ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 01:20
ގޯއްޗާއި ފްލެޓުތަކުގެ މައްސަލައިގައި ކުރާ މުޒާހަރާ
ގޯއްޗާއި ފްލެޓުތަކުގެ މައްސަލައިގައި ކުރާ މުޒާހަރާ
ރާއްޖެއެމްވީ
ގޯއްޗާއި ފްލެޓުތަކުގެ މައްސަލަ
ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީގައި އާއިލާ އެހެން މީހުން ޖައްސައިދިނުމުގެ މަސައްކަތް ކުރަން މި ވަނީ ފަށާފަ - މުޒާހަރާގެ ބައިވެރިން
މި މުޒާހަރާއަކީ ގޯއްޗާއި ފްލެޓު މައްސަލާގައި ހައްލު ލިބެންދެން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާއެއް
އާޢްމުން ވަނީ ނިމިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމި ގޯތި ނުދީ ލަސްވާތީ އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ

ގޯތި ލިބުނު މީހުންގެ ރެޖިސްޓްރީގައި އާއިލާ އެހެން މީހުން ޖައްސައިދިނުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ގެދޮރުވެރިކަމުގެ މައްސަލައިގައި ވަކާލާތު ކުރަމުންދާ ފަރާތްތަކުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ ރަސްފަންނު ސަރަހައްދުގައި ބޭއްވި މުޒާހަރާގައި އާޢްމުން ވަނީ ނިމިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމި ގޯތި ނުދީ ލަސްވާތީ އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ އެކަމާއި މެދު ސަރުކާރާއި މަޖިލީހުން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އާއްމުން ބުނެފައި ވަނީ ސަރުކާރުގެ އިސް ވެރިން އަޑި ނޭނގޭ ގޮތަށް ފްލެޓާއި ގޯތި ގަންނަމުންދާއިރު އާއްމު ރައްޔިތުންނަށް ލިބިފައިވާ ގޯތި ނުދީ ވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. މީގެ އިތުރުން އާއްމުންގެ ތެރެއިން ގޯތި ލިބުނު މީހުންގެ އަތުން ގޯތި އަތުލުމަށް ސަރުކާރަށް ފުރުސަތު ނުދޭނެ ކަމަށް އާއްމުން ވަނީ ބުނެފައެވެ. އާއްމުން އިތުރަށް ބުނެފައި ވަނީ ގޯތި ލިބުނު މީހުންގެ ތެރޭގައި އެ މީހުންގެ ދަރިންނާއި އާއިލާ މީހުން އެ ގޯތީގެ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ މީހުން ވަރަށް ގިނަ ކަމަށެވެ. އެ ކަން ކޮށްދިނުމަށް ގެދޮރުވެރިކަމުގެ މައްސަލައިގައި ވަކާލާތު ކުރަމުންދާ ފަރާތްތަކުން ނިންމާފައިވާ ކަމަށާއި އެކަން ކުރާނީ ހިލޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހު މިތަނުގައި މޭޒެއް ބަހައްޓައިގެންވެސް އެކަމަށް ފުރުސަތު ހުޅުވާލާނަން. އަދި މިކަމަށް އޮންލައިންކޮށް ވެސް އެދޭނެ މަގު ހުޅުވާލާނަން. އަޅުގަނޑުމެން މިކަން ކުރާނީ ޤާނޫނުގައި އޮތް ގޮތަށް. މިއީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް. އެއީ އާއްމުންނަށް ވަރަށް ބޮޑު ހިތްހަަމަޖެހުމެއް ލިބޭނެ ކަމެއް. މިހާރު އަޅުގަނޑުމެން މިވަނީ މި މަސައްކަތް ފަށާފަ.
މުޒާހަރާގެ ބައިވެރިއެއް

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގައި އާއްމުން ވަނީ އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. އާއްމުން ބުނެފައި ވަނީ މިއަދާ ހަމައަށްވެސް އާއްމު ރައްޔިތުންނަށް މި މައްސަލައިގައި އެދެވޭ ޖަވާބެއް ދީފައި ނުވާ ކަމަށާއި އެކަށީގެންވާ މަސައްކަތެއް ވެސް ނުކުރާ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދޫކޮށްފައިވާ ގޯތިތައް ހަވާލު ކުރުމަށް އާއްމުން ވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް-3 ގެ މަސައްކަތްތައް ފެށުމަށް އާއްމުން ވަނީ ގޮވާލާފައެވެ. އަދި މަޖިލީހުގައި ތިބި މާލެ އަށް ނިސްބަތްވާ 13 މެމްބަރުންނާއި ހައުސިން މިނިސްޓަރގެ އިސްތިޢުފާ އަށް އާއްމުން ވަނީ ގޮވާލާފައެވެ.

މި މުޒާހަރާއަކީ ގޯއްޗާއި ފްލެޓު މައްސަލާގައި ހައްލު ލިބެންދެން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް