ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 18:21
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރާއްޖެއެމްވީ
ރާއްޖޭގެ ތަރައްގީ ހުއްޓުން
ގައުމު ހަމަމަގަށް އެޅުވުމަށް ވޯޓުން ވެރިކަން ބަދަލުކުރުމަކީ އޮންނަ ހަމައެކަނި މަގެއް ނޫން، އޭގެ ނަތީޖާ މިއަދު ހިތި - މައުރޫފް
ވޯޓުން ވެރިކަން ބަދަލުކުރުމުން މިއަދު ރަށްރަށުގައި މަސައްކަތެއް ކުރިއަށްނުދޭ، ކަންކަން އޮތީ ހުއްޓިފައި
ރާއްޖޭގެ ރަށްތައް ތަރައްގީ ނުކޮށް، މާލެ ސަރަހައްދަށް ޖަމާކުރުމުގެ ވިސްނުމަކީ އެއީ ސަރުކާރުގެ އޮތް ވިސްނުމެއް

ގައުމު ހަމަމަގަށް އެޅުވުމަށް ވޯޓުން ވެރިކަން ބަދަލުކުރުމަކީ އޮންނަ ހަމައެކަނި މަގެއް ނޫން، އޭގެ ނަތީޖާ މިއަދު މި ފެންނަމުންދާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ދިވެހިރައްޔިތުން ވިސްނަންޖެހޭ ކަމަކީ ދިވެހިރާއްޖެ ހަމަ މަގަށް އެޅުވުމަށްޓަކައި ނުވަތަ ދިވެހިރާއްޖޭގައި ރަނގަޅަށް ކަންތައްތަކެއް ކުރުމަށްޓަކައި އޮންނަ ހަމައެކަނި މަގަކީ 5 އަހަރުވީމާ އެއިރަކު ވެރިކަން ކުރާ ފަރާތް ބަދަލުކުރުން ނުވަތަ އައު ބަދަލަކަށް ނުވަތަ އަރު ފަރާތަކަށް ވެރިކަން ދިނުން ނޫން ކަމަށެވެ. މައުރޫފް ވިދާޅުވީ މިއަދު ފެނިގެން ދަނީ އެ މަންޒަރު ކަމަށާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ބަދަލުކޮށްލީ އައު ފަރާތަކަށް ނުވަތަ އެހެން މީހަކަށް ވެރިކަން ދޭންވެގެން އައު ރަނގަޅު ގޮތްތަކެއް ހޯދުމަށް ކަމަށެވެ.

މައުރޫފް ވިދާޅުވީ ހަމައެކަނި އިންތިހާބަކުން ވެރިކަން ބަދަލުކޮށްލުމުން އެކަން ރަނގަޅު ނުވާނެކަން އެނގިގެންދަނީ މިއަދުގެ ރައީސް އިންތިހާބުގެ ތެރޭގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންފައިވާ ވައުދުތައް ނުވަތަ ކޮށްދެއްވަން ވައުދުވެފައި ހުރި ކަންތައްތައް ފޮތެއްގެ ސިފައިގައި ލިޔުއްވާފައިވާ ކަމަށެވެ. އަދި އެއީ އޮޅުވާލެވޭނެ އަދި ނައްތާލެވޭނެ ކަންތައްތަކެއް ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ.

ވަކި ރަށްތަކެއް ތަރައްގީ ނުކުރެވޭނެކަމަށް ވިދާޅުވެފައި ނެތް. ހުރިހާ ރަށެއްގައި ވެސް ދިހަ ބާރަ ތަރައްގީގެ މަޝްރޫއު މި 5 އަހަރުގެ ދައުރުގެ ތެރޭގައި ކުރައްވާނެކަމަށް ވިދާޅުވެފައިވަނީ. އެހެންނަމަވެސް ފެނިގެންދަނީ މި ވެރިކަން ފެށިގެން މިހާ ހިސާބަށް އައި އިރުގައި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި ނުވަތަ މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ދިވެހިރާއްޖެ އެކީއެކަށްޗަކަށް ތަރައްގީކުރުމުގެ ވިސްނުމެއް ނެތްކަން. ރާއްޖޭގެ ހުރިހާ އެންމެން މާލެ ސަރަހައްދަށް ޖަމާކޮށް ފުށިދިއްގަރު ފަޅު ހިއްކާ އެތަނުގައި 80،000 ހައުސިންގ ޔުުނިޓް އަޅުއްވާނެކަމަށް ވައުދުވެވަޑައިގެން އަދި އެވާހަކަ އެމަނިކުފާނުގެ ކެބިނެޓުގެ މިނިސްޓަރުން މަޖިލީހުގައި ވިދާޅުވަމުންދަނީ މޫނަކަށް ކަދުރާއަކަށް ރުލެއްވެސް އަރުވާ ނުވާ ކަނޑައެޅިގެން ބޮޑު ދޮގުގެ ގޮތުގައި.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ރާއްޖޭގެ ރަށްތައް ތަރައްގީ ނުކޮށް، މާލެ ސަރަހައްދަށް ޖަމާކުރުމުގެ ވިސްނުމަކީ އެއީ ސަރުކާރުގެ އޮތް ވިސްނުމެއް ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލާ ނުފުއްދޭ ވަރުގެ ބޮޑެތި ވައުދުތައް އެކުލަވާލައިގެން އައީ ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އެފަދަ ވާހަތަކުގައި ޖެހި ރައްޔިތުން 5 އަހަރުން 5 އަހަރުން ވެރިކަން ބަދަލުކުރީމާ ގައުމުގެ މިސްރާބު ހަމަމަގަށް އެޅުވޭނެކަމަށް ގައުމުގެ ކަންކަން އިސްލާހުކުރެވޭނެކަމަށް ރައްޔިތުން ދެކޭ ކަމަށެވެ. ނަމަވެސް އެއީ ހެދޭ އެންމެ ބޮޑު ގޯސްކަމަށް މައުރޫފް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 2023 ގައި ރައީސް މުއިއްޒު ވެރިކަމަށް ހޯދީ. އެދުވަހުން ފެށިގެން ކުރީ ސަރުކާރުން ކުރަމުން އައި މަސައްކަތްތައް ގާތްގަނޑަކަށް ހުއްޓި މި ސަރުކާރަށް ޓްރާންސިޝަނަލް ޕީރިއަޑެއްގެ ގޮތުގައި ފެށިގެން ދިޔައީ. ގާތްގަނޑަކަށް އަހަރެއްވީ މި ސަރުކާރު އިންތިހާބުކުރިތާ. 1 އަހަރު ވެގެންދާއިރު މިއަދު ކޮށްލަންޖެހޭ ސުވާލަކީ ކޮން ދިވެހިރައްޔިތަކަށްތޯ މި ސަރުކާރުގެ ސަބަބުން ރަނގަޅުކަމެއް، މޮޅުކަމެއްމ، ހެޔޮކަމެއްވީ. ކޮން ބަދަލެއްތޯ ގެނެވުނީ. ކޮން ރަށެއްގެ މަޝްރޫއެއްތޯ އަލަށް ފެށުނީ. ކޮން ރަނގަޅު ސިޔާސަތެއްތޯ އެކުލަވާލެވުނީ. އެއިރު އެމްޑީޕީގެ ސަރުކާރުން ކުރަމުން އައި އެތައް ބައިވަރު މަސައްކަތް ވަނީ ހުއްޓިފައި.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ މި ސަރުކާރަށް އަހަރެއް ވެގެންދިޔަ އިރު އެއްވެސްކަމެއް ނުކުރެވުމުން، ރައްޔިތުން ނުކުމެ ސަރުކަރު ޖަވާބުދާރީކުރަންޖެހޭ ކަމަށެވެ. ރައްޔިތުން ނުކުމެ ސިޔާސީ ފަރާތްތައް ޒިންމާދާރުކޮށް ގައުމު ހަމަމަގަށް އަޅުވަންޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން މާނަވީ ހެޔޮކަމެއް ކޮށްފައި ނުވާ ކަމަށާއި، ކުރަން އުޅެފައިވެސް އެެ ހެދުނީ ގޯސްކަމެއް ކަން އެނގޭ ހިސާބުން އަލުން އަނބުރާ ކުރިން އޮތް ގޮތަށް މި ސަރުކާރުން އެކަންކަން ބަދަލުކުރަންޖެހޭ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް