ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 07:29
ލެބަނަންގެ އެކި ކަންކޮޅުތަކުގައި މުވާސަލާތުކުރުމަށް ބޭނުންކުރާ ޕޭޖަރުތައް ގޮވި ހާދިސާގައި ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންނަނީ
ލެބަނަންގެ އެކި ކަންކޮޅުތަކުގައި މުވާސަލާތުކުރުމަށް ބޭނުންކުރާ ޕޭޖަރުތައް ގޮވި ހާދިސާގައި ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންނަނީ
ރޮއިޓާސް
ލުބްނާން
ލުބުނާންގައި ޕޭޖަރުތައް ގޮވި ހާދިސާ އަކީ އެނގިގެން ހިނގި ކަމެއް ނޫން ކަމަށް އެމެރިކާ އިން ބުނެފި
ހިޒްބުﷲ އިން ބުނެފައިވަނީ މި އަނިޔާވެރި ޖަރީމާ އަށް އަދަބު ދޭނެ ކަމުގައި

ލުބުނާނުގައި އަންގާރަ ދުވަހު ހިނގި ޕޭޖަރ ގޮވުންތަކުގައި އެމެރިކާގެ އަތެއް ނުވާ ކަމަށާއި، މި ހާދިސާއާ ބެހޭ މަޢުލޫމާތު އެއްކުރަމުން ދާކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

އިޒްރޭލުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މި ސައިބަރ ހަމަލާގައި ހިޒްބުﷲ އަށް ނިސްބަތްވާ ޕާލަމެންޓް މެންބަރެއްގެ ދަރިކަލެއްގެ އިތުރުން، ކުޑަ އަންހެން ކުއްޖަކު މަރުވެފައިވާއިރު، ބެއިރޫތުގައި ހުންނަވާ އީރާނުގެ ސަފީރުގެ އިތުރުން މި ގޮވުންތަކުގައި 2،750 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، އޭގެ ތެރެއިން 200 މީހުންގެ ހާލަތު ނުރައްކާތެރި ކަމަށް ލުބްނާންގެ ސިއްހަތާ ބެހޭ މިނިސްޓްރީން ވަނީ ބުނެފައެވެ.

"މި ހާދިސާ ހިނގުމުގެ ކުރިން އެމެރިކާއަށް އެކަމުގެ މަޢުލޫމާތު ލިބިފައެއް ނުވޭ،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެޓް މިލަރ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

"މި ހާދިސާގެ ބޭނުން ހިފައިގެން ސަރަޙައްދުގައި އިތުރު ހަމަނުޖެހުމެއް ހިނގާފާނެ ކަމެއް ނުކުރުމަށް އެމެރިކާއިން އީރާނަށް ގޮވާލަން،" މިލަރ އިތުރަށް ވިދާޅުވިއެވެ.

އެމެރިކާ މިކަމުގައި ބައިވެރިވެފައި ނުވާ ކަމަށް ބުނި ނަމަވެސް އެމެރިކާގެ އޮފިޝަލެއް އަލް އަރަބިއްޔާ އިނގިރޭސި ޗެނަލަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެމެރިކާއިން މިކަން ގާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ. ޕެންޓަގަނުންވެސް މި ވާހަކަތައް ތަކުރާރުކޮށް، އެމެރިކާ މިކަމުގައި ބައިވެރި ނުވާކަމަށް ބުންޏެވެ.

ބެއިރޫތުން މިކަމުގެ ޒިންމާ އިޒްރޭލުގެ ބޮލުގައި ވަނީ އަޅުވާފައެވެ. ހިޒްބުﷲ އިން ބުނެފައިވަނީ މި އަނިޔާވެރި ޖަރީމާ އަށް އަދަބު ދޭނެ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް