އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު، އަލުން އެނބުރި ކުޅުމުގެ ތެރެއަށް އާދެވުމުން ހިތްހަމަ ޖެހޭ ކަމަށް، ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދެލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ބުނެފި އެވެ.
އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން ޔަަންގު ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ޑި ޔޯން ކުޅުނު ފުރަތަމަ މެޗެވެ. މިއަހަރުގެ ކުރީ ކޮޅު ޑި ޔޯންގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން، އޭނާ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.
ޔަންގު ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 15 މިނެޓުގައި ޑި ޔޯން ވަނީ ކުޅެފަ އެވެ. ކޯޗު ހަންސީ ފްލިކް ވަނީ އޭނާ އަށް އެ މެޗުގައި ފުރުސަތު ދީފަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެ މެޗުގައި ޑި ޔޯން ކުޅުނީ، ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޔަމީން ޔަމާލްގެ ބަދަލުގަ އެވެ.
އެ މެޗަށްފަހު ވާހަކަ ދައްކަމުން ޑި ޔޯން ބުނީ، އަލުން އެނބުރި ދަނޑު މަތީގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އެންމެ އުފާވެރި އިޙުސާސް ކަމަށެވެ. އެ މެޗުގައި އޭނާ ކުޅެން ނިކުތުމުން ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓާއި، ލޯތްބަށް ޑި ޔޯން ވަނީ ޝުކުރު އަދާ ވެސް ކޮށްފަ އެވެ. އަދި އޭނާ ބުނީ، އެކަމަށް އުންމީދެއް ވެސް ނުކުރާ ކަމަށާއި، އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.
މީގެ އިތުރުން ޑި ޔޯން ބުނީ އަނިޔާވުމަކީ ވަރަށް ގިނަ ކަންކަން ތަހަންމަލު ކުރަން ޖެހޭ ކަމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް އަނިޔާ އިން ރަނގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައުމަށް ގިނަ ވަގުތު ނަގާއިރު، އެއީ އުނދަގޫ ދުވަސްތަކެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ނަމަވެސް، އެ އުނދަގޫ ވަގުތުން އަރައި ގަނެވެނީ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.
އަޔެކްސްގައި ހުރުމަށްފަހު ބާސެލޯނާ އަށް ބަދަލުވީ ފަހުން ޑި ޔޯން އަންނަނީ އެ ކުލަބުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ޚާއްސަކޮށް ބާސެލޯނާގެ މެދު ތެރޭގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެއް ކުޅުންތެރިޔަކީ ވެސް ޑި ޔޯން އެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 213 މެޗުގައި 17 ލަނޑު ޖަހައިފަ އެވެ.