ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 01:10
ޑރ. މުއިއްޒު މުމްބާއީގައި 8 އޮކްޓޯބަރ 2024 ވީ އަންގާރަ ދުވަހު އިންޑިއާގެ ފިލްމީ ތަރިންނާ ބައްދަލު ކުރައްވަނީ
ޑރ. މުއިއްޒު މުމްބާއީގައި 8 އޮކްޓޯބަރ 2024 ވީ އަންގާރަ ދުވަހު އިންޑިއާގެ ފިލްމީ ތަރިންނާ ބައްދަލު ކުރައްވަނީ
ސިދާންތު ސިބާލް
ޑރ. މުއިއްޒުގެ އިންޑިއާ ދަތުރުފުޅު
ބޮލީވުޑް ތަރިންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު، ހިންދީ ފިލްމާއި ޑްރާމާ ސީރީޒް ރާއްޖޭގައި އުފައްދަން ވަރަށް ބޭނުން: ޑރ. މުއިއްޒު
ރާއްޖޭގައި ހިންދީ ފިލްމާއި ޑްރާމާ ސީރީޒް އުފައްދަން ވަރަށް ބޭނުންފުޅުވާކަމަށް މުއިއްޒު ވިދާޅުވި
ފިލްމް އުފައްދާ ފަރާތްތަކާ ބައްދަލުކުރައްވާ ރާއްޖޭގައި ފިލްމު އުފައްދަން ބާރު އަޅުއްވާނެ ކަމަށް މަހާރާޝްތްރާގެ ގަވަރުނަރު މުއިއްޒަށް ދެންނެވި
މުއިއްޒު ވިދާޅުވީ ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުން އެންމެ މަތީ ދަރަޖަ އަށް ގެންދަވާނެ ކަމަށް

ބޮލީވުޑް ތަރިންނާ އެކު ބޭއްވެވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި ހިންދީ ފިލްމާއި ޑްރާމާ ސީރީޒް ރާއްޖޭގައި އުފައްދަން ވަރަށް ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އިޤްތިޞާދީ މަރުކަޒުގެ ގޮތުގައި މުންބާއީގައި އެކި ދާއިރާތަކުން ވިޔަފާރީގެ ބޮޑު ފުރުޞަތުތަކެއް އޮތްކަމަށް ވިދާޅުވަމުން، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓާއި އަދި އިންފްރާސްޓްރަކްޗަރގެ ދާއިރާތަކުން ރާއްޖެއިން އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އެންމެ މަތީ ދަރަޖައަށް ގެންދާނެ ކަމަށެވެ.

ރައީސް މުޢިއްޒު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އަންގާރަ ދުވަހު މުންބާއީގެ ރާޖް ބަވަންގައި މަހާރާޝްތްރާގެ ގަވަރުނަރު ސީ.ޕީ. ރާދަކްރިޝްނަން ރާއްޖޭގެ ރައީސްގެ ޝަރަފުގައި ބޭއްވި ރިސެޕްޝަންގައެވެ.

ރައީސް މުޢިއްޒު ގަވަރުނަރަށް ދެންނެވީ މުންބާއީގައި މަޝްހޫރު ބޮލީވުޑް ތަރިންނާ ބައްދަލުކުރެއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި ފައިދާހުރި ގޮތެއްގައި ކުރިއަށްދިޔަ ކަމަށެވެ. އެމަނިކުފާނު ބޮލީވުޑްގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް ރާއްޖޭގައި ފިލްމު އުފެއްދުމަށް ދަޢުވަތު ދެއްވި ކަމަށް ގަވަރުނަރަށް ދެންނެވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ޓެލެވިޜަން ސީރިއަލްތައް ޝޫޓުކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ބައްލަވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ ފިލްމުތަކާއި ޓެލެސީރިއަލްތަކުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ރައީސް މުޢިއްޒު ގަވަރުނަރަށް ދެންނެވީ ރާއްޖެއާއި އިންޑިއާ ދެ ޤައުމުގެ ގުޅުމުގެ 60 އަހަރު ފާހަގަކުރަނީ އަންނަ އަހަރު ކަމަށެވެ. އިންޑިއާގެ ރައީސާއި ބޮޑުވަޒީރާ އެކު ބޭއްވެވި ބައްދަލުވުންތައް ކާމިޔާބު ގޮތެއްގައި ކުރިއަށްދިޔަ ކަމަށް ވަރަށް ހިތްޕުޅުހަމަޖެހުމާއެކު ގަވަރުނަރުގެ ބައްދަލުވުމުގައި ފާހަގަ ކުރިކަމަށް އިންޑިއާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖޭގެ ރައީސަށް މަހާރާޝްތްރާއަށް މަރުޙަބާ ދަންނަވަމުން، ގަވަރުނަރު ރާދަކްރިޝްނަން ވިދާޅުވީ ރާއްޖޭގައި ރުޕޭ ކާޑު ތަޢާރަފުކުރުމުން ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ފަސޭހަވެ، އިތުރު ފަތުރުވެރިން ރާއްޖެއަށް އައުމަށް މަގުފަހިވާނެ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ރާއްޖެއަކީ އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށާއި، ޘަޤާފީ، އިޤްތިޞާދީ، ވިޔަފާރީގެ އަދި ރައްޔިތުންގެ މެދުގައި ގުޅުން އޮތް، ޒަމާންވީ ގާތް ރަޙްމަތްތެރިއެއް ކަމަށެވެ. އޭނާ ރައީސް މުޢިއްޒަށް ދެންނެވީ އިންޑިއާގެ "ނޭބަރހުޑް ފަސްޓް" ސިޔާސަތާއި "ސާގަރ" (ސަރަޙައްދުގެ އެންމެންނަށް ސަލާމަތްތެރިކަމާއި ކުރިއެރުން) ވިސްނުމުގައި ރާއްޖެއަށް ޚާއްޞަ މަޤާމެއް ލިބިފައިވާ ކަމަށެވެ.

އިންޑިއާއަކީ މިހާރު ރާއްޖޭގެ އެންމެ މުހިންމު ވިޔަފާރި ބައިވެރިންގެ ތެރެއިން ބައިވެރިއަކަށް ވެފައިވާތީ އުފާކުރައްވާ ކަމަށް ވިދާޅުވަމުން، ގަވަރުނަރު ފާހަގަ ކުރެއްވި ގޮތުގައި ގިނަ އިންޑިއާގެ ވިޔަފާރިތަކުން ރާއްޖެއާއެކު އެއްބާރުލުން އިތުރުކުރުމަށް ވަރަށް ޝައުޤުވެރިވާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ އިންޑިއާގެ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި ޕެރަމެޑިކުން ރާއްޖޭގެ ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެއް ފޯރުކޮށްދޭ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލުތަކުގައި މަސައްކަތްކުރާ އިންޑިއާގެ މުދައްރިސުން ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ބޮލީވުޑްގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާ ގަވަރުނަރު ބައްދަލުކުރުމަށް ދަޢުވަތު ދެއްވައި، ރާއްޖޭގައި ފިލްމު އުފެއްދުމަށް ހިތްވަރުދެއްވާނެ ކަމަށް މުއިއްޒު އަށް ދެންނެވި ކަމަށް އިންޑިއާގެ މީޑިއާއިން ބުނެފައިވެއެވެ.

ގަވަރުނަރު ވަނީ ރައީސާއި މިނިސްޓަރުންގެ ވަފުދުގެ ޝަރަފުގައި ފަރިއްކޮޅެއް ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް