އިރާނުގެ ހުރިހާ އެއަރޕޯޓުތަކުން އާދީއްތަ ދުވަހުގެ ރޭ 21:00 އިން ހޯމަ ދުވަހުގެ ހެނދުނު 06:00ށް ފްލައިޓްތައް ކެންސަލްކޮށްފައިވާ ކަމަށް އިރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ ތަރުޖަމާނަކު ބުނެފައިވާކަމަށް އާދީއްތަ ދުވަހު އެގައުމުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
އޮޕަރޭޝަނަލް ހުރަސްތަކެއް ހުރުމުގެ ސަބަބުން ފްލައިޓްތައް ކެންސަލްކޮށްފައިވާ ކަމަށް ބުނުމުގެ އިތުރުން އިތުރު ތަފްސީލެއް އީރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ ތަރުޖަމާނު ނުދޭކަމަށް ސަރުކާރުގެ މީޑިއާއިން ބުނެފައިވެއެވެ.
ފްލައިޓްތައް ކެންސަލް ކޮށްފައިމިވަނީ ފާއިތުވި ހަފްތާގައި އިރާނުން އިޒްރޭލަށް ދިން ބަދަލުހިފުމުގެ މިސައިލް ހަމަލާއާ ގުޅިގެން އިޒްރޭލުން އަނެއްކާވެސް ހަމަލާއެއް ދީފާނެކަމުގެ ބިރު އުފެދިފައި އޮތް ދަނޑިވަޅެއްގައެވެ.
އަންގާރަ ދުވަހު، އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ގާތްގަނޑަކަށް 200 މިސައިލް އިޒްރޭލަށް ފޮނުވާލާފައިވަނީ އިރާނާ އިއްތިހާދުވެފައިވާ ސަރަހައްދީ ޖަމާއަތްތަކުގެ ލީޑަރުން އިޒްރޭލުގެ ހަމަލާތަކެއްގައި މަރާލުމުން އޭގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އަންގާރަ ދުވަހުގެ މިސައިލް ހަމަލާއަކީ އިރާނުން އިޒްރޭލަށް އަހަރެއްގެ ތެރޭގައި ދިން ސީދާ ދެވަނަ ހަމަލާއެވެ. މި ހަމަލާ ދިނީ އިޒްރޭލުގެ އެއަރ ރެއިޑެއްގައި ހިޒްބުﷲގެ އިސްވެރިޔާ ހަސަން ނަސްރުﷲ އަދި އައިއާރްޖީސީގެ އިސް ޖެނެރަލް އައްބާސް ނިލްފޮރޫޝަން ބެއިރޫތުގައި މަރާލުމާ ގުޅިގެންނެވެ.
އަދި މިއީ ޖުލައި 31 ގައި ތެހެރާނުގައި ފަލަސްތީނުގެ ހަމާސް ގްރޫޕުގެ ލީޑަރު އިސްމާއީލް ހަނިއްޔާ މަރާލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުންވެސް މެއެވެ. މި ހަމަލާ ދިން ފަރާތެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ތުހުމަތުކުރަނީ އިޒްރޭލަށެވެ.
ހޮނިހިރު ދުވަހު، އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އިޒްރޭލުން ހަމަލާއެއް ދީފިނަމަ "އެއާ އެއްވަރުގެ ނުވަތަ ކުރިންދިންވަރަށް ވުރެވެސް ވަރުގަދަ ރައްދެއް" ދޭނެކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.
އާދީއްތަ ދުވަހު، އިރާނުގެ ތެލާބެހޭ ވަޒީރު މުހްސިން ޕަކްނެޖާދު ގަލްފުގައި ހުރި މުހިންމު ތެޔޮނަގާ މަރުކަޒަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.
މިއީ އިރާނުގެ ތެލުގެ އިންފްރާސްޓްރަކްޗަރަށް އިޒްރޭލުން ހަމަލާ ދީފާނެކަމުގެ ކަންބޮޑުވުން އިތުރުވަމުން އަންނަ ދަނޑިވަޅެކެވެ.