ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 06:56
ސެޕްޓެމްބަރ 17 ވަނަ ދުވަހު ލުބުނާންގެ އެކި ސަރަޙައްދުތަކުގައި ޕޭޖަރުތައް ގޮވުމުގެ ހާދިސާގައި ގެއްލުން ލިބުނު މީހަކު ބޭރޫތުގެ އެމެރިކަން ޔުނިވަރސިޓީ މެޑިކަލް ސެންޓަރަށް ގެންދަނީ
ސެޕްޓެމްބަރ 17 ވަނަ ދުވަހު ލުބުނާންގެ އެކި ސަރަޙައްދުތަކުގައި ޕޭޖަރުތައް ގޮވުމުގެ ހާދިސާގައި ގެއްލުން ލިބުނު މީހަކު ބޭރޫތުގެ އެމެރިކަން ޔުނިވަރސިޓީ މެޑިކަލް ސެންޓަރަށް ގެންދަނީ
ރޮއިޓާސް
ލުބްނާން
ލުބުނާނުގައި ޕޭޖަރުތައް ގޮއްވާލީ އިޒްރޭލުން: ހިޒްބުﷲ
"މި ފާފަވެރި، އަނިޔާވެރި އަމަލުގެ އަދަބު ކަށަވަރުންވެސް ލިބޭނެ" ކަމަށް ހިޒްބުﷲ އިން ބުނޭ

ލުބްނާނުގައި އަންގާރަ ދުވަހު ހިނގި ޕޭޖަރުތައް ގޮވުމުގެ ހާދިސާ އަކީ އިޒްރޭލުން ހިންގި ޖަރީމާއެއް ކަމަށް ހިޒްބުﷲ އިން ބުނެފިއެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ މި ގޮވުންތަކުގެ "ފުރިހަމަ ޒިންމާ" އިޒްރޭލުން ނަގަންޖެހޭނެ ކަމަށެވެ.

މި ހާދިސާގައި މަދުވެގެން 9 މީހުން މަރުވެ، 2،800 މީހުންނަށް އެކި ވަރުގެ އަނިޔާވިއެވެ. އަނިޔާވި މީހުންގެ ތެރެއިން މަދުވެގެން 200 މީހުންގެ ޙާލަތު ވަރަށް ނުރައްކާތެރި ކަމަށް ލުބްނާނުގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.

މަރުވި މީހުންގެ ތެރޭގައި 9 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ޒުވާން ފިރިހެން ކުއްޖަކު ހިމެނެއެވެ. ލުބުނާނުގައި ހުންނަވާ އީރާނުގެ ސަފީރު މުޖްތަބާ އަމާނީވެސް ވަނީ މި ހާދިސާގައި ޒަޚަމްވެފައެވެ. އޭނާގެ އަނބިކަނބަލުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ވަނީ ޕޭޖަރު ގޮވުމުގެ ހާދިސާގައި ސަފީރު ޒަޚަމްވިކަން ކަށަވަރުކޮށްދެއްވާފައެވެ. ސަފީރަށް ލިބުނު އަނިޔާތައް ސީރިއަސް ނޫން ކަމަށާއި އޭނާ ހޮސްޕިޓަލުގައި އޮބްޒަވޭޝަންގައި އޮންނެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޕޭޖަރު ގެންގުޅުނު ބައެއް މީހުންނަށް ޕޭޖަރުތައް ގޮވުމުގެ ކުރިން ހޫނުވަމުން ދިޔަކަން ވަނީ ފާހަގަކުރެވިފައެވެ.

މި ގޮވުންތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނުމަށް އިޒްރޭލުން ވަނީ އިންކާރުކޮށްފައެވެ.

ދާދި އެއް ވަގުތެއްގައި އެކި ސަރަހައްދުތަކުގައި ހިނގި ގޮވުންތައް ހިނގާފައިވަނީ، އުތުރު އިޒްރޭލަށް ހިޒްބުﷲ އިން ދޭ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުން މީހުން ހުސްކުރުމަށްފަހު އަލުން އެމީހުން ގެނެސް އެ ސަރަހައްދުގައި ވަޒަންވެރި ކުރުވުމަށް  އިޒްރޭލުގެ ކެބިނެޓުން ނިންމި ތާ 24 ގަޑިއިރު ނުވަނީހެވެ.

ހިޒްބުﷲ ގެ އެންމެ ފަހުގެ ބަޔާނުގައި ބުނެފައިވަނީ، ހަމަލާތަކާ ގުޅޭ ހުރިހާ ހަޤީޤަތްތަކަކާއި ލިބެން ހުރި މަޢުލޫމާތު ދިރާސާކުރުމަށްފަހު، އާންމު ރައްޔިތުންނަށްވެސް އަމާޒުކޮށް ގިނަ ބަޔަކު ޝަހީދުކޮށް އަދި އެތައް ބަޔަކު ޒަޚަމްކުރި މި ޖިނާއީ އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ އިޒްރޭލުގެ ވެރިކަމުން އުފުލަންޖެހޭނެ ކަމަށެވެ.

"ޚިޔާނާތްތެރި އަދި ކުށްވެރި ދުޝްމަނަށް މި ފާފަވެރި، އަނިޔާވެރި އަމަލުގެ އަދަބު ކަށަވަރުންވެސް ލިބޭނެއެވެ،" ހިޒްބުﷲ ގެ ބަޔާނުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް