ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 09:05
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން
ރޮއިޓާސް
ޖަރުމަނު ޤައުމީ ޓީމު
ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ
ނާގަލްސްމަން ބުނީ، މެޗު ފަށައިގެން ފުރަތަނަ ދިހަ މިނެޓުގެ ތެރޭގައި ޖަރުމަނަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކަމަށެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނަށް ފަރަގު ބޮޑު ނަތީޖާއަކުން މޮޅުވެވޭނެ ކަމަށް، އެ ޓީމުގެ ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ނޭޝަންސް ލީގުގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ޖެހި ދެ ލަނޑުންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ބޮސްނިއާ އިން ލަނޑެއް ޖެހި އެވެ. ޖަރުމަނުން ދެ ވަނަ ހާފުގައި ތިން ވަނަ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، މެޗު ފަށައިގެން ފުރަތަނަ ދިހަ މިނެޓުގެ ތެރޭގައި ޖަރުމަނަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކަމަށެވެ. އެހެން ނަމަވެސް، މަޑު މަޑުން މެޗުގެ ތެރެއަށް ވަދެ، ޖަރުމަނުން މެޗުގެ ފުރިހަމަ ކޮންޓްރޯލު ނެގިކަން ވެސް ނާގަލްސްމަން ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންކަމުން އެ މެޗުގެ ރޫޙު ދިޔަ ގޮތަށް ބަލާއިރު، ޖަރުމަނަށް އިތުރު ލަނޑުތަކެއް ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ޖަރުމަނުން ދައްކަމުން އަންނަ ކުޅުމާމެދު ޖުމުލަ ގޮތެއްގައި ހިތްހަމަ ޖެހޭ ކަމަށެވެ. ބޮސްނިއާ މެޗަށްފަހު ދެން ތައްޔާރުވާން ޖެހޭނީ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗަށްކަން ފާހަގަކޮށް ނާގަލްސްމަން ބުނީ، އެ މެޗު ފަސޭހަވާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ ނެދަލެންޑްސް އަކީ ވެސް ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިން ތިބި ޓީމަކަށްވުމުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން އެ މެޗަށް ވެސް ޖަރުމަނު ނިކުންނާނީ އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް ނާގަލްސްމަން ބުންޏެވެ.

ބޮސްނިއާ އަތުން ހޯދި މޮޅާއެކު ޖަރުމަނު އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން ޖަރުމަނު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ލީގުގައި ދެން ޖަރުމަނު ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.

- ކޮމެންޓް