Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 19:36
ބަންކަރިން  ޚިދުމަތް ދޭން ތެޔޮ ބޯޓު
ބަންކަރިން ޚިދުމަތް ދޭން ތެޔޮ ބޯޓު
އެމްޕީއެލް
ބަންކަރިންގ ޚިދުމަތް ފެށުން
އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތް ފަށައިފި
ބަންކަރިންގެ ޚިދުމަތް ފެށީ ބައިނަލްއަގުވާމީ މެރިޓައިމް އިދާރާތަކުން ގަބޫލުކުރާ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީއާއެކު
މިއީ ކާމިޔާބު ސިނާއަތަކަށް ވާނެކަމުގެ އުންމީދު އެބައޮތް
ބަންކަރިން ފެށިއިރު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓު

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫގައި ހިމެނޭ އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތް އިފްތިތާހް ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހއ.ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގައި ހއ.އަތޮޅު ތަމްސީލްކުރާ 5 މެމްބަރުންނެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. މި ޚިދުމަތާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، މި ޚިދުމަތް ކުރިއަށް ގެންދާނީ ދެ ވައްތަރެއްގެ ކާގޯއިން ކަމަށެވެ.

ޝިމާދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ރާއްޖެއިން ފަށަނީ ބައިނަލްއަގުވާމީ މެރިޓައިމް އިދާރާތަކުން ގަބޫލުކުރާ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީއަކާ ވެސް އެކު ކަމަށެވެ. މީގެ އިތުރަށް ރާއްޖެއަކީ މެރިޓައިމް ދާއިރާގެ މުއާހަދާ އައިއެމްއޯ ސޮލަސް މުއާހަދާގެ ފަހުގެ އިސްލާހުތަކާ އެކު ތަސްދީގުކޮށް، އެ މުއާހަދާއަށް އަމަލުކުރަމުން އަންނަ ގައުމެއް ކަމަށާއި، އަދި މާޕޯލްގެ ގިނަ ޗެޕްޓާތައް ވެސް ވަނީ ފުރިހަމަކޮށްފައިކަން ޝިމާދު ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން ބުނީ އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ދޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެން ކަމަށާއި، އަދި ބަންކަރިންގ ޚިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ އެކުންފުނިން ކަމަށެވެ. އަދި މިއީ ކާމިޔާބު ސިނާއަތަކަށް ވާނެކަމުގެ އުންމީދު ކުރާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. 

Advertisement

އެސްޓީއޯއިން ބުނީ އޮފްޝޯ ޚިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން ފެށިއިރު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެއް ކަމަށެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލް އަގުވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރ ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށް ފައިވާ ބޯޓުފަހަރެވެ.

މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓެވެ

އެސްޓީއޯއިން މި ޚިދުމަތް ދިނުމުގައި ބައިވެރިވާ ވިޓޯލްއަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ޚިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ފަށާ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ކަމަށާއި، ވާދަވެރި ބާޒާރެއްގައި ހުންނަ ގޮންޖެހުތަކާއެކު އޭގެ %1 އަށް ޚިދުމަތް ދެނުވު ނަމަވެސް ބަންކަރިންގެ ޚިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިން ޚިދުމަތުގެ ތެރެއިން ރާއްޖެއިން ދޭނެ އިތުރު ބައެއް ޚިދުމަތްތަކަކީ:

  1. ކްރޫ ޗޭންޖް ނުވަތަ ފަޅުވެރިން ބަދަލުކުރުން 
  2. ޕްރޮވިޝަން އައި ޝިޕް ސްޓޯރސް އަދި ސްޕެއަރ ޕާރޓްސް އާއި ރިޕެއަރ
  3. ސާފު ބޯފެން ފޯރުކޮށްދިނުން

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ ދުނިޔޭގައި އެކަންކުރާ އެންމެ މަތީފެންވަރުގެ ސަލާމަތީ ކަންކަން ބަލައިގެން ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން ބަންކަރިން ހިދުމަތް ދޭނެ އޮފް ޕޯޓް ލިމިޓް ޒޯން ވަނީ ކަނޑައެޅިފަ އެވެ. އަދި ބަންކަރިން ޚިދުމަތް ދޭ އުޅަނދުތަކުން ބޭނުންވާ ލިޔެކިޔުންތަކުގެ ކަންކަން ހަމަޖެއްސުމާއި އެހެނިހެން ހުއްދަތަކާއި ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކަސްޓަމްސް އާއި އިމިގްރޭޝަން އަދި ސިފައިންގެ ފެސިލިޓީތައް ހިމެނޭ ގޮތުން ބަންކަރިން ޚިދުމަތަށް ހާއްސަ އޮފީސްތައް ގާއިމް ކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތަށް ރާއްޖެ ސަރަހައްދަށް ވަންނަ އުޅަނދުތަކުން ފައިބާ ބޯޓުތަކުގެ ފަޅުވެރިން ތިބެން ޖެހޭނީ މިދެންނެވި ޚާއްސަ ސަރަހައްދުގައި އެކަންޏެވެ. އަދި މިކަންކަން ކަށަވަރުކުރުމުގައި ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ އުސޫލުތަކަށް އަމަލުކުރާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް