ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 12:48
ްޕްރޮސެކިއުޓާ ޖެނަރަލް އަލްއުސްތާޛް އައްބާސް ޝަރީފް
ްޕްރޮސެކިއުޓާ ޖެނަރަލް އަލްއުސްތާޛް އައްބާސް ޝަރީފް
އަވަސް.އެމްވީ
އެފްއޭއެމް
ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުން ފީފާ އިން ޕީޖީ އާއެކު މަޝްވަރާ ކޮށްފި
އެފްއޭއެމް އިން ގެއްލިފައިވާ ފައިސާ ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ވަނީ ފީފާގެ ޓީމަށް ދަންނަވާފަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ޕްރޮސެކިއުޓާ ޖެނަރަލްއާ އެކު ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރާއްޖެ ނޯމަލައިޒް ކުރުމަށް ނިންމައި، ފަސް މެމްބަރުންގެ ކޮމެޓީއެއް ވަނީ އައްޔަން ކޮށްފަ އެވެ. ފީފާ އިން ނިންމާފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ނޯމަލައިޒް ކުރުމަށެވެ. އެއަށްފަހު ފީފާގެ ޚާއްސަ ޓީމެއް މިހާރު ރާއްޖެ އަށް ކުރަމުން އަންނަ ދަތުރުގައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލް އަލްއުސްތާޛް އައްބާޝް ޝަރީފުއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

މިއީ ފީފާގެ ޚާއްސަ ވަފުދުގެ އެދުމުގެ މަތިން ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް އެ ބޭފުޅުންނާ ކުރެއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމާ ބެހޭ ގޮތުން ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް "ރާއްޖެ އެމްވީ" އަަށް ވިދާޅުވީ، ފީފާގެ ވަފުދުން ސާފު ކުރަން ބޭނުންވީ އެފްއޭއެމްގެ އެތެރޭގެ ޚިޔާނާތުގެ މައްސަލަ މިހާރު އޮތް ހިސާބެއް ކަމަށެވެ. އަދި އެ ބޭފުޅުން އެދިލެއްވި ގޮތަށް އެކަން ސާފު ކޮށްދީފައިވާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ވިދާޅުވި އެވެ.

އެގޮތުން މިހާރު ދައުވާ ކޮށްފައިވާ މައްސަލައިގެ މައުލޫމާތާއި، އެ މައްސަލައިގެ ދައުވާ ލިބެނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކަމަށް ވަނީ ހިއްސާކޮށްފަ އެވެ. ހަމައެހެންމެ، މިހާރު ކުރިއަށް ގެންދާ ތަޙުޤީގުތައް ގޮސްފައިވާ ހިސާބާއި، އިތުރަށް ދައުވާ ކުރެވެން ހުރި ބައިތަކުގެ ވާހަކަ ވެސް ޕްރޮސެކިއުޓާ ޖެނަރަލް ވަނީ ފީފާގެ ވަފުދާ ހިއްސާ ކުރައްވައިފަ އެވެ.

މީގެ އިތުރުން އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ މަސައްކަތްތަކަށް ދިމާވަމުންދާ ދަތިތައް، އެ ކޮމެޓީގެ ފަރާތުން ވެސް ވަނީ ޕްރޮސެކިއުޓާ ޖެނަރަލްއާ ހިއްސާ ކޮށްފަ އެވެ. އެގޮތުން ދިވެހި ފުލުހުންގެ ތަޙުޤީގަށް އެފްއޭއެމްގެ ހުރިހާ ލިޔެ ކިޔުންތަކެއް ގެންގޮސްފައިވާއިރު، ނޯމަލައިޒިން ކޮމެޓީގެ މަސައްކަތްތަކަށް ވެސް އެ ލިޔެ ކިޔުންތައް މުހިންމުވާ ވާހަކަ އެ ކޮމެޓީން ވަނީ ހިއްސާކޮށްފަ އެވެ. އެހެންވެ ނޯމަލައިޒިން ކޮމެޓީން ވަނީ އެ ލިޔެ ކިޔުންތައް ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ ކިބައިން އެދިފަ އެވެ.

ނޯމަލައިޒިން ކޮމެޓީގެ އެދުމުގެ މަތިން، ތަޙުޤީގަށް ހުރަސް ނޭޅޭނެ ގޮތެއްގެ މަތިންް އެކަން ކޮށްދެވުމަށް ދިވެހި ފުލުހުންގެ ޚިދުމުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް، ޕްރޮސެކިއުޓާ ޖެނަރަލް ވަނީ ނޯމަލައިޒިން ކޮމެޓީ އަށް ދަންނަވާފަ އެވެ. އޭގެ އިތުރުން، އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން ގެއްލިފައިވާ ފައިސާ އާއި މުދާތައް ހޯދުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި އެފްއޭއެމް އިން ގެއްލިފައިވާ ފައިސާ ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ވަނީ ފީފާގެ ޓީމަށް ދަންނަވާފަ އެވެ.

ބައިނަލްއަޤުވާމީ އެކި އެކި އިދާރާތަކުން އެފްއޭއެމަށް ދީފައިވާ ފައިސާ އަށް، އެފްއޭއެމްގެ އޭރުގެ ރައީސަކަށް ހުންނެވި ބައްސާމް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެ އެވެ. އެ މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، އެ ދައުވާ ވަނީ ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި އޭރު ވަނީ ބައްސާމްގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފަ އެވެ. އޭގެ ފަހުން އަނެއްކާ މިފަހުން ފުލުހުން ވަނީ ބައްސާމްގެ އިތުރުން، އެހެން ތިން ފަރާތެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ވެސް ފޮނުވައިފަ އެވެ.

- ކޮމެންޓް