ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 09:43
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ
ރޮއިޓާސް
ޓޮޓެންހަމް
ޕޮސްޓެކޮގްލޫ ބުނަނީ މިއީ އޭނާާ ހަވާލުވީ ފަހުން ލިބުނު އެންމެ ބޮޑު ނާކާމިޔާބު ކަމަށް
އޭނާ ބުނީ އެ ނަތީޖާ އާއެކު ވަރަށް ބޮޑަށް "ތެޅެގަނެވުނު" ކަމަށާއި، އެ ނަތީޖާ އަކީ ވަރަށް ބޮޑު މާޔޫސްކަމެއް ކުރިމަތި ކުރުވި ނަތީޖާއެއް ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން ވީ ބައްޔަކީ، އޭނާ ހަވާލުވީ ފަހުން ޓޮޓެންހަމަށް ލިބުނު "އެންމެ ބޮޑު ނާކާމިޔާބީ" ކަމަށް އެ ޓީމުގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.

ލީގުގައި ބްރައިޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދީ 3-2 އިންނެވެ. އެއީ މެޗުގައި ޓޮޓެންހަމުން ދެ ލަނޑު ޖަހައި ލީޑު ވެސް ހޯދާފައި ވަނިކޮށެވެެ. މެޗުގެ ފުރަތަމަ ހާފު ޓޮޓެންހަމުން ނިންމާލީ ދެ ލަނޑުގެ ލީޑަކުން ކުރީގައި އޮވެގެންނެވެ. ނަމަވެސް ފަހު ހާފުގައި ބްރައިޓަން އިން ވަނީ ތިން ލަނޑު ޖަހައި، އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮސްޓެކޮގްލޫ ބުނީ، އެއީ އޭނާ ހަވާލުވީ ފަހުން ޓޮޓެންހަމަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ ކަމަށެވެ. އޭނާ ބުނީ އެ ނަތީޖާ އާއެކު ވަރަށް ބޮޑަށް "ތެޅެގަނެވުނު" ކަމަށާއި، އެ ނަތީޖާ އަކީ ވަރަށް ބޮޑު މާޔޫސްކަމެއް ކުރިމަތި ކުރުވި ނަތީޖާއެއް ކަމަށެވެ.

މީގެ އިތުރުން ޕޮސްޓެކޮގްލޫ ބުނީ، އެ މެޗާ ކުތިމަތިލީއިރު ވެސް ޓޮޓެންހަމް އޮތީ ރަނގަޅު ރޫޙެއްގައި ކަމަށެވެ. އެ ރޫޙުގައި އޮވެ މެޗު ފަށައިގެން ފުރަތަމަ ހާާފުގައި ދެ ލަނޑުގެ ލީޑެއް ނެގިކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ނަމަވެސް، މެޗުން ބަލިވާން ޖެހުނު މައިގަނޑު ސަބަބަކީ ދެ ވަނަ ހާފުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޕޮސްޓެކޮގްލޫ ބުނި ގޮތުގައި މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމަށް ގިނަ ގޯސްތަކެއް ހެދުނުއިރު، ބްރައިޓަން އިން ދިޔައީ އެކަމުގެ ފައިދާ ނަގަމުންނެވެ.

ބްރައިޓަން އަތުން ވީ ބައްޔާއެކު ޓޮޓެންހަމް ވަނީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ނުވަ ވަނަ އަށް ވެއްޓިފަ އެވެ. މިހާތަނަށް ލީގުގައި ޓޮޓެންހަމް އިން ހަތް މެޗު ކުޅެފައިވާއިރު، ތިން މެޗުން ވަނީ މޮޅުވެފަ އެވެ. ތިން މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ނުވަ ވަނައިގައި ޓޮޓެންހަމް އޮތީ ހަތް މެޗުން 10 ޕޮއިންޓާ އެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް