ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 18:44
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރެއްވުން
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު
އިންޑިއާ ދަތުރުފުޅަށްފަހު މުއިއްޒު މާލެ ވަޑައިގެންފި
އިންޑިއާ އިން ވަނީ 100 މިލިޔަން ޑޮލަރު ހަމަޖައްސަވައިދީ، އިތުރު އެހީގެ ގޮތުގައި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީޒް އާއި 400 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީދީފައި

މިހިނގާ އޮކްޓޯބަރު މަހުގެ 6 އިން 10 އަށް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބުރާސްފަތި ދުވަހު މާލެވަޑައިގެންފިއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަދި އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހިގުޅުން އިތުރުކުރުމުގެ މައްޗަށެވެ.

މީގެއިތުރުން "އަ ވިޜަން ފޯ އިކޮނޯމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ގެ ނަމުގައި އެކުލަވާލި ކަރުދާހަކީ މި ދަތުރުފުޅުގެ އެންމެ މުހިއްމު އެއް ނިންމުމެވެ. ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް، މި ކަރުދާސް އެހީތެރިވެދޭނޭކަމަށް ދެ ފަރާތުންވެސް އެއްބަސްވެވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި، ފަހުމުނާމާތަކުގައި ސޮއިކޮށް، ނޯޓް ވަރބޭލް ބަދަލުކޮށް، ބައެއް މަޝްރޫޢުތައް ވަނީ އިފްތިތާޙުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގައި، ދެ ޤައުމުން ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިމަގުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީ އާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިޔާދަކުރަނިވި ހަކަތަ އާއި މެރިޓައިމް އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުންދިނުން ފަދަ މައުޟޫޢުތަކުގެ މައްޗަށް ދެ ފަރާތުން މަޝްވަރާކުރައްވާފައިވެއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ދެއްވި މާލީ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަމުން، މޭ މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި، އިންޓްރަސްޓަކާއި ނުލައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވައި، އިތުރު އެހީގެ ގޮތުގައި ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީޒް އާއި 400 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އެހީއަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދެއްވަމުންގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ހިމެނިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އާގްރާ އަށާއި، މުމްބާއީ އަށާއި، ބެންގަލޫރަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ސިޓީތަކުގައިވެސް މުހިންމު ގިނަ ހަރަކާތްތަކާއި ބައްދަލުވުންތައް ކުރިއަށްގެންދެވިއެވެ. ނިއުދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވެވި އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ދެ ޤައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ ތެރެއިން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގައްޔާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކުގައްޔާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫޢުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުޞަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުން، މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ތާޖް މަހަލަށް ޒިޔާރަތް ކުރައްވާފައެވެ.

މީގެ އިތުރުން، ނިއުދިއްލީ އާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

އަންނަ އަހަރަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ، އަންނަ އަހަރު ދިވެހިރާއްޖެއަށް ފުރަމަނަ ދަތުރުފުޅެއް ކުރެއްވުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދަޢުވަތު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް އެކުގައި މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން ދެ ޤައުމުންވެސް އަރުވަމުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް