ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 16:10
މިނިސްޓަރ ފައިސަލް، ކުރީގެ ރައީސް ޔާމީން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
މިނިސްޓަރ ފައިސަލް، ކުރީގެ ރައީސް ޔާމީން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ރާއްޖެއެމްވީ
ރާއްޖޭގެ ފަތުރުވެރިކަން
އެ ދުވަހު ފަތުރުވެރިކަމަށް ވާނެ ގެއްލުން މަތިން ހަނދުމަހުރިތޯއެވެ؟
އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް އޭރު ވަނީ ގެއްލުންވެފައެވެ.

އާދައިގެ މަތިން ޚަބަރު ފީތާ ހާވަމުން ގޮސް މާ ޝައުގުވެރި ވާހަކަ އަކާއި ދިމާލަށް ނަޒަރު ހުއްޓިއްޖެއެވެ. ސުރުހީ ރަނގަޅަށް ކިޔާލައިފީމެވެ. ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއްކުރާނެ އެއްވެސް ކަމެއް އެއްވެސް ދިވެހި ރައްޔިތަކު ނުކުރުމަށް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިލްތިމާސްކުރައްވައިފި ޔޯލައެވެ. ގައުމުގެ ޓުއަރިޒަމް މިނިސްޓަރ މި ދައްކަވާ ވާހަކައެއް ބަލާލާނަމޭ ހިތާ ޚަބަރުގެ ބަނޑުވަތް ހާވާލީމެވެ. ތަފްސީލްތައް އެ ފުށް މިފުށަށް ބަލާލީމެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް 53 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްވި ޚިތާބުގަ މިނިސްޓަރ ދެއްކި ވާހަކަ އަޑު އެހީ ނިކަން ސަމާލުކަން ދީގެންނެވެ. ވިދާޅުވަނީ މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ޓޫރިޒަމް އެންޑް ޕީސް"ގެ ވާހަކަތަކެވެ. ސުލްހަ މަސަލަސްކަމުގެ ވާހަކައެވެ. ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ގައުމަކަށްވާތީ، ގައުމުގެ ހަމަޖެހުމަ ސަމާލުކަން ދޭން ޖެހޭ ވާހަކަ އާއި ދުނިޔޭގެ ސަމާލުކަމަށް ނުރަނގަޅު ގޮތަކަށް އައިސްދާނެ ކަންކަން ނުކުރަން އިލްތިމާސްކުރައްވާ ވާހަކައެވެ.

އޭގެ ޒާތުގައި ގޯސް ވާހަކަ އެއް އެއަކު ނެތެވެ. އެކަމަކު ހިތަށް އެރިއެވެ. މީހުންގެ މަޤާމާއި ހައިބަތުގެ ގޮތުން ދައްކަވާ ވާހަކަތައް ހާދަހާ ވާ ބޮޑަށް ތަފާތެވެ. ވަޒީރުކަމުގައި ނެތް އިރު ނިމިދިޔަ ސަރުކާރުގައި ބައްޕާފުޅު އަބްދުއްރަހީމް އާއި މިހާރުގެ ރައީސް ޑރ.މުއިއްޒު އިންޑިއާ އައުޓް ބެނާ ހިފައިގެން، ރަތް ލޭ ކުލައިގެ ޓީޝާޓުގައި މުޒާހަރާ އަށް ނުކުތް އިރު އިންޑިއާގެ ފަތުރުވެރިން ނައުމުން ރާއްޖެ އަށް ކުރާނެ ނޭދެވޭ އަސަރަކަށް ވިސްނާލެވުނުތޯ އަޅުގަނޑު ހިތަށް އަރައެވެ. އޭރު މަގުތަކަށް ނުކުމެ ހަޅޭއްފަޅޭއް ޖަހާ، ދުވެ ނެގި އިރު އެ ވިދާޅުވާ ގައުމީ މަސްލަހަތާއި ސަރަހައްދީ ސުލްހައިގެ ވާހަކަ އޮތީ ޕާކްކޮށްފައި ނޫންތޯއެވެ. އެ ދުވަހު އެއީ އެންމެ ރަނގަޅު ގޮތެވެ. އެ ދުވަހު ދިވެހިންގެ ފަތުރުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ދިވެހިންގެ ތަސްވީރު ކިލަނބުވާ ކިލަނބުވުމަކަށް ވިސްނުމެއް، ފަރުވާލެއް ނެތެއް ނޫންތޯއެވެ؟ އިންވެސްޓަރުންގެ ކުރިމަތީގައި ރާއްޖޭގެ އަގު ވެއްޓޭނެ މިންވަރަށް ވެސް ކުޑަމިނުން އެ ދުވަހު ބަލައެއް ނުލެވުނު ނޫންތޯއެވެ؟

