Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 06:13
ރައީސް މުއިއްޒު އާއި ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ނިއުޔޯކުގައި ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން
ރައީސް މުއިއްޒު އާއި ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ނިއުޔޯކުގައި ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ފަލަސްތީން-ރާއްޖެ
ރައީސް މުއިއްޒު ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އާ ބައްދަލު ކުރައްވައިފި
ފަލަސްތީނުގެ ހައްގުގައި ކުރަންޖެހޭ ކޮންމެ ކަމެއް ރާއްޖެއިން ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި
އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ ސަތޭކަ ދުވަހަށް ވުރެ ގިނަ ވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އާ ބައްދަލު ކުރައްވާ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އާ ބައްދަލު ކުރެއްވުމަށްފަހު މީޑިއާ އާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ، ދިވެހި އެންމެހާ ރައްޔިތުން ތިބީ ފަލަސްތީނާ އެކުގައި ކަމަށާއި، ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާއި، ހިންގަމުންދާ ޖަރީމާތަކާ ބެހޭ ގޮތުންނާއި، މިނިވަން ފަލަސްތީން ދައުލަތެއް ގާއިމް ކުރުމާ ބެހޭ ގޮތުން މަހްމޫދު އައްބާސް އާ އެކު ބޭއްވެވި ބައްދަލު ވުމުގައި ވާހަކަފުޅު ދެއްކެވި ކަމަށެވެ.

"ދިވެހި ކޮންމެ ރައްޔިތަކު ވަނީ ފަލަސްތީނާ އެކު، އެހެން ތަފާތު ވިސްނުމެއް މިކަމުގައި ނެތް،" ފަލަސްތީނުގެ ރަމްޒެއްގެ ގޮތުގައި ބޭނުން ކުރާ ކުފިއްޔާ ފޮތިކޮޅު އަޅުއްވައިގެން ހުންނެވި ޑރ. މުއިއްޒު ވިދާޅުވިއެވެ.

Advertisement

މުއިއްޒު ވިދާޅުވީ، މާޒީގައިވެސް އަދި މިހާރުވެސް އަދި ކުރިއަށް އޮތްތާނގައިވެސް ރާއްޖެއިން ހުރިހާ ގޮތަކުންވެސް ފަލަސްތީނަށް ރާއްޖެއިން ތާއީދު ކުރާނެ ކަމަށެވެ.

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އާ ބައްދަލު ކުރައްވާ އަދި އޭގެ ފަހުން މީޑިއާ އަށް ވާހަކަފުޅު ދައްކަވަމުން ފަލަސްތީނަށް ކުރައްވާ ތާއީދު ޑރ. މުއިއްޒު ހާމަކުރެއްވި އިރު ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޣައްޒާ އަށް އަރާ ހުއްޓުމެއްނެތި އުދުވާނީ ހަމަލާތައް ދެމުންދާ އިޒްރޭލު މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައުން މަނާ ކުރުމަށް އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލަ ސަރުކާރުގެ ރަބަރ ސްޓޭމްޕެއްގެ ގޮތުގައި މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ ސަތޭކަ ދުވަހަށް ވުރެ ވަނީ އިތުރުވެފައެވެ. އެ މައްސަލަ މަޖިލީހުގައި އޮއްވާ އޭގެ ފަހުން މަޖިލީހަށް ހުށަހެޅުނު ކަންކަން ސަރުކާރުން އެދުނު ގޮތައް ދައުރުގެ ތެރޭގައި އާއި ދައުރުން ބޭރުން ނިންމާދީފައިވާކަން ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން، ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ޓްރާންސިޓް ކުރެއްވި އިރު ޑރ. މުއިއްޒުގެ ޕީއާރު ޓީމުން އުފެއްދި ވީޑިއޯ އެއްގައި އިޒްރޭލުން ހިންގާ ގަތުލުއާންމަށް ވާގިވެރިވާ ވިޔަފާރިއެއްގެ ގޮތުގައި ފާހަގަ ކޮށް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވާ ކޮސްޓާ ކޮފީ ޑރ. މުއިއްޒު ހިތްޕަވާ ވީޑިއޯ އެއް އާންމު ވުމާ ގުޅިގެން އާންމުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ.

ޣައްޒާ އަށް އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ މަރުގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 41,431 ށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. ހޯމަ ދުވަހު އެކަނިވެސް ފަލަސްތީނުގެ 24 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި އަންހެނަކާއި އޭނާގެ ހަތަރު ދަރިންވެސް ހިމެނެއެވެ. އޭގެ އިތުރުން އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު، 95,818ށް ވުރެ ވަނީ މައްޗަށް ގޮސްފައެވެ.

Advertisement

Advertisement
- ކޮމެންޓް