ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 07:54
ދެކުނު ލުބުނާން އަށް އިޒްރޭލުގެ ހަނގުުރާމަމަތީ ބޯޓުފަހަރުން ދިން ހަމަލާތަކުގެ މަންޒަރެއް
ދެކުނު ލުބުނާން އަށް އިޒްރޭލުގެ ހަނގުުރާމަމަތީ ބޯޓުފަހަރުން ދިން ހަމަލާތަކުގެ މަންޒަރެއް
އޭއެފްޕީ
ލުބްނާން-އިޒްރޭލް ހަމަނުޖެހުން
ލުބުނާނުގައި ތިބި އެމެރިކާ ރައްޔިތުން ވީ އެންމެ އަވަހަކަށް ފޭބުމަށް އަންގައިފި
އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް ހޫނުވެ ހަނގުރާމައިގެ ހާލަތު ގޯސްވަމުންދާކަން އެމެރިކާގެ ޚާރިޖިއްޔާ އިން ވަނީ ފާހަގަ ކޮށްފައި

ލުބުނާނުގައި ތިބި އެމެރިކާ ރައްޔިތުން ވީ އެންމެ އަވަހަކަށް ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހޮނިހިރު އަންގައިފިއެވެ.

އެމެރިކާގެ ރައްޔިތުންނަށް މި އިރުޝާދު އެ ގައުމުގެ ސަރުކާރުން ދިން އިރު އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް ހޫނުވެ ހަނގުރާމައިގެ ހާލަތު ގޯސްވަމުންދާކަން ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ފާހަގަ ކޮށްފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުން އެމެރިކާގެ ރައްޔިތުންނަށް އަންގާފައިވަނީ ކޮމާޝަލް ފްލައިޓްތަކުން ދަތުރުކުރުމުގެ ފުރުސަތު އޮއްވާ އަވަހަށް ލުބުނާނުން ފުރައިގެން ދިއުމަށެވެ.

"ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ހާލަތަކީ ކުރިއަށް އޮތްގޮތް ލަފާނުކުރެވޭފަދަ ކަމަކަށްވެފައި، ބެއިރޫތު ހިމެނޭގޮތަށް ލުބުނާނުގެ އެކި ސަރަޙައްދުތަކުގައި ފަހަކަށްއައިސް ހިނގާފައިވާ ގޮވުންތަކާ ގުޅިގެން، އެމެރިކާގެ އެމްބަސީން އެ ޤައުމުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް ގޮވާލަނީ، ކޮމާޝަލް ދަތުރުފަތުރުގެ ފުރުޞަތުތައް އަދިވެސް އޮތްއިރު ލުބުނާނުން ފުރައިގެން ދިއުމަށެވެ،" ސްޓޭޓް ޑިޕާޓްމަންޓުން އަޕްޑޭޓްކޮށްފައިވާ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވެއެވެ.

ހޮނިހިރު ދުވަހުގެ ރޭވެސް ލުބުނާނުގެ ދެކުނުގެ ސަރަހައްދަށް އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ހަމަލާ ދީފައެވެ.

ހޮނިހިރު ދުވަހު ހިޒްބުﷲ އިން ވެސް ވަނީ އިޒްރޭލުގެ އަސްކަރީ ޓާގެޓްތަކަށް ރޮކެޓް ހަމަލާތައް ދީފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ، ލުބުނާނުގެ އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދީފައިވާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުގެ ރާމަތް ޑޭވިޑް އެއަރބޭސްއަށް "ފާދީ 1" އަދި "ފާދީ 2" މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ. ހައިފާ ކައިރީގައި އޮންނަ މި އެއަރބޭސްއަށް 2006 ވަނަ އަހަރުގެ ޖުލައި މަހު ހިނގި ހަނގުރާމަ އަށް ފަހު ހަމަލާއެއް ދިންކަމަށް ރިޕޯޓް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން މިބާވަތުގެ މިސައިލް ހަމަލާ ދިނުމަށް ބޭނުން ކުރި މިއީ ފުރަތަމަ ފަހަރުކަންވެސް ރިޕޯޓްތަކުގައި ވެއެވެ.

"މިއީ ދެ ފަރާތުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުން އިތުރުވެ، ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެކެވެ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް