ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 12:35
ޑޮލަރުތަކެއް ހިފައިގެން ހުރި މީހެއް
ޑޮލަރުތަކެއް ހިފައިގެން ހުރި މީހެއް
ގެޓީ އިމޭޖަސް
މަނީޗޭންޖިންގ ވިޔަފާރި
މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން
ޓިއަރ 1 ލައިސަންސްގެ މުއްދަތަކީ 5 އަހަރު
އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާގެ އަދަދަކަށް
ޓިއަރ 2 ލައިސަންސްގެ މުއްދަތަކީ ޓޫރިސްޓް ރިޒޯޓް ހިންގަން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ މުއްދަތު

ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50000 ޑޮލަރު ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓައިގެން ކަމަށް މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވާއިދުގައި ބުނެފިއެވެ.

މި ގަވާއިދުގެ މަގްސަދަކީ މަނީ ޗޭންޖިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި އެ ވިޔަފާރި ރެގިއުލޭޓްކޮށް، ސުޕަވައިޒްކުރުމާއި އެ ވިޔަފާރިއާއިގުޅޭ އެހެނިހެން ކަންތައްތައް ކަނޑައެޅުމެވެ.

މި ގަވާއިދުގެ ދަށުން ދެ ބާވަތެއްގެ ލައިސަންސް ދޫކުރާނެއެވެ. އެއީ ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް (ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އަދި ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް (ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އެވެ.

މި ގަވާއިދުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ޓޫރިސްޓުންނަށް ޚިދުމަށް ދިނުމަށް ހިންގާ ތަންތަނުން ލައިސަންސަކާ ނުލާ ޓޫރިސްޓުންގެ ކިބައިން ބޭރުފައިސާ ގަނެ އަދި ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކުން ހުއްދަކުރެއެވެ.

ޓިއަރ 1 ލައިސަންސްގެ މުއްދަތަކީ 5 އަހަރެވެ. އަދި މި ވިޔަފާރީގައި ޙަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާންވާނީ ދިވެހިރައްޔިތުންނަށެވެ. މިފަދަ ވިޔަފާރިއަކުން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާގެ އަދަދަކަށެވެ.

ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހުރިހާ މުޢާމަލާތްތަކެއް މޮނިޓަރ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރަންވާނެއެވެ.

ޓިއަރ 2 ލައިސަންސް ލިބޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓު ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަސް ލިބިފައިވާ ކުންފުންޏަކަށެވެ.

ޓިއަރ 2 ލައިސަންސްގެ މުއްދަތަކީ ޓޫރިސްޓް ރިޒޯޓް ހިންގަން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ މުއްދަތެވެ. މި ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކެއް މެދުވެރިކޮށެވެ.

ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، ބޭރު ފައިސާ ވިއްކުމަށްފަހު ކަސްޓަމަރަށް ރަސީދެއް ދޭންވާނެއެވެ. އެގޮތުން ދޫކުރާ ރަސީދުގައި، ކަސްޓަމަރުގެ ފުރިހަމަ ނަން، ކޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު (މިސާލު: ކާކުކަން އަންގައިދޭ ކާޑު ނަންބަރު، ޕާސްޕޯޓް ނަންބަރު، ގާނޫނީ ޝަޙްޞެއް ނަމަ ރަޖިސްޓްރޭޝަން ނަންބަރާއި ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު)، ވިއްކި ނުވަތަ ގަތް ފައިސާގެ ބާވަތާއި އަދަދާއި ފައިސާ ވިއްކި ނުވަތަ ގަތް ރޭޓް ހިމަނަންވާނެއެވެ.

ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50000 ޑޮލަރު ބަހައްޓަން ވާނެއެވެ. ކުރިން ލައިސަންސް އޮތް ފަރާތްތަކުން އާ ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅައި އެއާ މެދު އޮތޯރިޓީން ވަކި ގޮތެއް ނިންމައި އަންގަންދެން ކުރީގެ ލައިސަންސްގެ ދަށުން ވިޔަފާރި ކުރިއަށް ގެންދެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް