މެންޗެސްޓަރ ޔުނައިޓެޑަށް މިއީ ޓީމެއްގެ ގޮތުން ވަރަށް އުނދަގޫ ވަގުތެއް ކަމަށާއި، އަދި އަމިއްލަ ގޮތުން އޭނާ އަށް ވެސް ވަރަށް އުނދަގޫ ވަގުތެއް ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.
އޭނާ މިހެން ބުނީ ޖެހި ޖެހިގެން ދެ މެޗުގައި ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ފެނާންޑޭސް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އަދި އެ ކާޑާ އެކު އޭނާ އަށް ވަނީ އިތުރު ތިން މެޗުގެ ސަސްޕެންޝަނެއް ވެސް ކުރިމަތިވެފަ އެވެ. ނަމަވެސް އެ ކާޑުގެ މައްސަލަ އިސްތިއުނާފުކޮށް، ޔުނައިޓެޑުން ވަނީ އެ މައްސަލަ ކާމިޔާބު ކޮށްފަ އެވެ. އެއާއެކު ފެނާންޑޭސްގެ ސަސްޕެންޝަން ވެސް ވަނީ އުވިފަ އެވެ.
އޭގެ ފަހުން ޔުއެފާ ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފެނާންޑޭސް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފެނާންޑޭސް ބުނީ، ޔުނައިޓެޑުގައި ގާތް ގަނޑަކަށް ފަސް އަހަރު ހޭދަކޮށްފައިވާއިރު، އެއީ އުފާވެރި ވަގުތާއި، ހިތާމަވެރި ވަގުތާ އެކު ހޭދަވި އަހަރުތަކެއް ކަމަށެވެ. އަދި މިއީ ޓީމެއްގެ ހައިސިއްޔަތުން ޔުނައިޓެޑަށް އުނދަގޫ ވަގުތެއް ކަމަށާއި، ހަމައެހެންމެ އަމިއްލަ ގޮތުން އޭނާ އަށް ވެސް އުނދަގޫ ވަގުތެއް ކަމަށް ފެނާންޑޭސް ބުންޏެވެ.
މީޣެ އިތުރުން ފެނާންޑޭސް ބުނީ އޭނާގެ ކެރިއަރުގައި އަބަދު ވެސް ދަތިތަކާއި، ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް އެ އުނދަގޫ ވަގުތުގައި ވެސް ހިމޭނުން ހުރުން ނުވަތަ ޒިންމާ އިން ރެކިގަނެ އެއް ފަރާތްވުމަކީ ދުވަހަކު ވެސް އޭނާ ކޮށްފައި ނުވާނެ ކަމެއް ކަމަށް ވެސް ފެނާންޑޭސް ބުންޏެވެ. ޔުނައިޓެޑުގެ ސަޕޯޓަރުންނަށް އުނދަގޫ ވަގުތަކަށް ވާނެކަން ޤަބޫލު ކުރެވޭ ކަމަށާއި، ނަމަވެސް އޭނާގެ އަމިއްލަ ނަފުސަށް ވުރެ ބޮޑަށް އެކަމާ މާޔޫސްވާނެ އެހެން މީހަކު ނުހުންނާނެ ކަމަަށް ވެސް ފެނާންޑޭސް ބުންޏެވެ.
މި ދަނޑިވަޅުގައި ވެސް އޭނާ އާއި ޔުނައިޓެޑަށް އިތުބާރުކުރުމުގެ ގޮތުން ހެޔޮ މެސެޖުތައް ދިން އެންމެހާ ފަރާތްތަކަށް އިޚުލާސްތެރިކަމާ އެކު ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށް ވެސް ފެނާންޑޭސް ބުންޏެވެ. ސްޕޯޓިން ދޫކޮށްލުމަށްފަހު، ޕޯޗުގަލްގެ މިޑްފީލްޑަރު ޔުނައިޓެޑަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 243 މެޗުގައި 79 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ އެފްއޭ ކަޕް އަދި ކަރަބޯ ކަޕެއް ވެސް ކާމިޔާބު ކޮށްފަ އެވެ.