އިނގިރޭސި ޕްރިމިއާ ލީގުގައި ލެއިސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު އާސެނަލް މޮޅުވެއްޖެ އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ދެ ލަނޑު ޖެހި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިގެން، ލެއިސްޓަރ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުން އާސެނަލް މޮޅުވީ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެންނެވެ.
މެޗު ފަށައިގެން 21 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ގަބްރިއެލް މާޓިނެލީ އެވެ. އެ ލަނޑު އޭނާ ޖެހީ ޔޫރިއަން ޓިމްބާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ލިއާންޑްރޯ ޓްރޮސާޑް އެވެ. އެއީ މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ލެއިސްޓަރގެ ފުރަތަމަ ލަނޑު ޖެހީ ޖޭމްސް ޖަސްޓިން އެވެ. އަދި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 63 ވަނަ މިނެޓުގައި ޖެހީ ވެސް ޖަސްޓިން އެވެ. ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އާސެނަލަށް ލީޑު ލިބުނީ ލެއިސްޓަރގެ ވިލްފްރެޑް އެންޑީޑީ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ އިރުކޮޅެއް ފަހުން އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖެހީ ކައި ހަވާޓްޒްް އެވެ.
މޮޅާއެކު އާސެނަލް ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން 14 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ވެސް ލިބެނީ 14 ޕޮއިންޓެވެ.