ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 12:09
ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން
ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން
ރޮއިޓާސް
ޖަރުމަނު ޤައުމީ ޓީމު
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން
އަމިއްލަ ޤައުމުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޖަރުމަނުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އެ މުބާރާތުން ގިނަ ކަންތައްތަކެއް ހާސިލު ކުރެވުނު ކަމަށް ނާގަލްސްމަން ބުންޏެވެ.

ޖަރުމަނު ޤައުމީ ފުޓުބޯޅަ ޓީމަށް ގިނަ ކަންތައްތަކެއް ޙާސިލު ކުރެވިފައިވާ ކަމަށް، އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ޖަރުމަނު ޤައުމީ ޓީމުގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަަޕަށްފަހު ވެސް، ޖަރުމަނު ޤައުމީ ޓީމުގެ ކޯޗުކަމުގައި އޭނާ ހުރެދާނެތޯ ނޫސްވެރިޔަކު ވަނީ ސުވާލު ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، ޖަރުމަނު ޤައުމީ ޓީމުގެ ވަޒީފާއާ އޭނާ ހަވާލުވީ އިރު ވެސް، ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަޤީންކަމާއި، އަދި ވަޒީފާގެ ފުރިހަމަ ޔަޤީންކަން އޭނާ އަށް އޮތް ކަމަށެވެ. ނާގަލްސްމަން ބުނީ މިއަހަރު އަމިއްލަ ޤައުމުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޖަރުމަނުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އެ މުބާރާތުން ގިނަ ކަންތައްތަކެއް ހާސިލު ކުރެވުނު ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށާއި، އިތުރު ކާމިޔާބީ ހޯދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ އަށް އޮތް ކަމަށެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ދެން ކަންތައް ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ. އެހެން ނަމަވެސް، ޖަރުމަނުގެ ވަޒީފާ ގައި ވަރަށް ހިތްހަމަ ޖެހިގެން ހުރި ކަމަށާއި، އެތައް ކަމެއް ކުރިއަށް އޮތް ތަނުގައި ހާސިލު ކުރެވޭ މަންޒަރު ފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ. އެކަންކަމަށް ވަގުތު ބޭނުންވާނެ ކަމަށާއި، މިހާރު ފޯކަސް އޮތީ ޔުއެފާ ނޭޝަންސް ލީގަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ޖަރުމަނުގެ ޤައުމީ ޓީމުގެ ކޯޗަކަށް ނާގަލްސްމަން ހަމަޖެއްސީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަޤާމުގައި ހުރި ހަންސީ ފްލިކް ވަކި ކުރުމަށްފަހު އެވެ. ޖަރުމަނާ އެކު އެންމެ ފުރަތަމަ ނާގަލްސްމަން ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު އޮތީ މިއަހަރުގެ ޖުލައި މަހާ ހަމައަށެވެ. ނަމަވެސް، ޖަރުމަނުން ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ.

- ކޮމެންޓް