މި ސަރުކާރުން ލާމަރުކަޒީ ބާރުތައް ކަނޑުވާލާތީ "ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީ އިން ޚާއްސަ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އެމްޑީޕީން ބޮޑުތިލަދުންމައްޗަށް ޚާއްސަ ދަތުރެއް ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ދަތުރުކުރުމަށް ހަމަޖެހިފަިއ ވަނީ 10 އޮކްޓޯބަރުން 15 އޮކްޓޯބަރަށް ކަމަށެވެ.
މި ދަތުރު ދެ ބަޔަކަށް ބެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ދަތުރު ކުރިއަށް ދާނީ ށ، ހއ އަދި ހދ އަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ދަތުރުގެ ތެރެއިން އެ އަތޮޅުތަކުގެ ގިނަ ރަށްތަކަށް ޒިޔާރަތްކުރާނެ ކަމަށާއި މި ދަތުރުގެ ތެރެއިން ޕާޓީ ހިންގުމާއި މެދު އާއްމުންގެ ޚިޔާލު ހޯދުމަށް މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ކުރުމަށް ނިންމާފައިވާ ދަތުރުތަކުގެ ތެރެއިން ދަތުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދަތުރުތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާއި، ލާމަރިކަޒީ ނިޒާމްގެ ބާރު ކެނޑެމުންދާތީ އެކަމާއި މެދު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމާއި ގުޅޭގޮތުން އެ ތިން އަތޮޅުގެ ކައުންސިލަރުންނާއި ހުރިހާ ސިޓީތަކުގެ މޭޔަރުން ހިމެނޭހެން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކުޅުދުއްފުށީގައި ބާއްވާ ހަރަކާތުގައި ރާއްޖޭގެ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު އާއި އެމްޑީޕީގެ ޗެއަރޕަރސަން އާއި އެމްޑީޕީގެ ރައީސް ބައިވެރިވެވަޑައިގަންނަވާނެ.މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވީ މި ކޮންފަރެންސްގައި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ވެސް ބައިވެރިވާނެ ކަމަށެވެ. ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ދަނީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަމުން ކަމަށާއި އެކަމާއި މެދު ކައުންސިލަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ވެސް ކައުންސިލްތަކާއި އޮންލައިންކޮށް މަޝްވަރާކޮށްފައިވާ ކަމަށާއި އެންމެން އެއްތަނަކަށް އެއްވެ މި މައްސަލަ އާއި މެދު މަޝްވަރާކުރުން މުހިންމު ކަމަށް ނިޔާޒް ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމަށް އެމްޑީޕީން ގެނައި ބަދަލުތައް މި ކޮންފަރެންސްގެ ތެރެއިން ކިޔާދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
2019 ވަނަ އަހަރު އެމްޑީޕީން ލާމަރުކަޒީ ނިޒާމަށް ގެނައީ ޖަޒުބާތުގަ ޖެހިގެން ގެނައި ބަދަލުތަކެއް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ ޚާއްސަކޮށް އެބަ ވިދާޅުވޭ. ނަމަވެސް އެކަން ކުރީ ސަރވޭ އެއް ވެސް ކޮށްފަ. ގިނަ ރައްޔިތުން ލާމަރުކަޒީ ނިޒާމް ގެންނަން ބޭނުންވޭ. އެ ބަދަލު ގެނައީ މަޝްވަރާކޮށްގެން. ފަންނީ މީހުންނާއި ކައުންސިލްގެ އަދި ބައިނަލްއަޤުވާމީ މީހުންގެ މަޝްވަރާ ހޯދިން. އެ ބަދަލުތައް އެ ފުށް މިފުށަށް ޖެހުމުން ލާމަރުކަޒީ ނިޒާމް ފުނޑިގެން ހިނގައިދާނެ.އަލީ ނިޔާޒް
ކައުންސިލްތަކާއި ޕާޓީތަކާއި ގުޅުން އެންމެ ރަނގަޅަށް ބޭއްވިފައި ނުވާ ކަމަށް ޕާޓީން ވެސް ޤަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ކޮންފަރެންސާއި އެކު ޕާޓީ އާއި ކައުންސިލްތަކާއި ގުޅުން ރަނގަޅުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސިލްސިލާ ކޮންފަރެންސްތަކެއް ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ. ރާއްޖެ ތަރައްޤީކުރަންވާނީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ އެއީ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެންމެން އެއްތަނަކަށް ޖަމާކޮށްގެން ތަރައްޤީކުރުމަކީ އެމްޑީޕީން ޤަބޫލުކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.