ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 20:08
ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގު
ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގު
ސަރުކާރުގެ ޚަރަދުތައް
މުވައްޒަފުންނަށް މުސާރަ ދޭން 800 މިލިއަން ރުފިޔާގެ ލޯނު ނެގިކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި
2024 ވަނަ އަހަރުގެ މިހާތަނަށް އެކަނިވެސް ސަރުކާރުން ނެގި ލޯނުގެ އަދަދު 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) އަށް އަރާ
ބީއެމްއެލް އިން ޓީބިލްގައި އިންވެސްޓްކޮށްފައިވާ ކަމަށް ސަރުކާރުން ބުނޭ

ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭން 800 މިލިއަން ރުފިޔާގެ ލޯނެއް ނެގިކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

ސަރުކާރުން 800 މިލިއަން ރުފިޔާގެ ލޯނެއް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ނަގާފައިވާ ކަމަށް ފެތުރެމުންދާ ޚަބަރުތަކާއި ގުޅިގެން ރާއްޖެ އެމްވީން ސުވާލުކުރުމުން ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގު ވިދާޅުވީ ސަރުކާރުން ލޯނަކަށް އެދިފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ހުށަހެޅުމެއް ބީއެމްއެލްގެ ފަރާތުން ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

Advertisement

އެހެންނަމަވެސް ޓީބިލް ވިއްކަން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޝަފީގް ވިދާޅުވިއެވެ. އަދި ބޭންކްތަކުގެ އެކްސެސް ލިކުއިޑިޓީ ޓީބިލްގައި އިންވެސްޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ބީއެމްއެލް އިން ޓީބިލްގައި އިންވެސްޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަފީގް ވަނީ އެއީ ބީއެމްއެލްގެ އަމިއްލަ ނިންމުމެއް ކަމަށް ފާހަގަކުރައްވާފައެވެ. އެއީ ޓީބިލްގެ ގޮތުގައި ނެގި ލޯނެއްތޯ ސުވާލުކުރުމުން މިނިސްޓަރ ވަނީ އެކަމަށް އިންކާރުކުރައްވާފައެވެ. އެހެންނަމަވެސް ޓީބިލް ވިއްކަން ހުޅުވާލީ ދައުލަތަށް ފައިސާ ބޭނުންވާތީ ކަމަށް ޝަފީގު ފާހަގަކުރެއްވިއެވެ. ޓީބިލްގައި އިންވެސްޓް ކުރަން ފުރުސަތު ހުޅުވާލި ސަބަބަކީ އެއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ލޯނެއް ނުނަގަން. ލޯނަކަށް ރިކުއެސްޓްވެސް ކޮށްފަ ނުވާނެ. އެފަދަ ޕްރޮޕޯޒަލް އެއް ވެސް ހުށަނާޅަން. ޓީބިލްގެ އޮފަރ، ގަވަމެންޓަށް ބޭނުންވެގެން ބޭންކްގެ ޕްރިފަރެންސް އަށްބަލާފަ އެކްސެސް ލިކިއުޑިޓީ އިންވެސްޓް ކުރަނީ ޓީބިލްގަ. ގަވަރމަންޓަށް ލާރި ބޭނުންވީމަ ޓީބިލް އިޝޫ ކުރަނީ.
ފިނޭންސް މިނިސްޓަރ ޝަފީގް

މިނިސްޓަރ ޝަފީގްގެ ވާހަކައިގައި ޓީބިލްގެ އަގުގެ ތަފްސީލްތައް ހިއްސާކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް އިތުބާރު ހުރިގޮތަކަށް ރާއްޖެޓީވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 800 މިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ހުޅުވާލަން ސަރުކާރުން ވަނީ ނިންމާފައެވެ. ހަމައެހެންމެ މުސާރަ ދިނުމަށް ލޯނެއް ނުނަގާ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް ޓީބިލް ނަގަނީ ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްކަން ފާހަގަކޮށްލެވެއެވެ.

2024 ވަނަ އަހަރުގެ މިހާތަނަށް އެކަނިވެސް ސަރުކާރުން ނެގި ލޯނުގެ އަދަދު 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) އަށް އަރައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ސަރުކާރުން ވަނީ ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓުން 150 މިލިއަން ޑޮލަރުގެ ލޯނު ނަގާފައެވެ. އެ ހިސާބުތައް ދައްކާ ގޮތުން އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމަށްޓަކާ ނަގާފައިވާ ދެ ލޯނެވެ.

މީގެ އިތުރުން އެސްއެމްއީ އިމްޕެކްޓް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކުން ދެ ލޯނު ނަގާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 10.25 މިލިއަން ޑޮލަރުގެ ލޯނަކާއި 30 މިލިއަން ޑޮލަރުގެ ލޯނެކެވެ. މީގެ އިތުރުން މި އަހަރުގެ ތެރޭގައި ކުވައިތު ފަންޑުން 10 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ނަގާފައެވެ. އެއީ ރަށްރަށުގެ ހޮސްޕިޓަލް ހެދުމަށް ކުވައިތު ފަންޑުން ނެގި ލޯނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް