ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 09:42
އިންގްލެންޑުގެ ޤައުމީ ޓީމުގެ ކޯޗަކަށް ހުރި ސައުތުގޭޓް
އިންގްލެންޑުގެ ޤައުމީ ޓީމުގެ ކޯޗަކަށް ހުރި ސައުތުގޭޓް
ރޮއިޓާސް
ގަރެތު ސައުތުގޭޓް
ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ
ސައުތުގޭޓް ބުނީ، ރަނގަޅު ނިންމުމެއް ނިންމުމަށް އޭނާގެ އަމިއްލަ ނަފުސަށް ވެސް ވަގުތު ދޭން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޓީމެއްގެ ކޯޗުކަމާ ހަވާލު ނުވާނެ ކަމަށް، އިންގްލެންޑު ޤައުމީ ޓީމުގެ ކުރީގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުމުގެ ފުރުސަތު އޭނާ އަށް ހުށަހަޅަމުން އަންނަ ކަމަށް ބުނެ، މީޑިއާ ތަކުގައި ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ. މީގެ ކުރިން ވެސް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މެންޗެސްޓަރ ޔުނައިޓެޑުން އޮތީ އެ ޓީމުގެ ކޯޗަކަށް ސައުތުގޭޓް ހަމަޖައްސަން ޝައުޤުވެރިވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސައުތުގޭޓް ބުނީ، ޔަޤީނުން ވެސް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޓީމެއްގެ ކޯޗުކަމާ އޭނާ ހަވާލު ނުވާނެ ކަމަށެވެ. އެއީ އޭނާ އަށް އެކަމަކީ ޔަޤީންކަމެއްކަން ފާހަގަ ކުރަމުން ސައުތުގޭޓް ބުނީ، ރަނގަޅު ނިންމުމެއް ނިންމުމަށް އޭނާގެ އަމިއްލަ ނަފުސަށް ވެސް ވަގުތު ދޭން ޖެހޭ ކަމަށެވެ. ކުރިއަށް ދިޔުމުގައި ދެން އަޅަން ޖެހޭނީ މުހިންމު ފިޔަވަޅެއްކަމަށާއި، އެކަމަށް ވަގުތު ބޭނުންވާ ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ސައުތުގޭޓް ހުރީ އިންގްލެންޑުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަޤާމުގަ އެވެ. އިންގްލެންޑުގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅެފަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯގެ ފައިނަލްގައި ކުޅުނެވެ. އެއީ އިންގްލެންޑުން ޔޫރޯ މުބާރާތެެއްގެ ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރެވެ. 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އިންގްލެންޑުން ނިންމާލީ ކުއާޓާ ފައިނަލާ ހަމައިންނެވެ.

އޭގެ ފަހުން މިއަހަރު ޖަރުމަނުގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ވެސް އިންގްލެންޑު ވަނީ ކުޅެފަ އެވެ. އެއީ ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑު ކުޅުނު ދެ ވަނަ ފައިނަލް އެވެ. އެ ފައިނަލްގައި ސްޕެއިން އަތުން އިންގްލެންޑު ބަލިވެފައިވާއިރު، އެ މުބާރާތަށް ފަހު ސައުތުގޭޓް ވަނީ އިންގްލެންޑުގެ ކޯޗުކަމުން ވަކިވާން ނިންމައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް