ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 15:29
ޕެންސިލްވޭނިއާގައި ބޭއްވުނު ކެމްޕޭން ރެލީއެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ބަޑީގެ ހަމަލާގެ ތެރެއިން
ޕެންސިލްވޭނިއާގައި ބޭއްވުނު ކެމްޕޭން ރެލީއެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ބަޑީގެ ހަމަލާގެ ތެރެއިން
ރޮއިޓާސް
ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް އަވަހާރަކޮށްލަން ތިންވަނަ ފަހަރަށް މަަސައްކަތްކޮށްފި
ހައްޔަރުކުރެވުނު މީހާއަކީ ނެވާޑާ އަށް ނިސްބަތްވާ ވެމް މިލަރ ނަމަކަށް ކިޔާ 49 އަހަރުގެ މީހެކެވެ.
ޚަބަރުގެ އޯޑިއޯ

ރިޕަބްލިކަން ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ތިންވަނަ ފަހަރަށް ކުރި މަސައްކަތްވެސް ނާކާމިޔާބު ކޮށްލެވިފައިވާކަމަށް ރިވަރސައިޑް ކައުންޓީގެ ޝެރިފް ޗަޑް ބިއާންކޯ ވިދާޅުވެއްޖެއެވެ.

ޝެރިފް ބިއާންކޯ ވިދާޅުވި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ކެލިފޯނިއާގެ ކޯޗެއްލާ ސިޓީގައި ބޭއްވުނު ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގެ ސެކިއުރިޓީ ސަރަހައްދުން ބޭރުގައި ޑެޕިއުޓީން ވަނީ ޓްރަމްޕަށް ހަމަލާދޭން އުޅޭ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެވެ. އެ މީހާގެ އަތުން ފެނިފައިވަނީ ތަފާތު ނަންނަމުގައި ހުރި އެތައް ޕާސްޕޯޓުތަކަކާއި، ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި އޮޅުވާލައިގެން ހަދާފައިވާ ލައިސަންސް ޕްލޭޓަކާއި، އަދި ބަޑިތަކެކެވެ.

ޝެރިފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ހައްޔަރުކުރެވުނު މީހާއަކީ ނެވާޑާ އަށް ނިސްބަތްވާ ވެމް މިލަރ ނަމަކަށް ކިޔާ 49 އަހަރުގެ މީހެކެވެ.

މިލަރގެ އަތުން ދެ ބަޑިއާއި ހައި-ކެޕޭސިޓީ މެގަޒިނެއް ފެނުމާ ގުޅިގެން އޭނާއާ ދެކޮޅަށް ދަޢުވާތަކެއް ވަނީ ކޮށްފައެވެ. އޭނާ މިހާރު ބެއިލްގައި ދޫކޮށްލެވިފައި ވީނަމަވެސް، 2025 ޖަނަވަރީ 2 ގައި ކޯޓަށް ހާޒިރުވުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ އެޓާނީ އޮފީހުން ބުނެފައިވަނީ ކުރީގެ ރައީސް ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް ސީކްރެޓް ސަރވިސް އޮފިޝަލުން ކަށަވަރުކޮށްދީފައިވާ ކަމަށާއި، މި މައްސަލާގައި މިހާތަނަށް ފެޑެރަލް އެއްވެސް ހައްޔަރެއް ކުރެވިފައި ނުވި ނަމަވެސް، ތަޙުޤީޤު ކުރިއަށްދާ ކަމަށެވެ.

މި މައްސަަލާގައި ތުހުމަތުކުރެވޭ ފަރާތްކަމުގައިވާ މިލަރ ސަދަން ކެލިފޯނިއާ ނިއުސް ގްރޫޕަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާއަކީ ޓްރަމްޕަށް ތާއީދުކުރާ މީހެއް ކަމަށާއި، ޓްރަމްޕަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބުނެ މިތުހުމަތުތައް ދޮގުކޮށްފައެވެ.

"މި ތުހުމަތުތަކަކީ މުޅިން ދޮގު ވާހަކަތަކެއް. އަހަންނަކީ އާޓިސްޓެއް. އަހަންނަކީ އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދޭނެ އެންމެ ފަހު މީހާ،" މިލަރ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ޓްރަމްޕްގެ ކެމްޕޭނު ގްރޫޕުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ޓްރަމްޕް އަވަހާރަކޮށްލަން ތިންވަނަ ފަހަރަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައި މިވަނީ، ދާދިފަހުން ފްލޮރިޑާގައި ހުރި ޓްރަމްޕްގެ ގޯލްފް ކޯހުގައި އޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ދަޢުވާ ރަޔަން ރައުތު އާ ދެކޮޅަށް ދެކޮޅަށް އުފުލި ތާ ހަފްތާތަކެއް ފަހުންނެވެ.

ރައުތު ވަނީ އޭނާއާ ދެކޮޅަށް ކުރެވުނު ދަޢުވާތަކަށް އިންކާރުކޮށްފައެވެ.

ފްލޮރިޑާގައި ކުރެވުނު މި ހައްޔަރަކީ ފާއިތުވި މަސްތަކުގެ ތެރޭގައި ޓްރަމްޕް އަވަހާރަކޮށްލަން ކުރެވުނު ކަމަށް ބެލެވޭ ދެވަނަ މަސައްކަތެވެ. ޖުލައި މަހު ޕެންސިލްވޭނިއާގައި ބޭއްވުނު ކެމްޕޭން ރެލީއެއްގައި ބަޑި ހިފައިގެން ހުރި މީހަކު ވަނީ ޓްރަމްޕަށް އަމާޒުކޮށް ބަޑިޖަހާފައެވެ.

މިހަމަލާއާ ގުޅިގެން އިވެންޓުގެ ސެކިއުރިޓީ އިންތިޒާމުތަކާ މެދު ގިނަ ސުވާލުތަކެއް އުފެދި، ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް