އެމީހެއްގެ އަމިއްލަ ގައުމުން ހައްޖު ދަތުރު ފެށުމުގެ ކުރިން ސައުދީ އޮފިޝަލުން އައިސް ޕާސްޕޯޓް ޕްރޮސެސް ކޮށްދިނުމުގެ ޚިދުމަތް މިއަހަރު ފަށައިފިއެވެ.
މުޅިން އަލަށް ސައުދީ ސަރުކާރުން ފެށި މި ޚިދުމަތް ފުރަތަމަ ދިނީ މެލޭޝިއާއިން މިއަހަރު ހައްޖަށްދާ މީހުންނަށެވެ. މި ޚިދުމަތް ދިނުމަށް ސައުދީ ޕާސްޕޯޓް އޮފީހުގެ އޮފިޝަލުންވަނީ މެލޭޝިއާއަށް އައިސް މެލޭޝިއާގެ އޮފިޝަލުންނާ ގުޅިގެން އެ ގައުމުން މިއަހަރު ހައްޖަށް ފުރާ މީހުންގެ ޕާސްޕޯޓު ބެލުންތައް ބަލާ ފުރިހަމަ ކޮށްދީފައެވެ.
މި ގޮތުން މެލޭޝިއާއިން ހައްޖަށް ދާ މީހުން ޖިއްދާ އެއަރޕޯޓުގައި މަޑުކުރަން ނުޖެހޭނެ ކަމަށް ސައުދީގެ އޮފިޝަލުންވަނީ ހާމަކޮށްފައެވެ. ކުރިން ޖިއްދާ އެއަރޕޯޓުގައި ކުރަމުން އައި ފިންގަޕްރިންޓް ނެގުމާއި، ފޮޓޯ އާއި ހައްޖަށް އަންނަ މީހާގެ މައުލޫމާތު ސިސްޓަމަށް އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކުއަލަލަމްޕޫރު އެއަރޕޯޓުގައެވެ. އެހެން ކަމުން ޖިއްދާ އެއަރޕޯޓުގައި ހަމައެކަނި އޮންނާނީ ޕާސްޕޯޓު ޗެކް ކޮށްލުން ކަމަށް ވެސް ސައުދީ އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ސައުދީ އަރަބިއްޔާގެ އޮފިޝަލުން ބުނެފައިވަނީ މިއީ މި ޚިދުމަތް އަޖުމަ ބެލުމުގެ ގޮތުން ދިން ފުރަތަމަ ފަހަރު ކަމަށާއި ކުރި މަގުގައި ހައްޖަށް މީހުން ފޮނުވާ އެހެން ގައުމުތަކަށްވެސް މި ޚިދުމަތް ދޭނެ ކަމަށެވެ.