ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 16:57
ޣައްޒާއަށް އިޒްރޭލުން ދިން ހަމަލާއަށްފަހު
ޣައްޒާއަށް އިޒްރޭލުން ދިން ހަމަލާއަށްފަހު
އޭޕީ
ފަލަސްތީން - އިޒްރޭލް ހަނގުރާމަ
ރަފަހް ގައި އިޒްރޭލުގެ 4 ސިފައިން މަރާލައިފި، ޣައްޒާގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު 348 އަށް
އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު ވަނީ 41,252 ށް އަރާފައި، އޭގެ އިތުރުން މި ހަމަލާތަކުގައި 95,497 މީހުން ވަނީ ޒަޚަމްވެފައެވެ.

ފަލަސްތީނުގެ ރަފަހްގައި އިޒްރޭލުގެ 4 ސިފައިން މަރުވެއްޖެ ކަމަށް އިސްތިއުމާރީ އަސްކަރިއްޔާގެ ތަރުޖަމާނު ބުދަ ދުވަހު ބުނެފިއެވެ. މީގެ އިތުރުން، އިޒްރޭލުގެ 7 ސިފައިން ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން 3 މީހުންގެ ހާލަތު ސީރިއަސް ކަމަށް ބުނެފައިވެއެވެ.

އިޒްރޭލުގެ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އިޒްރޭލު ސިފައިންނަށް ހަމަލާ ދިނީ ޣައްޒާގެ ދެކުނުގައިވާ ރަފަހް ސިޓީގައި އައި.އީ.ޑީ (އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް) އެއް ގޮއްވާލުމުގެ ސަބަބުންނެވެ.

މި މަރުތަކާއެކު، ޣައްޒާގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު 348 އަށް އަރާފައިވެއެވެ.

އަނެއްކޮޅުން އަންގާރަ ދުވަހުގެ ހެނދުނު، އިޒްރޭލު ސިފައިންވަނީ އަލް-ބުރައިޖް ރެފިއުޖީ ކޭމްޕަށް ވައިގެ މަގުން ހަމަލާ ދީ، މަދުވެގެން ފަލަސްތީނުގެ 23 މީހުން ޝަހީދުކޮށް، 50 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވެއެވެ.

އަލް-ބުރައިޖް ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން މި އަނިޔާވެރި ހަމަލާ ހަމާސްއާއި އެހެނިހެން ފަލަސްޠީނުގެ ދިފާއީ ގްރޫޕްތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އެ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އިޒްރޭލުން މިފަދަ ޖަރީމާތައް ހިންގަމުންދަނީ "ހަނގުރާމައިގައި އާންމުން ރައްކާތެރި ކުރުމަށް ބައިނަލް އަގްވާމީ މުޖްތަމައުން އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި ފަސްޖެހި، ބައިނަލްއަގްވާމީ ޤާނޫނުތައް ތަންފީޒުކުރުމުގައި ވާގި ނެތިފައިވުމުން،" ކަމުގައެވެ.

އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށީ 7 އޮކްޓޯބަރު 2023 ގައެވެ.

މި އުދުވާނީ ހަމަލާތައް ފެށިގެން މިހިސާބަށް އައިއިރު، އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން 41,252 ފަލަސްޠީނު މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ އިތުރުން މި ހަމަލާތަކުގައި 95,497 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް