މެންބަރ ޝިޕް ހިމެނޭ ޕާޓީތަކަށް ފައިސާ ދެމުންއައީ. މިހާރު ވެސް މިއޮތީ އެގޮތަށް. އެހެންނަމަވެސް މިހާރު އިސްލާހު ހުށަހަޅާފައި އޮތް ގޮތުގައި މިއޮތީ މައިގަނޑު 4 ބަޔަކަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ ބަހާލާފައި. އޭގެ ތެރެއިން އެއްބަޔަކީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ހިނގާށޭ ކުޑައެއް ބޮޑެއް ނުބަލާ ސިޔާސީ ޕާޓީތަކުގެ އިދާރީ ހިންގުމަށްޓަކައި އެހީތެރިވެދޭނެ ގޮތެއް ހޯދަން އެނގޭތޯ. އެއީ ރަޖިސްޓްރާ ސިޔާސީ ޕާޓީއެއް ވެއްޖެއްޔާ ހިންގުމަށްޓަކައި ބެލެހެއްޓުމަށްޓަކައި ކޮންމެވެސް އެހީތެރިކަމެއް ލިބޭ ގޮތެއް ބަލައިދޭށޭ. އެގޮތަށް މަޝްވަރާ ކުރެވިގެން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާގެ 25 ޕަސެންޓް މިކަނޑައެޅި ހުރިހާ ސިޔާސީ ޕާޓިއަކަށް ލިބޭ ގޮތަށް އެއީ މިދެންނެވި ހުރިހާ ސިޔާސީ ޕާޓީއަކަށް ފައިސާ ލިބޭނީ މެންބަރުގެ އަދަދަށް ބަލާފައި. ކުޑައެއް ބޮޑެއް ނެތް.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ

ޒަކަރިއްޔާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި 4 ބަޔަކަށް ބަހާފައިވާ ކަމަށެވެ. އަދި ބާކީ 50 ޕަސެންޓްގެ ފައިސާ ދޫކުރުމުގައި އެންމެފަހުން ބާއްވާފައިވާ އިންތިޚާބުތަކުން އެޕާޓީއަށް ލިބިފައިވާ ވޯޓުގެ ނަތީޖާއަށް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެންމެ ފަހުން ބޭއްވި ރައްޔިތުން މަޖިލިސް އިންތިޚާބަށް 30 ޕަސެންޓް އަދި ލޯކަލް ކައުންސިލް އިންތިޚާބަށް 20 ޕަސެންޓަށް ބެލުމަށްފަހު ފައިސާ ދޫކުރަން ހުރިހާ ޕާޓީއަކުން އެއްބަސްވެފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އަނެއް 50 ޕަސެންޓް ފައިސާ މި ހަމަޖެއްސީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވުނީ އިލެކްޝަން ކޮމިޝަނާއެކު ކުރެވުނު މަޝްވަރާގައި ހިނގާށޭ ދޭން އެޕާޓީއަކުން އިންތިޚާބުތަކުގައި ވާދަކޮށްގެން ލިބޭ ވޯޓުގެ ނިސްބަތުން. އެހެންވީމަ އަނެއްކާވެސް ކުދި ޕާޓީތަކަށް އިންތިޚާބުތަކުގައި ވާދަކޮށްގެން ލިބޭ ވޯޓުން ނިސްބަތުން ލިބޭ ފައިސާ ބަޖެޓުގެ ތެރެއިން ލިބިގެން ދިއުން. ދެން ލިބޭ ވޯޓަަށް ފައިސާ ދިނުމުގައި އަޅުގަނޑުމެންނަށް ހުރިހާ ޕާޓީތަކަށް އެއްބަސްވެވުނު ގޮތަކީ އެންމެ ފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެޕާޓީއަކުން ވާދަކޮށްގެން ލިބުނު ވޯޓަކުން އަދި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެޕާޓީއަށް ލިބުނު ވޯޓަކަށް. މިދެބައި އެއްކޮށްގެން ލިބުނު ވޯޓުގެ ނިސްބަތުން މިދެންނެވި 50 ޕަސެންޓް. އެއީ ރައްޔިތުން މަޖިލިސް އިންތިޚާބުގެ ވޯޓަށް 30 ޕަސެންޓް، ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓަށް 20 ޕަސެންޓް.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ

ޒަކަރިއްޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދެނީ އެޕާޓީތައް ކުރިއެރުވުމާއި މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި ރާއްޖެ ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. ފައިސާ ދިނުން ގާނޫނުގައި އެބައޮތް ކަމަށާއި، ސިޔާސީ ޕާޓީތައް އިދާރީ ގޮތުން ބަލަހައްޓާ ހަރުދަނާ ކޮށް ކުރިއަށް ގެންދިއުމަށް އެހީތެރިވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.


Advertisement
- ކޮމެންޓް