މިއަދު ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއްކުރާނެ އެއްވެސް ކަމެއް އެއްވެސް ދިވެހި ރައްޔިތަކު ނުކުރުމަކީ އަދި ފަތުރުވެރިކަމަށް ދިވެހިން ބަހައްޓާ ޝައުގުވެރިކަން އިތުރަށް ބަހައްޓައިގެން ވާނެކަމެއްކަން ހަނދުމަވެގެން އުޅުއްވި އެއްކަމަކު އެހެން ބަޔަކު ސަރުކާރުގައި ތިބީމަ އޭރު އެ ހުރިހާ ސަކަރާތެއް ވެސް އޯކޭ ދެއްތޯއެވެ. ގައުމު ހަނާވިޔަސް، ފަތުރުވެރިކަމުގެ މުހިންމު ބައެއް ފަނާވިޔަސް އެންމެ ހެވޭ އޭރު އަމަލުތަކުން ދިޔައީ ބުނަމުންނެވެ. ދެން ބުނެފާނެއެވެ. އެއީ މާ ކުރީގެ ވާހަކައެއް ނޫން ހެއްޔެވެ. ނޫނެވެ. އެހެން ބުނާނެ ޖާގައެއް ނެތެވެ. އެހެނީ މިހެން ސަރުކާރުގައި ނުތިބޭ ކޮންމެ ފަހަރަކު ބަޔަކު ޖަޒުބާތުގައި ޖައްސަން ހިންގާ މިކަހަލަ ސްޓަންޓުތަކުގެ އަގު ދައްކަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އާއްމު ރައްޔިތު މީހާއެވެ. ބައްޕާފުޅާއި، މިއަދު މަނިކުފާނު ތިހުންނެވި ޕާޓީގެ މީހުން އޭރު ފަތުރުވެރިކަމާއި މެދު ކުޑަކޮށް ވެސް ވިސްނާ؛ލި ނަމަ އިންޑިއާ އައުޓް މޭމަތީގައި ޖަހައިގެން މަގުތަކަށް ނުކުތުމުގެ ކުރިން ވިސްނާލީސްކަން ޔަގީނެވެ. އެ ދުވަހު ފަތުރުވެރިކަމަށް ވާނެ ގެއްލުން މަތިން ހަނދުމަހުރިތޯއެވެ؟ އެ ދުވަހު ދިވެހިން ދައްކާނެ އަގަކާމެދު ވިސްނާ ނުލިކަމީ ހާދަހާވާ ދެރަކަމެކެވެ. ދިވެހިން ބުނެއެވެ. ނަވަށް ކުރާ ބާރު އެނގޭނީ ކެނބަށެވެ. އެހެންވީމަ މިއަދު ފަތުރުވެރިކަމުގެ މަޤާމެއްގައި ހުރީމަ، މިފަދަ ވާހަކަތަކުގެ ނޭދެވޭ އަސަރު ކުރާ މިންވަރު މަނިކުފާނަށް އަލަށް އިހުސާސް ވަނީ ކަމަށް ވެސް ވެދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް