ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 12:27
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
އަލް ނަސްރު
ސައުދީ ޕްރޯ ލީގު
ޕިއޯލީގެ އިރުޝާދުގެ ދަށުން އަލް ނަސްރު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ
އެ މަގާމަށް ޕިއޯލީ ހަމަޖެއްސީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ލުއިސް ކަސްޓްރޯ ވަކި ކުރުމަށްފަހު އެވެ.

ސައުދީ ޕްރޯ ލީގުގައި އަލް އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 3-0ންނެވެ. މިއީ އަލް ނަސްރުގެ ކޯޗުކަމާ ސްޓެފާނޯ ޕިއޯލީ ހަވާލުވީ ފަހުން، އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އެ މަގާމަށް ޕިއޯލީ ހަމަޖެއްސީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ލުއިސް ކަސްޓްރޯ ވަކި ކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އަލް ނަސްރުން އެއް ލަނޑު ޖެހިއިރު، އަނެެއް ދެ ލަނޑު ވެސް އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން ރޮނާލްޑޯ ޖެހި ލަނޑެކެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އަލް ނަސްރުގެ ދެ ވަނަ ލަނޑު ޖެހީ ސަލީމް އަލް ނަޖުދީ އެވެ. އަދި މެޗުގައި އަލް ނަސްރުގެ ތިން ވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖެހީ ޓަލިސްކާ އެވެ.

މޮޅާއެކު އަލް ނަސްރުން ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް