ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 19:21
މީރާ
މީރާ
މީރާގެ ތަފާސްހިސާބުތައް
ސެޕްޓެންބަރު 2024 ގައި މީރާއަށް 2.30 ބިލިއަން ރުފިޔާ ބަލައިގަނެފި
ސެޕްޓެމްބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 102.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ސެޕްޓެމްބަރު 2024 ގައި މީރާއަށް 2.30 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާ އިން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 93.1% މަތީ އަދަދެއްކަން ފާހަގަކޮށްލެވެއެވެ. އަދި، ސެޕްޓެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.7% އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ސެޕްޓެންބަރު 2023 އާއި އަޅައިބަލާއިރު، ސެޕްޓެންބަރު 2024 ގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ލިބިފައިވާ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމުލަ އަމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ޖީ.އެސް.ޓީ އަދި ރިޒޯޓްތަކުގެ ކުލި ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާއި ދިމާވުމާއި ގުޅިގެން، އެ ފައިސާ ބަލައިގަނެފައި ވަނީ އޮކްޓޫބަރު 2023 ގައެވެ.

ސެޕްޓެމްބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީ މީރާއިން ބަލައިގަނެފައިވުން ހިމެނެއެވެ. ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ މި މުއްދަތަށް ލިބޭނެކަމަށް އަނދާޒާކޮށްފައި ނުވާ ސަބަބަކީ، މި ފީއަކީ ތާވަލް ކޮށްގެން ނަގާ ފީއަކަށް ނުވުމާއެކު ޓެކްސް ދައްކާ ފަރާތްތަކުން މި ފީ ދައްކަނީ އަމިއްލަ އިޙްތިޔާރުގައިކަމަށް ވުމެވެ. ހަމަ އެހެންމެ، އަލަށް ކުއްޔަށް ދޫކުރި ރަށްތަކުގެ ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ އާމްދަނީއާއެކު ޖީ.އެސް.ޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ކުރީގެ ސުންގަޑިތަކަށް ބަލައިގަނެފައިވާ ފައިސާ ލިބިފައިވެއެވެ. އަދި މީގެ އިތުރުން، ސެޕްޓެމްބަރު 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %8.1 އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ސުންގަޑިއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވުމާއެކު ޖީ.އެސް.ޓީ، ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީ، ކުރީގެ ސުންގަޑިތަކަށް މި މަހު ލިބިފައިވުމަކީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާއި އަޅައިބަލާއިރު ސެޕްޓެމްބަރު 2024 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް ގެނެވުނު 13 ވަނަ އިސްލާހާއި ގުޅިގެން ރިޒޯޓްތަކުގެ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ 99 އަހަރަށް އިތުރުކުރުމުގެ ސަބަބުން މި މަހު މީރާއިން ބަލައިގެން އާމްދަނީ ވަނީ އިތުރުވެފައެވެ.

ސެޕްޓެމްބަރު 2024 ގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ %44.5 ނުވަތަ 1.02 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ. އެއީ %15.7 ނުވަތަ 360.78 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 229.95 މިލިއަން ރުފިޔާ (%10.0)، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 147.99 މިލިއަން ރުފިޔާ (%7.6)، އެއާޕޯރޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 101.78 މިލިއަން ރުފިޔާ (%4.4)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 409.95 މިލިއަން ރުފިޔާ (%17.8) ލިބިފައިވެއެވެ.

ސެޕްޓެމްބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 102.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް