އަލްޖަޒީރާ އަރަބިކް އިން ބުނާ ގޮތުގައި، ދީރުލްބަލާހް ގައި ހުރި މިސްކިތަކަށް ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 18ށް އަރައިފިއެވެ.
އަލްއަޤްޞާ މާޓިޔާރސް ހޮސްޕިޓަލާ ކައިރީގައި ހުރި މި މިސްކިތަށް ބޮންއެޅި އިރު ގެދޮރު ގެއްލިފައިތިބި ގިނަ އަދަދެއްގެ ފަލަސްޠީނު ރައްޔިތުން އެތަނުގައި ހިމާޔަތް ހޯދައިގެން ތިބިކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.
ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ބައިތު ލަހިޔާގައި ހުރި ގެއަކަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން ދެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.
ވަފާ ނިއުސް އޭޖެންސީން އިތުރަށް ބުނާ ގޮތުގައި، މި ހަމަލާގައި 11 މީހުން ވަނީ ޒަޚަމްވެފައެވެ.
ހޮނިހިރު ދުވަހުގެ ރޭ އުތުރު ޣައްޒާއަށް މީގެ އިތުރުން އެތައް ހަމަލާއެއް އިޒްރޭލުން ވަނީ ދީފައެވެ. ފަލަސްޠީނު ސިވިލް ޑިފެންސްއިން ބުނެފައިވަނީ މި ހަމަލާތަކުގައި މަދުވެގެން 11 މީހުން މަރުވެފައިވާ ކަމަށެވެ.
ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި، ނާބުލުސްގެ ހުޅަނގު ދެކުނުގައިވާ ތަލް އަވަށަށް އިޒްރޭލުގެ ބާރުތަކުން ވަދެގަތުމާ ގުޅިގެން ފަލަސްޠީނު ޖިހާދީ ގްރޫޕްތަކާ ދެމެދު ހިނގި ޖެހުންތަކެއްގައި ފަލަސްތީނުގެ ފިރިހެނެއްގެ ފަޔަށް ބަޑިޖަހާ ވަނީ ޒަޚަމްކޮށްފައެވެ.
ޣައްޒާ އަށް ހުއްޓުމެއްނެތި އަނިޔާވެރި ހަމަލާތައް އިޒްރޭލުން ދެމުންގެންދާތާ އެއް އަހަރު ފުރޭ ދުވަސް ކައިރިވަމުން އަންނަ އިރު ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި އިޒްރޭލާ ދެކޮޅަށް ބާއްވަމުންދާ މުޒާހަރާތައް އަންނަނީ އިތުރުވަމުންނެވެ. ހަނގުރާމަ ހުއްޓުވުމަށް ގޮވާލައި، ޕެރިހުން ފެށިގެން ނިއު ޔޯކް އަދި ކޭޕް ޓައުނާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިޓީތަކުގައި އެތައްހާސް މީހުން ހޮނިހިރު ދުވަހު މަގުމައްޗަށް ނުކުމެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގައި މަދުވެގެން 41،825 މީހުން މަރުވެ، 96،910 މީހުން ޒަޚަމްވެފައިވެއެވެ.