ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 14:23
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ބަޑީގެ ހަމަލާގެ ތެރެއިން
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ބަޑީގެ ހަމަލާގެ ތެރެއިން
ގެޓީ އިމޭޖަސް
ޑޮނަލްޑް ޓްރަމްޕް
އިރާނުން ދަނީ ޓްރަމްޕް އަވަހާރަކޮށްލަން ރާވަމުން: އިންޓެލިޖެންސް
މި މައްސަލައާ ގުޅިގެން އީރާނުގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް، އެމެރިކާގެ އެތެރޭގެ ކަންކަމުގައި އީރާނުން ނުފޫޒު ފޯރުވަމުންދާ ކަމަށް އެމެރިކާއިން ކުރިން ކޮށްފައިވާ ތުހުމަތުތައް އީރާނުން ދަނީ ދޮގުކުރަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމަށާއި، އެކަމާ ބެހޭ މަޢުލޫމާތު އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ޓްރަމްޕަށް ފޯރުކޮށްދީފައިވާ ކަމަށް އޭނާގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

ޓްރަމްޕްގެ ކެމްޕޭން ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އެމެރިކާގައި ހަމަނުޖެހުން އުފެއްދުމުގެ މަޤްޞަދުގައި، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އަވަހާރަކޮށްލުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެވިފައިވާ،" ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް މި ބަޔާނުގައި ފާހަގަކޮށްފައެއް ނުވެއެވެ. އަދި ބަޔާނުގައި ފާހަގަކޮށްފައި މިވަނީ ކުރިން ދެވިފައިވާ އިންޒާރުތަކެއް ކަމެއް ނުވަތަ ފަހުން ދީފައިވާ އިންޒާރުތަކެއް ކަމެއް ވެސް ސާފެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އީރާނުގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް، އެމެރިކާގެ އެތެރޭގެ ކަންކަމުގައި އީރާނުން ނުފޫޒު ފޯރުވަމުންދާ ކަމަށް އެމެރިކާއިން ކުރިން ކޮށްފައިވާ ތުހުމަތުތައް އީރާނުން ވަނީ ދޮގުކޮށްފައެވެ.

އީރާނުން ޓްރަމްޕަށް ހަމަލާދޭން ރާވާކަމުގެ ތުހުމަތުތަކާ ގުޅިގެން ޓްރަމްޕް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އީރާނުން އޭނާގެ ފުރާނަ ދުއްވާލާނެ ކަމުގެ ބޮޑެތި އިންޒާރުތައް ދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

"އީރާނުން މިހާރުވެސް އަންނަނީ މަސައްކަތްކުރަމުން. އެކަން ކާމިޔާބެއް ނުވި. އެހެންނަމަވެސް، އެމީހުން އަނެއްކާވެސް މަސައްކަތްކުރާނެ،" ޓްރަމްޕް އެކްސްގައި ވިދާޅުވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވެފައިވަނީ އޭނާއަށް ހަމަލާއެއް ދިނުމަކީ 'ހަމަލާދޭ ފަރާތުން އަމިއްލައަށް މަރުވާން އެދުން' ކަމަށެވެ.

އީރާނުގެ މައްޗަށް ތުހުމަތު ކުރެވިފައި މިވަނީ ދާދީ ފަހުން ޓްރަމްޕް އަވަހާކޮށްލުމަށް ދެފަހަރެއްގެ މަތިން އޭނާއަށް ހަމަލާދީފައި ވަނިކޮށެވެ.

ނަމަވެސް، މި ދެ ހަމަލާގެ ފަހަތުގައި އީރާނުގެ އަތެއް ވާކަމެއް ސީދާކޮށް ތަހުގީގަށް އަދި ސާފުވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް