ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 10:36
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް
މިހާރު
އެފްއޭއެމް
ނޯމަލައިޒިންް ކޮމެޓީން ބުނީ، ބައްސާމާ ބައްދަލު ކުރަން ފީފާ އިން ހުއްދައެއް ނުދޭ ކަމަށް
ސަބަބަކީ އެ މެމްބަރުން ފީފާާގެ ސަސްޕެންޝަންގައި ތިބުމުން ކަމަށް ވެސް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމެޓީގެ ކުރީގެ ބައެއް މެމްބަރުންނާ ބައްދަލު ކުރުމަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ހުއްދައެއް ނުދޭ ކަމަށް، އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ކުޅިވަރު ވަޒީރު ޒުހޫރު މިހެން ވިދާޅުވީ، އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިއީ ފީފާ އިން ރާއްޖެ ނޯމަލަައިޒް ކުރަން ނިންމައި، އެ ކޮމެޓީ އަށް ފަސް މެމްބަރުންް ނެގި ފަހުން، އެ ކޮމެޓީން މީޑިއާތަކާ ބައްދަލު ކުރި ފުރަތަމަ ފަހަރެވެ.

އެ ބައްދަލުވުމުގައި އެ ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޒުހޫރު ވިދާޅުވީ، އެފްއޭއެމްގެ ކުރީގެ ހިންގާ ކޮމެޓީގައި ތިއްބެވި ބައެއް މެމްބަރުންނާ ބައްދަލު ކުރުމަށް ފީފާގެ އެތިކްސް ކޮމެޓީ އިން ހުއްދަ ނުދޭ ކަމަށެވެ. ސަބަބަކީ އެ މެމްބަރުން ފީފާާގެ ސަސްޕެންޝަންގައި ތިބުމުން ކަމަށް ވެސް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ ތެރެއިން ފީފާ އިން ސަސްޕެންޑު ކުރީ އޭރު ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލް އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ ހިންގާ ކޮމެޓީގެ ދައުރު ވަނީ ހަމަވެފަ އެވެ. ދެ ވަނަ ދައުރަކަށް ރައީސްކަން ކުރައްވަމުން އަންނަނިކޮށް، ބައްސާމްގެ ދައުރު ހަމަވެފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. އޭނާގެ ދައުރު ހަމަވީއިރު، ފީފާ އިން ހުރީ އޭނާގެ ސަސްޕެންޑު ކޮށްފަ އެވެ. ބައްސާމާ ގުޅުން ހުރި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، ފީފާ އިން އޭނާ ސަސްޕެންޑު ކުރީ ނުވަ މަސް ދުވަހުގެ މުއްދަތަކަށެވެ. ބައްސާމްގެ ދައުރު ހަމަވީއިރު، އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް އެކި ފަހަރުގެ މަތިން ކުރަމުން އައި މަސައްކަތް އޮތީ ނާކާމިޔާބުވެފަ އެވެ.

މީގެ އިތުރުން ޒުހޫރު ވިދާޅުވީ އެ ހިންގާ ކޮމެޓީގެ އެހެން މެމްބަރުންނާއި، ނޯމަލައިޒިން ކޮމެޓީއާ ދެމެދު ވާހަކަ ދެކެވި، މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން އެފްއޭއެމްގެ ރަސްމީ އީމެއިލް އެކައުންޓާއި، އެފްއޭއެމްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ އެކްސަސް ހޯދުމަށް ނޯމަލައިޒިން ކޮމެޓީން އެދިފައިވާނެ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ. އަދި އެކަމުގައި ނޯމަލައިޒިން ކޮމެޓީ އަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާކަން ވެސް ޒުހޫރު ފާހަގަ ކުރެއްވި އެވެ.

ބައްސާމާއެކު އޭނާގެ ދައުރުގައި އެފްއޭއެމްގެ ނާއިބު ރައީސްކަން ކޮށްފައި ވަނީ ކުރީގެ ޤައުމީ ފޯވާޑު، އަލީ އުމަރު އެވެ. އެ ދައުރުގެ ޖެނަރަލް ސެކްރެޓަރީ އަކަށް އެންމެ ފުރަތަމަ ހުންނެވީ ޙުސެއިން ޖަވާޒް (ޖަވާ) އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހު ކޮޅު ޖަވާ ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެއަށްފަހު ވަގުތީ ޖެނެރަލް ސެކްރެޓަރީ އަކަށް އައްޔަންކޮށްފައި ވަނީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް