ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 16:55
އިޒްރޭލުގެ ހަމަލާތަކާއެކު ދެކުނު ލުބަނާންގެ މައްޗަށް ފެތުރެމުންދާ ބޯދުންގަނޑު، 25 ސެޕްޓެމްބަރ 2024
އިޒްރޭލުގެ ހަމަލާތަކާއެކު ދެކުނު ލުބަނާންގެ މައްޗަށް ފެތުރެމުންދާ ބޯދުންގަނޑު، 25 ސެޕްޓެމްބަރ 2024
ރޮއިޓާސް
ލުބްނާން-އިޒްރޭލް ހަނގުރާމަ
ލުބްނާން ހަނގުރާމަ ހުއްޓާލަން އިޒްރޭލުން އެއްބަހެއް ނުވި
އިޒްރޭލުގެ ޚާރިޖީ ވަޒީރު ކަޓްޒް ވިދާޅުވީ، ފުރިހަމަ ބާރާއެކު ކާމިޔާބު ލިބެންދެން އިޒްރޭލުން ހިޒްބުﷲ ޖަމާޢަތާ ހަނގުރާމަ ކުރާނެ ކަމަށެވެ.

ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ހުށަހެޅި ޕްރޮޕޯސަލް ބަލައިނުގަންނާނެ ކަމަށް އިޒްރޭލުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

"އުތުރުގައި ހަނގުރާމަ ހުއްޓާލުމެއް ނޯންނާނެ،" އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް އެކްސްގައި ވިދާޅުވިއެވެ.

ކަޓްޒް ވިދާޅުވީ، ފުރިހަމަ ބާރާއެކު ކާމިޔާބު ލިބެންދެން އިޒްރޭލުން ހިޒްބުﷲ ޖަމާޢަތާ ހަނގުރާމަ ކުރާނެ ކަމަށެވެ. އަދި އުތުރުގެ ސަރަހައްދަށް އިޒްރޭލު މީހުންގެ ގެތަކަށް އަނބުރާ ގެނެވެންދެން ހަނގުރާމަ ކުރާނެ ކަމުގައެވެ.

އިޒްރޭލުގެ މި ބަސްތަކާއެކު ހަނގުރާމަ އަށް އަވަސް ހައްލެއް ހޯދިދާނެ ކަމަށް ކުރެވިފައިވާ އުއްމީދަށް ވަނީ ހިޔަނި އެޅިފައެވެ.

ލުބުނާނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ބުދަ ދުވަހު އެ ގައުމުގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 72 މީހުން މަރުވެފައިވެއެވެ. މިއާއެކު އިޒްރޭލުން ލުބުނާނަށް އަޅަމުންދާ ބޮމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 620 އަށްވުރެ އިތުރުވެފައެވެ.

ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ބަދަލު ކުރެވޭ ހަމަލާތައް އިތުރުވެ މަސްރަހް ހޫނުވަމުންދާއިރު، މަސްރަހް ފިނިކުރުމަށް ސުލްހައިގެ ހުށަހެޅުމެއް ހުށަހަޅުއްވާ ވާހަކަ ހާމަ ކުރެއްވީ ފަރަންސޭސި ޚާރިޖީ ވަޒީރު އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވެފައިވަނީ އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ކުރަމުންދާ ހަނގުރާމަ 21 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަކަށް ހުށަހެޅުމެއް ތައްޔާރުކުރުމުގައި އެމެރިކާއާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.

އެމެރިކާ އާއި ފްރާންސް އިން ގުޅިގެން އެކުލަވާލި މި ހުށަހެޅުމަށް، އޮސްޓްރޭލިއާ، ކެނެޑާ، ޔޫރަޕިއަން ޔޫނިއަން، ޖަރުމަނުވިލާތް، އިޓަލީ، ޖަޕާން، ސަޢޫދީ އަރަބިއްޔާ، އެމިރޭޓްސް، އަދި ޤަތަރުން ތާއީދުކޮށްފައިވާއިރު، މި ބުދަ ދުވަހުގެ ރޭވަނީ ހާމަކޮށްފައެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ޖޯން ނޮއެލް ވިދާޅުވީ އޭނާ އަންނަ ހަފްތާގައި ބެއިރޫތަށް ވަޑައިގަންނަވާނެ ކަމަށާއި، އެތާނގައި ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވައިޓް ހައުސްއިން ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުދަ ދުވަހު އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯނާ ބައްދަލުކުރެއްވި ކަމަށެވެ. މި ބައްދަލުވުމުގައި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރުމާއި ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާ ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހުށަހެޅުމުގައި ގޮވާލަނީ 21 ދުވަހުގެ މުއްދަތައް ވަގުތުން ހަނގުރާމަ ހުއްޓާލުމަށެވެ. މިއީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 1701 އާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕްލޮމެޓިކް ހައްލަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފުރުސަތު ދިނުމަށްޓަކައެވެ. މި ޤަރާރަކީ 2006 ވަނަ އަހަރުގެ ޖުލައި މަހު އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމައަށް ނިމުމެއް ގެނައި ޤަރާރެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަން ނިޔޯކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ކުރިން ހަނގުރާމަ ހުއްޓާލުމާ ބެހޭ ހަށަހެޅުމަށް އެއްބސްވެވަޑައިގެންނެވުމުގެ ބަދަލުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް އަންގަވާފައިވަނީ ހަމަލާތައް ކުރިއަށް ގެންދިއުމަށެވެ.

އަނެއްކޮޅު ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ ހައްދުފަހަނަ އެޅި ޔަހޫދީ ވިސްނުމުގެ ފަރާތްތަކުން ހަނގުރާމަ މެދުކަނޑާލަން އެއްވެސް ގޮތަކަށް އެއްބަސް ނުވާނެ ކަމުގައެވެ. އެފަރާތްތަކުން ބޭނުންވަނީ ހިޒްބުﷲ މުޅިން ބަލިކޮށްލެވެންދެން ހަނގުރާމަ ކުރިއަށް ގެންދިއުމަށެވެ.

އެއާއެކު ބުދަ ދުވަހު، އިޒްރޭލު ސިފައިންގެ އެންމެ އިސް ވެރިޔާ ލުބުނާނަށް އިޒްރޭލް ސިފައިން އަރާފާނެ ކަމުގެ އެންމެ ސާފު މެސެޖް ވަނީ ދީފައެވެ. އޭނާ ވަނީ ބޯޑަރު ހުރަސްކޮށް ލުބުނާނަށް އަރަން ތައްޔާރަށް ތިބުމަށް އިޒްރޭލް ސިފައިންނަށް އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް